ވޯލްޑް އެތުލެޓިކްސް އިންޑޯ ޗެމްޕިއަންޝިޕްގައި ރާއްޖެ ތަމްސީލްކުރާނީ ސާއިދު

1 މާރިޗު 2025 - 18:12 0


ވޯލްޑް އެތުލެޓިކްސް އިންޑޯ ޗެމްޕިއަންޝިޕްގައި ރާއްޖެ ތަމްސީލްކުރާނީ ސާއިދު

1 މާރިޗު 2025 - 18:12 0

ޗައިނާގައި މި މަހު ކުރިއަށްދާ ވޯލްޑް އެތުލެޓިކްސް އިންޑޯ ޗެމްޕިއަންޝިޕްގައި ރާއްޖެ ތަމްސީލްކުރުމުގެ ފުރުސަތު، ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ، ހަސަން ސާއިދު އަށް ލިބިއްޖެ އެވެ.

އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ހާމަކުރި ގޮތުގައި، މި މަހުގެ 21-23 އަށް ޗައިނާގެ ނަންޖިންގައި ކުރިއަށްދާ ވޯލްޑް އެތުލެޓިކްސް އިންޑޯ ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ފަރާތުން ވާދަކުރުމުގެ ފުރުސަތު ލިބުނީ، ސާއިދު އަށް ކަމަށެވެ.

ވޯލްޑް އިންޑޯ ޗެމްޕިއަންޝިޕަށް ދާނެ އެތުލީޓަކު ކަނޑައެޅުމަށް ކުރިއަށްގެންދިޔަ ޓައިމް ޓްރަޔަލްގައި ސާއިދު ވަނީ، ޖެމެއިކާގައި ޓްރެއިނިން ފުރިހަމަ ކުރަމުން އަންނަ ގައުމީ ޓީމުގެ، އިބާދުﷲ އާދަމް ފަހަތަށް ޖައްސާލައިފަ އެެވެ. އެ ގޮތުން، ސާއިދު ސްޕޯޓްސްގެ ސާއިދު ވަނީ 60 މީޓަރު ރޭސް 6.83 ސިކުންތުން ނިންމައިފަ އެވެ. މިދިޔަ އަހަރު ޕެރިސް އޮލިމްޕިކްސްގައި ވާދަކުރި، އިބާދުﷲގެ ޓައިމިން އަކީ، 6.90 އެވެ.

މި ފަހަރުގެ ޓައިމް ޓްރަަޔަލްގައި އެންމެ ކުރިއަށްދިޔަ ދެ އަންހެން އެތުލީޓުންނަށް ބަލާއިރު، ގައުމީ ޓީމުގެ އަހްނާ ނިޒާރުގެ ޓައިމިން އަކީ، 7.87 ސިކުންތެވެ. އަދި ދެ ވަނަ އަށް ދިޔަ، ކުޑަ ހުސެން ސްޕޯޓްސް ކްލަބްގެ މަރިޔަމް ރޫޔާ އަލީ ވަނީ 7.92 ސިކުންތުން ނިންމައިފަ އެވެ.

ރާއްޖޭގެ އެންމެ ކާމިޔާބު އިންޑިވިޖުއަލް އެތުލީޓު، ސާއިދު، 32، ވަނީ މީގެ ކުރިން ވެސް ވޯލްޑް އިންޑޯ ޗެމްޕިއަންޝިޕްތަކުގައި ވާދަކޮށްފަ އެވެ. އެ ގޮތުން، މިދިޔަ އަހަރު ސްކޮޓްލެންޑްގައި ބޭއްވި ވޯލްޑް އިންޑޯ އެތުލެޓިކްސް މުބާރާތާއި 2022 ވަނަ އަހަރު ސާބިއާގައި ބޭއްވި ވޯލްޑް އިންޑޯ އެތުލެޓިކްސް މުބާރާތުގައި ސާއިދު ވަނީ ވާދަކޮށްފަ އެވެ.

މީގެ އިތުރުން، މިދިޔަ އަހަރު އިރާނުގައި ބޭއްވި އޭޝިއާގެ އިންޑޯ މުބާރާތުގައި ވެސް ސާއިދު ވަނީ ވާދަކޮށްފަ އެވެ.