ނާކާމިޔާބީގެ ޒިންމާ ނަގައި ބަޓްލާ ކެޕްޓަން ބޭންޑް ދޫކޮށްލައިފި

1 މާރިޗު 2025 - 04:10 0


ނާކާމިޔާބީގެ ޒިންމާ ނަގައި ބަޓްލާ ކެޕްޓަން ބޭންޑް ދޫކޮށްލައިފި

1 މާރިޗު 2025 - 04:10 0

ކަރާޗީ، ޕާކިސްތާން (މާޗް 1) - މިހާރު ކުރިއަށްދާ ޗެމްޕިއަންސް ޓްރޮފީ ކްރިކެޓް މުބާރާތުގެ ގްރޫޕް ސްޓޭޖުން އިންގްލެންޑް ޓީމު ކެޓުމުން އާ ލީޑަޝިޕަކަށް ފުރުސަތު ދޭން އެ ޓީމުގެ ކެޕްޓަންކަމުން ޖޯޝް ބަޓްލާ އަމިއްލަ އަށް ވަކިވެއްޖެ އެވެ.

ޗެމްޕިއަންސް ޓްރޮފީގައި ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަަ ދެ މެޗުން އޮސްޓްރޭލިއާ އާއި އަފްގާނިސްތާން އަތުން ބަލިވެ، އިންގްލެންޑް ވަނީ ކަޓައިފަ އެވެ. މި ނަތީޖާއާ އެކު، ވަން ޑޭ އިންޓަނޭޝަނަލް (އޯޑީއައި) ގައި އެންމެ ފަހުން، އިންގްލެންޑް ކުޅުނު 21 މެޗުގެ ތެރެއިން 15 މެޗުން ވަނީ ބަލިވެފަ އެވެ.

ގްރޫޕްގެ ފަހު މެޗުގައި، ދެކުނު އެފްރިކާއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން، ބަޓްލާ، 34، ބުނީ، މި މުބާރާތަށް ފަހު، އިންގްލެންޑްގެ އޯޑީއައި ކެޕްޓަންކަން ދޫކޮށްލަން ނިންމާފައިވާ ކަމަށެވެ.

"މިއީ އަހަންނަށް ވެސް އަދި މި ޓީމަށް ވެސް އެންމެ ރަނގަޅު ގޮތް،" ބަޓްލާ ބުންޏެވެ.

އިއޮއީން މޯގަން، 2022 ވަނަ އަހަރު ރިޓަޔާކުރުމުން، އިންގްލެންޑްގެ ކެޕްޓަންކަމާ ހަވާލުވި ބަޓްލާ ވަނީ، އެ އަހަރު ބޭއްވި، ޓީ20 ވޯލްޑް ކަޕްގެ ޗެމްޕިއަންކަން އިންގްލެންޑަށް ހޯދައިދޭން މުހިންމު ރޯލެއް އަދާކޮށްފަ އެވެ.

އެކަމަކު، ތަށި ދިފާއުކުރަން ނުކުމެ، އެންމެ ފަހުން ދެ ވޯލްޑް ކަޕްގައި ވެސް އިންގްލެންޑަށް ކުރިމަތިލާން ޖެހުނީ، ދެރަ ނަތީޖާތަކާ އެވެ. އެއީ، 2023 ވަނަ އަހަރު އިންގްލެންޑްގައި އޮތް ލިމިޓެޑް 50 އޯވަރުގެ ވޯލްޑް ކަޕާއި މިދިޔަ އަހަރުގެ ޓީ20 ވޯލްޑް ކަޕަށް ނުކުމެ އެވެ.

އޯޑީއައި ފޯމެޓްގައި، ބަޓްލާގެ ކެޕްޓަންކަމުގައި އިންގްލެންޑުން 44 މެޗު ކުޅުނުއިރު، 18 މެޗުން މޮޅުވި އެވެ. އަދި، 25 މެޗުން ބަލިވިއިރު، އެއް މެޗު ނިންމާލަން ޖެހުނީ ނަތީޖާއެއް ނުނެރެ އެވެ. ބަޓްލާގެ ކެޕްޓަންކަމުގައި އިންގްލެންޑްގެ ޓީ20 ޓީމުގެ ރެކޯޑް ރަނގަޅެވެ. މީގެ ތެރެއިން، 51 މެޗުން 26 މެޗުން މޮޅުވިއިރު، 22 މެޗުން ވަނީ ބަލިވެފަ އެެވެ. އަދި، ނަތީޖާއެއް ނުނެރެ، ތިން މެޗެއް ނިމުނެވެ.