Advertisement

ވިލިއަމްސަން، ނިއު ޒީލެންޑުގެ ޓީ20 ޓީމަށް ކުޅުން ހުއްޓާލައިފި

3 ނޮވެންބަރު 2025 - 11:03 0


ވިލިއަމްސަން، ނިއު ޒީލެންޑުގެ ޓީ20 ޓީމަށް ކުޅުން ހުއްޓާލައިފި

3 ނޮވެންބަރު 2025 - 11:03 0

ވެލިންޓަން، ނިއު ޒީލެންޑް (ނޮވެމްބަރު 3) - ނިއު ޒީލެންޑް ގައުމީ ކްރިކެޓް ޓީމުގެ ކުރީގެ ކެޕްޓަން، ކޭން ވިލިއަމްސަން، އެ ގައުމުގެ ޓީ20 ގައުމީ ޓީމުން ރިޓަޔާކޮށްފައިވާ ކަމަށް ބުނެފި އެވެ.

އުމުރުން 35 އަހަރުގެ ވިލިއަމްސަން މިހާރު ތައްޔާރުވަމުން އަންނަނީ ނިއު ޒީލެންޑްގެ ޓެސްޓް ކްރިކެޓް ގައުމީ ޓީމުގައި ހިމެނިގެން، ވެސްޓް އިންޑީސްއާ ދެކޮޅަށް އަންނަ މަހު ތިން މެޗުގެ ސީރީސްއެއް ކުޅުމަށެވެ. ވިލިއަމްސަން މިހާރު ނިންމާފައިވަނީ، ޓީ20 ކްރިކެޓްގައި ހަމައެކަނި ފްރެންޗައިސް މުބާރާތްތަކުގައި ކުޅުމަށެވެ.

ވިލިއަމްސަން ބުނީ، ޓީ20 ޓީމުން އޭނާ ރިޓަޔާކުރިކަން ދުރާލާ ޓީމަށް އެންގީ ހަގީގަތުގައި ޓާގެޓްތަކެއް ކަނޑައަޅައިގެން ކުރިއަށްދިއުމަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.


ޓީ20 ކްރިކެޓްގައި ނިއު ޒީލެންޑުގައި ވަރަށް ހުނަރު އެބައޮތްކަން ފާހަގަކޮށް ވިިލިއަމްސަން ބުނީ، އާ ލީޑަރުންތަކެއް އައިސް ޓީމު ގޮވައިގެން ކުރިއަށް ގޮސްފިނަމަ ކާމިޔާބު ހޯދުމުގެ ފުރުސަތު ނިއު ޒީލެންޑަށް ބޮޑު ކަމަށެވެ.

ނިއު ޒީލެންޑަށް 93 ޓީ20 މެޗު ކުޅެދިން، ވިލިއަމްސަން ވަނީ އެ މެޗުތަކުގައި 2575 ލަނޑު ހަދައިފަ އެވެ. އެއީ، އެވްރެޖް 33.44 ސްޓްރައިކް ރޭޓުގަ އެވެ. ނިއު ޒީލެންޑްގެ ޓީ20 ކެޕްޓަނެއްގެ ގޮތުގައި ހުރެ، ވިލިއަމްސަން ވަނީ 2021 ވަނަ އަހަރުގެ ޓީ20 ވޯލްޑް ކަޕް ފައިނަލަށް އެ ޓީމު ގެންގޮސްދީފަ އެވެ. ފައިނަލުގައި އޮސްޓްރޭލިއާ އަތުން ބަލިވިއިރު، އެ މެޗުގައި އެންމެ ގިނަ ލަނޑު (85 ލަނޑު) ހެދީ ވިލިއަމްސަން އެވެ.

ވިލިއަމްސަން، ޓީ20 ގައި ނިއު ޒީލެންޑަށް ކުޅެން ފެށީ 2011 ވަނަ އަހަރު އެވެ. މިދިޔަ އަހަރު ޖޫންގެ ފަހުން، ނިއު ޒީލެންޑްގެ ޓީ20 މެޗަކުން ވިލިއަމްސަން ނުފެނެ އެވެ.

އައިސީސީ ޓީ20 ވޯލްޑް ކަޕް އޮތީ އަންނަ އަހަރުގެ ފެބްރުއަރީ މަަހު އިންޑިއާ އާއި ސްރީ ލަންކާގަ އެެެވެ.