Advertisement

އާންމުކުރި ލިސްޓުން 3,119 މީހުން ބާކީ ކުރުމަށް ފަހު، ރައީސް ވިދާޅުވީ ހުންނެވީ ފްލެޓާ ގުޅިގެން ވީ ވައުދުގެ މަތީގައި ކަމަށް

27 ފެބުރުވަރީ 2025 - 22:16 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ރައީސް ޑރ. މުހައްމަދު މުއިއްޒު: ލިސްޓުން 3,119 މީހުން ބާކީ ކުރުމަށްފަހު، ރައީސް ވިދާޅުވީ ވައުދާ ހިލާފު ނުވާނެ ކަމަށް -- ފޮޓޯ: ރައީސް އޮފީސް


އާންމުކުރި ލިސްޓުން 3,119 މީހުން ބާކީ ކުރުމަށް ފަހު، ރައީސް ވިދާޅުވީ ހުންނެވީ ފްލެޓާ ގުޅިގެން ވީ ވައުދުގެ މަތީގައި ކަމަށް

27 ފެބުރުވަރީ 2025 - 22:16 0

މިދިޔަ ސަރުކާރުން ކުރިއަށް ގެންދިޔަ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ލިބޭނެ ކަމަށް އިއުލާނުކުރި ލިސްޓުގައި ހިމެނުނު މީހުންގެ ތެރެއިން 3،119 ބާކީކޮށް ފްލެޓު ލިސްޓު ނެރުމަށް ފަހު ވެސް، ހުންނެވީ ފްލެޓުތަކާ ގުޅިގެން ކުރިން ވެސް ވެވަޑައިގެންނެވި ވައުދުގެ މަތީގައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމުގެ ކުރިން އަދި ވެރިކަމަށް ވަޑައިގަތުމަށްފަހު ވެސް އެމަނިކުފާނު ވިދާޅުވީ އެއްވެސް ރައްޔިތަކަށް ލިބިފައި އޮތް ގޯއްޗެއް ނުވަތަ ފްލެޓެއް އަތުނުލާނެ ކަމަށް ކުރިން ވިދާޅުވި ވައުދުގެ މަތީގައި ދެމި ހުންނަވާނެ ކަމަށެވެ.

އިއްޒުއްދީން ފާލަން ހުޅުވަން މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވިދާޅުވީ ފްލެޓް ލިސްޓު ނެރުނީ އޭސީސީން ފާހަގަކޮށްފައި ހުރި ކަންކަމަށް ބަލައި، ކުރީ ސަރުކާރުން އިއުލާންކުރި ޝަރުތުތަކަށް ޕޮއިންޓް ދޭ އުސޫލަށް ބަލައިގެން ކަމަށެވެ.

"މިދިޔަ ސަރުކާރުން އިއުލާންކުރި ލިސްޓުގައި ހުރި އެކި މައްސަލަތައް ބަލައި، އޭސީސީން ފާހަގަކޮށްފައި ހުރި ކަންކަން ބަލައި، އެ ސަރުކާރުން އިއުލާންކުރި ޝަރުތުތަކަށް ޕޮއިންޓް ދޭނެ އުސޫލާއި މި ހުރިހާ ކަމަކަށް އަލި އަޅުވާލައިގެން އޭގެ ހުރި ގޮތަށް ބަލައި ލިސްޓު ނެރެފި،" ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑު ވައުދުވިން އެމީހަކަށް، އެ ރައްޔިތަކަށް ލިބިފައި އޮތް ގޯއްޗެއް، ފްލެޓެއް އަތުނުލާނަމޭ. އެ ވައުދުގެ މަތީގައި އެދުވަހު ވެސް މިއަދު ވެސް މާދަމާ ވެސް އަޅުގަނޑު ހުންނާނީ."

ރައީސް މުއިއްޒު ވިދާޅުވީ މިއަދު ނެރުނު ފްލެޓް ލިސްޓަކީ ނުފޫޒުން އެއްކިބާވެ ނެރެފައިވާ ހަމައެކަނި ފްލެޓް ލިސްޓު ކަމަށާއި އެ ޔަގީންކަން ހުރިހާ ރައްޔިތުންނަށް އަރުވާ ކަމަށެވެ.

މީގެއިތުރުން ލިސްޓުގައި ނުހިމެނު މީހުން ޝަކުވާ ހުށަހަޅަން އޮތް 30 ދުވަހުގެ މުއްދަތުގެ މުއްދަތުގެ ބޭނުން ހިފައި އޮޅުންފިލުވުމަށް ރައީސް ވަނީ އެދިވަޑައިގެންފަ އެވެ.

މި ސަރުކާރަކީ ހަމަހަމަކަމާއި އެކު ހިދުމަތްކުރަން އައި ސަރުކާރެއްކަން ފާހަގަކުރައްވާ ރައީސް މުއިއްޒު ވަނީ މީހަކަށް ލިބިފައި އޮތް އެއްޗެއް މި ސަރުކާރުން އަތުނުލާނެކަން ތަކުރާރު ކުރައްވާފަ އެވެ.

މިދިޔަ ސަރުކާރުން ފްލެޓު އިއުލާނުކުރި ލިސްޓުގައި ޝަރުތު ހަމަވާ ކަމަށް ކަނޑައެޅި 4,939 މީހުންގެ ތެރެއިން އިވެލުއޭޝަން ނިމުނުއިރު:

  • ފްލެޓު ނުލިބޭނެ ކަމަށް ކަނޑައެޅި 3119 މީހުންނަކީ ފްލެޓު ލިބޭ ވަރަށް ޝަރުތު ހަމަނުވާ ކަމަށް މި ސަރުކާރުން ކަނޑައެޅި 2695 މީހުންނާއި އިވެލުއޭޝަން ނިމުނުއިރު ފްލެޓު ލިބޭ ވަރަށް ޕޮއިންޓު ނުލިބުނު 424 މީހުން
  • ތިން ކޮޓަރީގެ ފްލެޓު ލިބޭނެ ކަމަށް މިދިޔަ ސަރުކާރުން ކަނޑައެޅި 3,721 މީހުންގެ ތެރެއިން ވެރިފިކޭޝަނަށް ފަހު 75 ޕޮއިންޓަށް ވުރެ މަތިން ޕޮއިންޓު ލިބިގެން ފްލެޓު ލިބެނީ 1,423 މީހުންނަށް
  • ދެ ކޮޓަރީގެ ފްލެޓު ލިބޭނެ ކަމަށް މިދިޔަ ސަރުކާރުން ކަނޑައެޅި 1,218 މީހުންގެ ތެރެއިން ޝަރުތު ހަމަވެ 73 ޕޮއިންޓަށް ވުރެ މަތިން ލިބިފައި ވަނީ 397 މީހުންނަށް