27 ފެބުރުވަރީ 2025 - 12:32 1
އަހުމަދު އާއިދު
ޖޭއެސްސީގެ އިއްޔެ ނިންމުމާމެދު ކަންބޮޑުވުން ފާޅުކުރަނީ ވަކީލުން ޖޭއެސްސީގައި: އެ ކޮމިޝަނަށް ދިޔަ ވަކީލުން ވަނީ ވަކީލުން ތަމްސީލުކުރާ މެންބަރު ވޯޓު ދިންތޯ ސާފުކުރަން ސިޓީއަކުން އެދިފައި --- ފޮޓޯ: އަދަދު
27 ފެބުރުވަރީ 2025 - 12:32 1
ސުޕްރީމް ކޯޓުގެ ތިންް ފަނޑިޔާރަކު ސަސްޕެންޑު ކުރަން އިއްޔެ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބޭއްވި ކުއްލި ބައްދަލުވުމުގައި ގާނޫނީ ވަކީލުންގެ ފަރާތުން އެ ކޮމިޝަނަށް ހޮވާފައި ހުންނަ މެންބަރު ވޯޓު ދިން ގޮތް ހޯދަން ވަކީލުންތަކެއް ޖޭއެސްސީއަށް ސިޓީއެއް ފޮނުވައިފި އެވެ.
ޖޭއެސްސީގެ އިއްޔެ ނިންމުމާމެދު ކަންބޮޑުވުން ފާޅުކޮށް އެ ކޮމިޝަނުގައި ހުންނަ ވަކީލުންގެ މެންބަރު ވޯޓު ދެއްވި ގޮތް ހޯދަން ވަކީލުންތަކެއް މިއަދު ވަނީ އެ ކޮމިޝަނަށް ގޮސްފަ އެވެ. ސިޓީ ހުށަހެޅީ އެ ތަނުގައި ތިބި ހުރިހާ ވަކީލުންގެ ސޮޔާއެކު އެވެ.
އެ ކޮމިޝަނުގައި ހުންނަ ވަކީލުންގެ މެންބަރަކީ އަލީ އަބްދުއްލަތީފެވެ.
ޖޭއެސްސީގެ ރައީސް ހުސެއިން ރިޒާ އާދަމަށް ރައްދުކޮށް ވަކީލުން ލިޔުނު ސިޓީގައި އެދިފައި ވަނީ އިއްޔެގެ ބައްދަލުވުމުގައި އަލީ ބައިވެރިވިކަމާއި ފަނޑިޔާރުން ސަސްޕެންޑުކުރަން ނެގި ވޯޓުގައި އޭނާ ވޯޓު ދެއްވި ގޮތް ސާފުކޮށްދެއްވުމަށެވެ.
ސިޓީ ބަލައިގަތްކަމުގެ ލިޔުން ޖޭއެސްސީގެ އިދާރީ މުވައްޒަފުން ވަނީ ވަކީލުންނާ ހަވާލުކޮށްފަ އެވެ.
ތިންް ފަނޑިޔާރަކު ސަސްޕެންޑު ކުރަން އިއްޔެ ހެދުނު ޖޭއެސްސީ އިން ބޭއްވީ ކުއްލި ބައްދަލުވުމުގައި ބައިވެރިވާން ދީފައި ވަނީ އެންމެ 13 މިނެޓުގެ ނޯޓިހެކެވެ.
ބައްދަލުވުމަށް އެހާ ކުރު ނޯޓިހެއް ދިނުމުން ކޯޓުތަކުގައި ބިޒީކޮށް މަސައްކަތް ކުރައްވާ އެއްވެސް ފަނޑިޔާރަކަށް އެ ބައްދަލުވުމަށް ހާޒިރު ނުވެވުނު ކަމަށް މި ނޫހާ ވާހަކަ ދެއްކެވި ޖޭއެސްސީގެ މެންބަރަކު ވިދާޅުވި އެވެ. ބައްދަލުވުން ފަސްކޮށްދޭން ބައެއް ފަނޑިޔާރުން އެދުމުން އެކަން ކުރަން ކޮމިޝަނުން ވަނީ ދެކޮޅު ހަދައިފަ އެވެ.
ފަނޑިޔާރުން ސަސްޕެންޑުކުރީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ ފަނޑިޔާރުންގެ ޖިނާއީ ތަހުގީގެއް ހިންގަމުންދާ ކަމުގެ މައުލޫމާތު ދިނުމުން ޖޭއެސްސީ އިން ބުނެ އެވެ. ނަމަވެސް އެ ތަހުގީގުގެ އެއްވެސް ތަފުސީލެއް އަދި ކުރާ ތުހުމަތައް ހާމަކުރަން އޭސީސީން ވަނީ ދެކޮޅު ހަދާފަ އެވެ.
ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑު ކުރިއިރު، ސިޔާސީ ޕާޓީއަކުން ވަކިކޮށްފި ނަމަ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް ގެނައި އިސްލާހު ބާތިލް ކުރަން ހުށަހަޅާފައި އޮތް މައްސަލައިގެ އަޑުއެހުމެއް ތާވަލުކޮށްފައިވަނިކޮށެވެ. އެ އަޑުއެހުން ފަހުން ވަނީ ކެންސަލްކޮށްފަ އެވެ.
އެ މައްސަލަ ސުޕްރީމް ކޯޓުގައި ކުރިއަށް ދަނިކޮށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރަކު ވަކި ކުރަން މަޖުބޫރުވާ ގޮތަށް ވަނީ އިއްޔެ ބިލެއް ފާސްކޮށްފަ އެވެ. ބިލު ފާސް ކުރީ ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދު ކުރުމަށެވެ.
ފަނޑިޔާރުން ވަކި ކުރުމުގެ ބިލު ތަސްދީގު ކުރުމުގެ ކުރިން ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑު ކުރަން ޖޭއެސްސީއިން މި ނިންމީ، ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް ކުރިން ނެތީސް، ހަމައެކަނި ބިލުގެ ބޭނުމަށް ފަނޑިޔާރެއްގެ މައްސަލަ ބަލައި ވަކި ކުރުމަކީ އިންސާފު ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ރޭ ލަފާ ދެއްވި ފަހުންނެވެ.
އިއްޔެ ފާސް ކުރި ބިލުގައިވާ ގޮތުން، ބިލުގެ ބޭނުމަށް ވަކި ކުރާ ދެ ފަނޑިޔާރުން މަގާމަށް ގާބިލު ނޫން ކަމަށް ކަނޑައަޅަންޖެހެ އެވެ. އަދި ގާބިލު ނޫން ކަމަށް ކަނޑައަޅާއިރު، ފަނޑިޔާރުންނަށް ޖަވާބުދާރީވުމުގެ ފުރުސަތު ކޮންމެހެން ދޭކަށް ނުޖެހެ އެވެ.
Comment