Advertisement

އާސެނަލް ސޮއްސާލާއިރު، ލިވަޕޫލުން ތާވަލުގެ ކުރީގައި ހަމަޖެހިލަނީ

27 ފެބުރުވަރީ 2025 - 09:45 0


އާސެނަލް ސޮއްސާލާއިރު، ލިވަޕޫލުން ތާވަލުގެ ކުރީގައި ހަމަޖެހިލަނީ

27 ފެބުރުވަރީ 2025 - 09:45 0

ލަންޑަން (ފެބްރުއަރީ 27) - އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލުން ރޭ ނޮޓިންހަމް ފޮރެސްޓާ 0-0 އިން އެއްވަރުވިއިރު، ލިވަޕޫލުން 2-0 އިން ނިއުކާސަލް ޔުނައިޓެޑް ބަލިކޮށް ލީގުގެ އެއް ވަނައިގައި 13 ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

އެއް ވަނައިގައި އޮތް ލިވަޕޫލަށް 28 މެޗުން 67 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް އާސެނަލަށް 27 މެޗުން ވަނީ 54 ޕޮއިންޓް ލިބިފަ އެވެ. ތިން ވަަނައިގައި އޮތް ނޮޓިންހަމް ފޮރެސްޓުން ވަނީ 27 މެޗުން 48 ޕޮއިންޓް ހޯދައިފަ އެވެ. އަދި، ރޭ ޓޮޓެންހަމް ހޮޓްސްޕާސް ދަނޑުގައި 1-0 އިން މޮޅުވި، އެންމެ ފަހުގެ ޗެމްޕިއަން، މެންޗެސްޓާ ސިޓީ ހަތަރު ވަނަ އަށް ޖެހިލީ، 27 މެޗުން 48 ޕޮއިންޓާ އެކު އެވެ.

ލިވަޕޫލަށް ރޭގެ މެޗުގެ ފުރަަތަމަ ހާފުގައި ލީޑުނަގައިދިނީ މި ވަގުތު ރަނގަޅު ފޯމެއްގައި ކުޅެމުން އަންނަ މިޑްފީލްޑަރު، ޑޮމިނިކް ސޮބޯސްލާއި އެވެ. މިއީ، ލުއިސް ޑިއާޒް ދިން ބޯޅައަކުން ސޮބޯސްލާއި ޖެހި ގޯލެކެވެ. ދެ ވަނަ ހާފުގައި ލިވަޕޫލްގެ ދެ ވަނަ ގޯލު ޖެހީ، މުހައްމަދު ސަލާހު ދިން ބޯޅައަކުން އަލެކްސިސް މެކް އަލިސްޓާ އެވެ.

މި މެޗުގައި އަނިޔާގެ ސަބަބުން ނިއުކާސަލް ޔުނައިޓެޑްގެ ފޯވާޑް، އަލެކްސަންޑަ އިސާކް ނުކުޅޭއިރު، ލިވަޕޫލްގެ ކޯޗު އާނާ ސްލޮޓް އިނީ ބެންޗަށް ނާދެވޭ ގޮތަށް ސަސްޕެންޝަނުގަ އެވެ. ސްލޮޓް، ސަސްޕެންޑްކޮށްފައިވަނީ ދެ މެޗަށެވެ.

އާސެނަލުން ފޮރެސްޓް ދަނޑުގައި ލަނޑު ޖެހޭތޯ ގިނަ އެޓޭކްތަކެއް ކުރިއިރު، އެ ޓީމުގެ ރިކާޑޯ ކަލަފިއޯރީ ޖެހި ޝޮޓެއް ދަނޑިއަށް ވެސް އަމާޒުވިއެވެ. އާސެނަލްގެ އީތަން ންވަނޭރީ އާއި މާޓިން އޮޑެގާޑް އަދި ލެއަންޑްރޯ ޓްރޮސާޑް އަށް ލިބުނު ބޯޅަތަކުގައި ބޭނުމެއް ނުހިފުނެވެ.

އަމިއްލަ ދަނޑުގައި މެޗުގެ ބޮޑުބައި ކުޅުންތެރިއަކު މަދުކޮށް ކުޅުނު މެންޗެސްޓާ ޔުނައިޓެޑުން ވަނީ ރެލިގޭޝަނުގައި އޮތް އިޕްސްވިޗް ޓައުން އަތުން 3-2 އިން މޮޅުވެފަ އެވެ. މި މެޗުގައި، ޔުނައިޓެޑްގެ ޕެޓްރިކް ޑޯގޫ ކުރި ނުރައްކާތެރި ފައުލަކަށް ސީދާ ރަތް ކާޑެއް ދެއްކިއިރު، އިޕްސްވިޗްގެ ދެ ގޯލު ޖެހި، ޖެޑެން ފިލޮގޯނޭގެ ލަނޑުތައް ކާމިޔާބުކުރީ ޔުނައިޓެޑްގެ ކީޕަރު އަންދްރޭ އޮނާނާގެ ގޯސްތަކަކުންނެވެ.

މި މެޗުގައި، ޔުނައިޓެޑުން ފުރަތަމަ ފަހަރަށް އެއްވަރުކުރީ، އިޕްސްވިޗްގެ ސޭމް މޯރްސީ ބައިކޮޅަށް ޖެހި ގޯލުންނެވެ. އޭގެ ފަހުން، މަތައިސް ޑި ލިޓް ޔުނައިޓެޑްގެ ލަނޑެއް ޖަހައިދީ، ލީޑުނަގައިދިން ފަހުން، ޑޯގޫ އަށް ރަތް ކާޑު ދެއްކި އެވެ. އެއާ އެކު، އިޕްސްވިޗުން އެއްވަރުކުރި އެވެ. އޭގެ ފަހުން، ޔުނައިޓެޑް މޮޅުވި ގޯލު ޖެހީ ހެރީ މެގުއާ އެވެ.

މި މެޗުން ލިބުނު ތިން ޕޮއިންޓާ އެކު ޔުނައިޓެޑް އޮތީ، 27 މެޗުން 33 ޕޮއިންޓާ އެކު، ލީގުގެ 14 ވަނައިގަ އެވެ.