ދ. މީދޫ މީހުން ދަތުރު ދާން އުއްދޫ ދިނީ ސަން ސިޔާމް ދަނޑުވެރިކަން ކުރަމުން ދަނިކޮށް، އަތުލުމަށް ފަހު

27 ފެބުރުވަރީ 2025 - 05:13 0

ސާއިފް ޝިޔާދު

ސ

ދ. އުއްދޫ


ދ. މީދޫ މީހުން ދަތުރު ދާން އުއްދޫ ދިނީ ސަން ސިޔާމް ދަނޑުވެރިކަން ކުރަމުން ދަނިކޮށް، އަތުލުމަށް ފަހު

27 ފެބުރުވަރީ 2025 - 05:13 0

ދ. މީދޫ ރައްޔިތުން ދަތުރުދާނެ ރަށެއްގެ ގޮތުގައި އުއްދޫ ކަނޑައަޅައި އިއުލާނުކުރީ، އެ ރަށުގައި އެ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަދި ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް މުހައްމަދު ދަނޑުވެރިކަން ކުރަމުން ދަނިކޮށް، އޭނާ އަތުން ރަށް އަތުލުމަށް ފަހުކަން އެނގިއްޖެ އެވެ.

މީދޫއާ ކައިރީގައި އޮންނަ ގާތްގަނޑަކަށް 10 ހެކްޓަރުގެ އެ ރަށް ޕިކްނިކް އައިލެންޑެއްގެ ގޮތުގައި އިއުލާނު ކުރީ މި ހަފުތާގައި ރައީސް މުއިއްޒު މީދުއަށް ވަޑައިގެން ވާހަކަ ދައްކަވަމުންނެވެ.

މިހާރު އެ ރަށުގެ ބެލެނިވެރި ފަރާތެއްގެ ގޮތުގައި ކަނޑައަޅާފައިވާ ލޯކަލް ގަވަމެންޓު މިނިސްޓްރީ އެވެ.

އުއްދޫއަށް ދަތުރު ގޮސް އުޅުމުގެ ކަންކަން ވެސް އެ މިނިސްޓްރީން ފަހިވެގެން ދާނެ ކަމަށާއި އެ ތަފުސީލުތައް ކުރިއަށް އޮތް ދުވަސްތަކުގައި އިއުލާންކުރައްވާނެ ކަމުގައި ރައީސް ވިދާޅުވެފައިވެ އެވެ.

ސަރުކާރުން ބުނެފައި ވަނީ ޕިކްނިކް އައިލެންޑަކަށް އުއްދޫ ހެދީ ސިޔާމްއާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ކަމަށެވެ.

ނަމަވެސް އަދަދު ނޫހާ ވާހަކަ ދެއްކި ބައެއް މަސްދަރުތަކުން ބުނީ އުއްދޫ އަތުލީ އެއްބަސްވުން ހަމަވެގެން، އަލުން މުއްދަތު އިތުރުކޮށް ދީފައި ވަނިކޮށެވެ.

"އެހެންވެ އެ މައްސަލައިގައި ކޯޓަށް ދާންޖެހިއްޖެ ނަމަ [ސިޔާމް] ކޯޓަށް ވެސް ދާނެ. އެއީ މުދާ [ސަރުކާރުން] ފޭރުން،" މި ނޫހާ ވާހަކަ ދެއްކި ސިޔާމްގެ އަރިސް ބޭފުޅަކު ވިދާޅުވި އެވެ.

މިކަމާ ގުޅޭ ގޮތުން ސިޔާމްގެ ފަރާތުން ރަސްމީކޮށް ބަހެއް ހާމައެއް ނުކުރެ އެވެ.

އުއްދޫގައި މިހާރު ވެސް ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރަމުންނެވެ. އަގުބޮޑެތި މުދާ ވެސް އެ ރަށުގައި އެބަ ހުއްޓެވެ.

އެ ރަށުގައި ހުރި މުދަލުގެ ތެރެއިން ސިޔާމްއަށް ގެންދެވޭނީ ހަމައެކަނި ބާޖާއި އެކްސްކަވޭޓަރު ކަމަށް ލޯކަލް ގަވާމެންޓު މިނިސްޓަރު އާދަމް ޝަރީފަށް ސަރުކާރުގެ އިސް ފަރާތަކުން އެންގި ކަމަށް، ދާލު ދަތުރުގައި މި ފަހަރު ބައިވެރިވި މީހަކު، ނަން ނުޖެހުމަށް ޝަރުތުކޮށް މި ނޫހަށް ބުންޏެވެ.

މިކަމާ ގުޅޭ ގޮތުން ގުޅޭ ގޮތުން އާދަމް ޝަރީފުގެ ބަހެއް ލިބިފައެއް ނުވެ އެވެ.

ރިޔާސީ އިމްތިހާބުގެ ދެ ވަނަ ބުރުގައި ސިޔާމް ތާއިދު ކުރެއްވީ ރައީސް މުއިއްޒު އަށެވެ. އެއަށް ފަހު ކެމްޕޭނަށް ސާޅީހަކަށް މިލިއަން ރުފިޔާ ސިޔާމް ހޭދަ ކުރެއްވި ކަމަށް އޭނާގެ އަރިސް ބައެއް ބޭފުޅުން އަދަދު ނޫހަށް ވިދާޅުވި އެވެ. ނަމަވެސް މިހާރު ރައީސް މުއިއްޒު އާއި ސިޔާމްގެ ގުޅުން ދުރުކަން ފެންނަމުންދެ އެވެ.