Advertisement

ތިން ފަނޑިޔާރުން ސަސްޕެންޑުކުރީ ޖޭއެސްސީގެ ގާނޫނާ ހިލާފަށް: މަހްފޫޒު

26 ފެބުރުވަރީ 2025 - 14:04 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ލޯޔަރު މަހްފޫޒް ސައީދު (މ): ތިން ފަނޑިޔާރުން ސަސްޕެންޑުކުރީ ޖޭއެސްސީގެ ގާނޫނާ ހިލާފަށް ކަމަށް ވިދާޅުވި -- ފޮޓޯ: އަދަދު


ތިން ފަނޑިޔާރުން ސަސްޕެންޑުކުރީ ޖޭއެސްސީގެ ގާނޫނާ ހިލާފަށް: މަހްފޫޒު

26 ފެބުރުވަރީ 2025 - 14:04 0

ސިޔާސީ ޕާޓީތަކަށް މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ ބާތިލް ކުރަން ހުށަހަޅާފައި އޮތް މައްސަލައިގެ އަޑުއެހުން ފަށަން ކުޑަ ވަގުތުކޮޅަކަށްވެފައި އޮއްވައި، ޖުޑީޝަލް ސާވިސް ކޮމިޝަނުން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑުކުރީ ގާނޫނާ ހިލާފަށް ކަމަށް ލޯޔަރު މަހްފޫޒު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ސުޕްރީމް ކޯޓުގައި ބަލަމުންދާ ގޮނޑި ގެއްލޭ މައްސަލައިގައި ހިމެނޭ ގާނޫނީ ވަކީލުންގެ ޓީމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަހްފޫޒު ވިދާޅުވީ ޖޭއެސްސީގެ ގާނޫނު އޮތީ އެ ކޮމިޝަނަށް މައްސަލައެއް ހުށަހެޅޭ ހިސާބުން ވަގުތުން ސަސްޕެންޑު ކުރެވޭ ގޮތަށް ނޫން ކަމަށެވެ.

"ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގާނޫނުގެ 25 ވަނަ މާއްދާގެ (ލ) ގައި މި އޮންނަނީ ފަނޑިޔާރަކާ ގުޅޭ ގޮތުން މައްސަލައެއް ހުށަހެޅުނީމަ، މައްސަލަ ރައްދުވާ ފަނޑިޔާރު މަގާމުގެ މަސައްކަތުން ވަގުތީ ގޮތުން ދުރު ކުރަން ނިންމަން ވާނީ އެ މައްސަލައިގެ ބާވަތަށާއި ހުށަހެޅިފައިވާ ހެއްކަށާއި އެ ފަނޑިޔާރު މަސައްކަތުގައި ދެމި ހުރެއްޖެނަމަ މައްސަލަ ތަހުގީގު ކުރުމަށް އެޅިދާނެ ހުރަހަކަށާއި ޝަރުއީ ދާއިރާގެ އިތުބާރު ދެމެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް 60 ދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށް،" އޭނާ ވިދާޅުވި އެވެ.

މަހްފޫޒު ވިދާޅުވީ މިހާރު އޮތް ގާނޫނީ ނިޒާމު އެކަށައެޅިފައި އޮތީ ފަނޑިޔާރުންގެ މައްސަލަތައް ޖޭއެސްސީއަށް ހުށަހެޅުމުން ވަގުތުން ސަސްޕެންޑު ކުރެވޭ ގޮތަށް ނޫން ކަމަށެވެ. އެގޮތުން ޖޭއެސްސީން އެއްވެސް ވަރަކަށް އެ މައްސަލަ ބައްލަވާފައި ނެތްކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

"ޖުޑީޝަލް ސާވިސް ކޮމިޝަނުން ނެތް ބައްލަވާފައި މިއިން އެއްވެސް ކަމަކަށް. އަމުދުން އަޅުގަނޑުމެންނަށް ސާފުކޮށް އެނގޭ ޝަރުއީ ދާއިރާގެ އިތުބާރު ދެމެހެއްޓުމުގެ އަސާސްގެ މައްޗަށް އެބޭފުޅުން ބައްލަވާފައި ނެތްކަން،" މަހްފޫޒު ވިދާޅުވި އެވެ.

އޭގެއިތުރުން، މިއަދު ފެންނަމުންދާ މަންޒަރަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންވާ ގޮތަކަށް އަމަލު ކުރާ ތަނަކަށް ރައްޔިތުންގެ މަޖިލިސް ބަދަލުކޮށް، ޖޭއެސްސީގެ ފުރިހަމަ ބާރު ހޯއްދަވައި، ޖޭއެސްސީ މެދުވެރިކޮށް ސުޕްރީމް ކޯޓުގެ ބާރު ކަނޑުވާލައި، އެ ކޯޓުގައި ހިނގަމުންދާ ރައްޔިތުންނާ މިވަގުތު އެންމެ ބޮޑަށް ގުޅިފައިވާ މައްސަލަ ހުއްޓުވާފައިވާތަން ކަމަށް މަހްފޫޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި ގެންގުޅެން ވާނީ ތިން ބާރު ވަކިވެފައި އޮތް ނިޒާމެކޭ ކިޔައިގެން އުޅޭއިރު މިހާރު ފެންނަމުން މިދާ ކަންކަމުން އެ ހުރިހާ އަސާސްތައް މުގުރިފައިވާ ކަމަށެވެ.

ސުޕްރީމް ކޯޓުން ސަސްޕެންޑުކުރީ ފަނޑިޔާރު ހުސްނުއްސުއޫދު އާއި މަހާޒް އަލީ ޒާހިރާއި ޑރ. އައިޝަތު އަޒްމިރަލްދާ ޒާހިރެވެ.

އެ ތިން ފަނޑިޔާރުން ސަސްޕެންޑުކުރީ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކޮށް، އެ ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް ބަދަލު ކުރަން ސަރުކާރުން ހުށަހެޅި ބިލު މިއަދު ފާސްކުރިތާ މާގިނައިރުތަކެއް ނުވަނީސް އެވެ.