26 ފެބުރުވަރީ 2025 - 09:07 0
މުހައްމަދު ޝަހްޒާން
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ ހުސެއިން ވާހަކަދައްކަވަނީ: އޭނާ ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ދެކޮޅަށް ޖޭއެސްސީ އާއި އޭސީސީ މެދުވެރިކޮށް މައްސަލަ އުފައްދަމުންދާ ކަމަށް -- ފޮޓޯ: އަދަދު
26 ފެބުރުވަރީ 2025 - 09:07 0
ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑު ކޮށްފައި ވަނީ ނެތް މައްސަލައެއް އުފައްދައިގެން ކަމަށް ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު، އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަދުކުރަން މަޖިލީހުން މިއަދު ފާސްކުރި އިސްލާހާއެކު އެ ކޯޓުގެ ތިން ފަނޑިޔާރުން ސަަސްޕެންޑު ކުރުމާ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަލީ ހުސެއިން ވިދާޅުވީ މިއަދާ ހަމައަށް ވެސް އެންޓި ކޮރަޕްޝަން ކޮމިޝަނުން ފަނޑިޔާރެއްގެ މައްސަލައެއް ބަލަމުންދާކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.
އެހެންނަމަވެސް ހަމަ ކުއްލިއަކަށް މިއަދު މައްސަލައެއް ބަލާ ކަމަށް ބުނެ ފަނޑިޔާރުން ސަސްޕެންޑު ކުރުމުން އެނގެނީ ނެތް މައްސަލައެއް އޭސީސީން އުފެއްދިކަން ކަމަށް އަލީ ހުސެއިން ވިދާޅުވި އެވެ.
"އޮންނަ ޕްރޮސެސްގެ ތެރެއިން މިއަދަށް [އަޑުއެހުން] ހަމަ ރަނގަޅަށް ތާވަލުކުރެވިގެން މައްސަލައިގެ އަޑުއެހުން ތާވަލުކުރެވިފައި އޮއްވައި އަޅުގަނޑުމެންނަށް ނޫސް މީޑިއާއިން މި އެނގެނީ ވެސް އިނގޭތޯ، ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑު ކޮށްފިއޭ، އޭގެ ކުރިއަކުން އަޅުގަނޑުމެންނަކަށް އެއްވެސް ދިމާލަކުން މައުލޫމާތެއް ވެސް ލިބިފައެއް ނެތް، ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާ ބެހޭ އެއްވެސް ގުޅޭ އެއްވެސް މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަނުން ބަލާ ކަމެއް، އެެންވީމާ ސާފުކޮށް އަޅުގަނޑުމެންނަށް އެބަ އެނގޭ އެންޓި ކޮރަޕްޝަން ކޮމިޝަނުން އުފެއްދި މައްސަލައެއްކަން،" އަލީ ހުސެއިން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިހާރުގެ ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ އޮތީމާ އެ މެޖޯރިޓީ ބޭނުން ކޮށްގެން ހިތުހުތި ގޮތަކަށް ގާނޫނުތަކަށާއި ގާނޫނުއަސާސީއަށް އިސްލާހު ގެންނަމުންދާ ކަމަށެވެ. ފަނޑިޔާރުން ވަކި ކުރުމަށްޓަކައި އޭސީސީގެ އިތުރުން ޖޭއެސްސީ މެދުވެރިކޮށް ވެސް މައްސަލަތައް އުފައްދަމުންދާ ކަމަށް އަލީ ހުސެއިން ވިދާޅުވި އެވެ.
"މިއަށްވުރެ ބޮޑަކަށް ވަކިން ޖުޑީޝަރީއަކަށް ނުވަތަ ފަނޑިޔާރު ގެއަކަށް ނުފޫޒު ފޯރުވޭނެ ގޮތެއް އަޅުގަނޑުމެންނަކަށް ނުވިސްނޭ،" އަލީ ހުސެއިން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިއީ ސުޕްރީމް ކޯޓުން ބަލަމުންދާ މައްސަލައަށް ސީދާ ނުފޫޒު ފޯރުވުމަށް ސަރުކާރުން ކުރަމުންދާ ކަމެއް ކަމަށެވެ.
މިއަދު ކުއްލިއަކަށް އަވަސް އަރުވާލައިގެން މަޖިލީހުން އެ ބިލު ފާސްކޮށް ތިން ފަނޑިޔާރުން ސަސްޕެންޑު ކުރީ ސުޕްރީމް ކޯޓުން ވަގުތީ އަމުރެއް ނެރެފާނެ ކަމުގެ ބިރަށް ކަމަށް ވެސް އަލީ ހުސެއިން ވިދާޅުވި އެވެ.
އޭނާ ވިދަޅުވީ ސުޕްރީމް ކޯޓުން ބަލަމުންދާ ގާނޫނުއަސާސީއަށް އިސްލާހު ގެނައި މައްސަލައިގެ ހުކުމެއް އިއްވުމުގެ ކުރިން އެއްވެސް ފަރާތަކުން ފަނޑިޔާރުންނަށް ބިރު ދެއްކުމުގެ އެއްވެސް އަމަލެއް ނުކުރުމަށް އަންގައި ވަގުތީ އަމުރެއް ނެރެދޭން އެ ކޯޓުގައި އެދުނީ މިހާރު މި ހިނގާ ފަދަ ހާލަތެއް ކުރިމަތިވެދާނެ ކަމުގެ ބިރަށް ކަމަށެވެ.
ނަމަވެސް އެދުނު ގޮތަށް ވަގުތީ އަމުރެއް ސުޕްރީމް ކޯޓުން ނެރެ ނުދިނީ އެ ކޯޓުގެ ފަނޑިޔާރުން ސިޔާސީ ނުފޫޒުގައި ޖެހިފައި ނެތީމާ ކަމަށް އަލީ ހުސެއިން ވިދާޅުވި އެވެ.
"ބައެއް ބޭފުޅުން ވިދާޅުވާނެ ގާނޫނުއަސާސީގައި އޮތް ވާހަކައެކޭ، އެހެންވެގެން އަޅުގަނޑުމެން ހުށަހެޅީ، ގާނޫނުއަސާސީގައި އޮތް ވާހަކައެއް ވީމާ އެކަން ހަމަ ތަކުރާރުކޮށް އަދި ސުޕްރީމް ކޯޓު ލައްވައި އަދި ސުޕްރީމް ކޯޓު މެދުވެރިކޮށް އެ ވަގުތީ އަމުރު ނެރެވޭތޯ އަޅުގަނޑުމެން މަސައްކަތް ކުރީ، އެހެންނަމަވެސް އެ ބޭފުޅުން އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ސިޔާސީ ނުވާތީ އެ ބޭފުޅުންގެ އިހުލާސްތެރިކަން ހުރީމާ އެ ވަގުތީ އަމުރު ވެސް ކޮންމެހެން ހަމަ އަވަސް އަރުވާލައިގެން ނުނެރި އޮތީ،" އަލީ ހުސެއިން ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރާ ބިލު މަޖިލީހުން ފާސްކުރުމާއެކު އެ ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑު ކުރީ މަޖިލިސް މެންބަރުންނާ ސީދާ ގުޅޭ މައްސަލައެއް އެ ކޯޓުން ބަލަމުން ދަނިކޮށެވެ. ސުޕްރީމް ކޯޓުން ބަލަމުން ދަނީ މަޖިލިސް މެންބަރުންގެ މެންބަރުކަން ގެއްލުވައިލުމުގެ ބާރު، ސިޔާސީ ޕާޓީތަކަށް ލިބޭ ގޮތަށް ގާނޫނުއަސާސީ ބަދަލު ކުރި މައްސަލަ އެވެ.
ފަނޑިޔާރުންގެ އަދަދު މަދު ކުރާ ބިލު މަޖިލީހަށް ހުށަހެޅީ އެ މައްސަލަ ސުޕްރީމް ކޯޓަށް ބަލައިގަތުމުންނެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment