26 ފެބުރުވަރީ 2025 - 11:20 0
އަމަން ހަލީމް
26 ފެބުރުވަރީ 2025 - 11:20 0
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވާމުގެ ބާރު ސިޔާސީ ޕާޓިތަކަށް ދީ, ގާނޫނު އަސާސީއަށް ގެނައި ބަދަލުގެ މައްސަލަ ސުޕްރީމް ކޯޓުގައި ބަލަމުން ދަނިކޮށް, އެއްވެސް މެންބަރެއްގެ ގޮނޑި ނުގެއްލުވާލެވޭނެ ކަމަށް ނެރެދޭން އެދުނު ވަގުތީ އަމުރުގެ މައްސަލައިގައި މިއަދު ބާއްވަން އުޅުނު އަޑުއެހުން ކެންސަލްކޮށްފި އެވެ.
ވަގުތީ އަމުރުގެ މައްސަލައިގައި ބާއްވަން އުޅުނު އަޑުއެހުން މިއަދު ކެންސަލްކުރިއިރު, އެ އަޑުއެހުން ފަށަން ކުޑަތަންވެފައި ވަނިކޮށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަަސްޕެންޑުކޮށްފަ އެވެ.
ޖޭއެސްސީން ސަސްޕެންޑު ކުރީ ފަނޑިޔާރު ހުސްނުއްސުއޫދު އާއި މަހާޒް އަލީ ޒާހިރާއި ޑރ. އައިޝަތު އަޒްމިރަލްދާ ޒާހިރެވެ. ސަސްޕެންޑުކުރުމާ ގުޅިގެން ޖޭއެސްސީން ދާދި ދެންމެއަކު ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެ ފަނޑިޔާރުން ސަސްޕެންޑު ކުރީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށެވެ.
މި މައްސަލައިގައި ތާވަލުކުރި އަޑުއެހުން ކެންސަލްކުރީ އަޑުއެހުން ފަށަން ވެގެން, މައްސަލައިގައި ހިމެނޭ ގާނޫނީ ވަކީލުންނާއި ދައުލަތުގެ ވަކީލުންނާއި އަޑުއަހަން ވެސް މީހުން ވެސް ކޯޓަށް ވެއްދުމަށް ފަހުގަ އެވެ. އަދި އަޑުއެހުން ފަށަން ފޯނުތައް ނިއްވާލަން އަންގައި, ކޯޓު ރޫމު ވެސް ތައްޔާރުކުރުމަށް ފަހުގައި ކަމަށް އެނގިފައިވެ އެވެ.
ނަމަވެސް މައްސަލައިގެ އަޑުއެހުން ކެންސަލް ކުރި ސަބަބެއް އެއްވެސް ބަޔަކަށް އަންގާފައި ނުވާ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.
ފަނޑިޔާރުން ސަސްޕެންޑުކުރުމުގެ ކުޑައިރުކޮޅެއް ކުރިން, ރައްޔިތުންގެ މަޖިލީހުން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކުރަން ކޯޓުތަކުގެ ގާނޫނަށް ގެންނަ ބަދަލު ވެސް ފާސްކޮށްފަ އެވެ. މި ބިލު މަޖިލީހުން ފާސްކުރީ, އެ މައްސަލައިގެ ފުރަތަމަ ކިޔުން އަޑުއިއްވިތާ 48 ގަޑިއިރުގެ ތެރޭގަ އެވެ.
ސުޕްރީމް ކޯޓުގައި މިއަދަށް ތާވަލުކުރީ, އެ ކޯޓުން މައްސަލަ ބަލައި ނިމެންދެން މެންބަރަކު މަގާމުން ވަކިކުރުމުގެ އެއްވެސް އިޖުރާއަތެއް ނުހިންގުމަށް ދައުލަތުގެ ހުރިހާ އިދާރާތަކެއްގެ މައްޗަށް ވަގުތީ އަމުރެއް ނެރެދޭން އެދި ހުށަހެޅި މައްސަލައިގެ އަޑުއެހުމެކެވެ. މި ވަގުތީ އަމުރަށް އެދިވަޑައިގަތީ, އެ މައްސަލަ ކޯޓަށް ހުށަހެޅުއްވީ ގާނޫނީ ވަކީލު އަދި ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސެއިން އެވެ.
Comment