26 ފެބުރުވަރީ 2025 - 09:27 0
ސާއިފް ޝިޔާދު
ސެޕްޓެމްބަރު 10، 2024 ގައި މަރުވެފައި އޮއްވައި ފެނުނު ޒަކިއްޔާ މޫސާ، ނިއުލައިފް، ނ. ހޮޅުދޫ: އޭނާގެ ކަރުން 10، 9، 7، 5، އަދި ދެ ސެންޓިމީޓަރުގެ ޒަހަމްތަކެއް ފެނިފައިވޭ -- ގްރެފިކްސް: އިސްމާއިލް އިމްދާދު/އަދަދު
26 ފެބުރުވަރީ 2025 - 09:27 0
ނ. ހޮޅުދޫ ގެއެއްގެ ތެރެއިން ސެޕްޓެމްބަރު 10، 2024 ގައި މަރުވެފައި އޮއްވައި ފެނުނު ޒަކިއްޔާ މޫސާ، ނިއުލައިފް، ނ. ހޮޅުދޫ ގެ މަރުގެ މައްސަލަ ތަހުގީގު ލަސްވެ އެ ރަށުގެ ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުންދާތީ އެ މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ދެ މައްސަލަ ވެސް ރިޔާސަތުން ބަލައިނުގަނެ ބޭރުކޮށްލައިފި އެވެ.
ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް އަދި ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވެސް މިއަދު ޖަލްސާއަށް ހުށަހެޅި މިކަމާ ގުޅޭ ކުއްލި މައްސަލައެކެވެ. ދެ މެންބަރުންގެ މައްސަލައިގައި ވެސް އޮތީ ތަހުގީގު ލަސްވާ ސަބަބު ދެނެގަނެ، ތަހުގީގު އަވަސް ކުރުމަށް ގޮވާލާފަ އެވެ.
ރިޔާސަތުގައި އިންނެވި މަޖިލިސް ރައީސް ވަނީ ދެ މައްސަލާގައި ވެސް ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅާފަ އެވެ. އެގޮތަށް ނިންމީ މިއީ ފާއިތުވެދިޔަ ހަތް ދުވަހުގެ ތެރޭގައި ނުހިނގާ ކަމެއް ކަމަށް ނިންމުމަށް ފަހު އެވެ
"އެއީ މިހާރު ވެސް ހިނގަމުންދާ މައްސަލައެއް. ހުއްޓާ ނުލައި ނުލައި ޒަކިއްޔާ މޫސާގެ މަރުގެ މައްސަލާގައި ހުއްޓާ ނުލައި މުޒާހަރާ ކުރަމުން ދަނީ މުޅި ހޮޅުދޫ ރައްޔިތުން. އަތޮޅުގެ ރައްޔިތުން ތިބި ނަފްސާނީ ބިރުވެރިކަމެއްގެ ތެރޭގައި،" ރިޔާސަތުގެ ނިންމުމަށް ފަހު ނިޒާމީ ނުކުތާއެއް ނަންގަވައި އައްބާސް ވިދާޅުވި އެވެ.
ޒަކިއްޔާގެ މަރަށް އިންސާފު ނުލިބޭ ކަމަށް ބުނެ ހޮޅުދޫ ރައްޔިތުން ގެންދަނީ އިހުތިޖާޖު ކުރަމުންނެވެ. އެ ރަށު ރައްޔިތުން ދަނީ ހޮޅުދޫ ފުލުހުންގެ މަރުކަޒަށް ވަދެ ޒަކިއްޔާގެ މަރަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި މުޒާހަރާ ކޮށްފަ އެވެ.
ޒަކިއްޔާގެ މަރަށް އިންސާފު ހޯދުމަށް ގޮވާލައި މީގެ ކުރިން ވެސް ހަތަރު އިހުތިޖާޖެއް އެ ރަށުގެ ރައްޔިތުން ކުރިއަށް ގެންގޮސްފައިވެ އެވެ.
ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނުއިރު ޒަކިއްޔާގެ ކަރުގައި ވަރަށް ފުން ފަސް ޒަހަމާއި ތިލަ އެއް ޒަހަމު ފެންނަން ހުރި ކަމަށް މި ތަހުގީގާ ގުޅިގެން ޑިސެމްބަރު 3، 2024 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުން ބުނެފައިވެ އެވެ. އެއީ 10، 9، 7، 5، އަދި ދެ ސެންޓިމީޓަރުގެ ޒަހަމްތަކެކެވެ.
ނަމަވެސް ޒަކިއްޔާގެ ހަށިގަނޑުގެ އިތުރު އެއްވެސް ހިސާބަކުން އަނިޔާގެ އެއްވެސް އަލާމާތެއް ފެންނަން ނެތް ކަމަށާއި އޭނާގެ ހަށިގަނޑު ކައިރިން ފެނުނު ވަޅީގަ އާއި ޒަކިއްޔާ ލައިގެން އޮތް ހެދުމުގައި ބައިވަރު ލޭ ހުރި ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނެފައި ވަނީ ޒަކިއްޔާގެ ކަރުގައި ފުން ޒަހަމުތަކެއް ހުރި ނަމަވެސް، މީހަކު އޭނާ ގަސްދުގައި މަރައިލި ކަމަށް ބެލޭނެ އެއްވެސް ހެއްކެއް ތަހުގީގަށް ލިބިފައި ނުވާ ކަމަށެވެ.
Comment