މޮރީނިއޯ އަށް ފިޔަވަޅު އަޅަން ގަލަތަސަރާއި އިން ހުށަހަޅަނީ

25 ފެބުރުވަރީ 2025 - 11:27 0


މޮރީނިއޯ އަށް ފިޔަވަޅު އަޅަން ގަލަތަސަރާއި އިން ހުށަހަޅަނީ

25 ފެބުރުވަރީ 2025 - 11:27 0

އިސްތަންބޫލް، ތުރުކީ (ފެބްރުއަރީ 25) - ފެނަބާޗޭގެ ކޯޗު ހޯސޭ މޮރީނިއޯ ދެއްކި ވާހަކަތަކާ ގުޅޭގޮތުން އޭނާ އަށް ފިޔަވަޅު އަޅަން ގަލަތަސަރާއި އިން ވަނީ ޔުއެފާ އާއި ފީފާ އަށް ހުށަހަޅަން ނިންމައިފި އެވެ.

އިސްތަންބޫލް ޑާބީގައި ފެނަބާޗޭ އިން ގަލަސަތަރާއި ދަނޑުގައި 0-0 އިން އެއްވަރުވި މެޗަށް ފަހު، ފެނަބާޗޭގެ ކޯޗު މޮރީނިއޯ ބުނެފައިވަނީ، ގަލަސަަރާއި ބެންޗުން މީހުން ފުންމަފުންމައިގެން ދަނީ، ރާމާމަކުނުތަކެއް ގޮތަށް ކަމަށާއި މި މެޗު އިންސާފުކުރަން ތުރުކީ ރެފްރީއެއް ހުރިނަމަ، ހާލަތު ގޯހުން ގޯހަށް ދާނެ ކަމަށެވެ.

މި މެޗުގައި އިންސާފުކުރީ، ސްލޮވީނިއާގެ ރެފްރީ، ސްލާވްކޯ ވިންޗިޗް އެވެ. އެއީ، ދެ ޓީމުން އެދިގެން އެހެން ގައުމެއްގެ ރެފްރީއެއް މި މެޗަށް ގެންނަން އެދުމުން، ފަހިކޮށްދިން ފުރުސަތެެކެވެ. އެކަމަކު، އެ ވަރުން ވެސް މޮރީނިއޯ ވަނީ ރެފްރީންގެ ކަންކަމަށް ވެސް ފާޑުކިޔައިފަ އެވެ.

މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީ، އިންޓަ މިލާން އަދި ރެއާލް މެޑްރިޑްގެ ކުރީގެ ކޯޗު މޮރީނިއޯ ބުނީ، ގަލަތަސަރާއި ބެންޗުން ފުންމަފުންމައިގެން ގޮސް މަސައްކަތް ކުރީ ރެފްރީ ޕްރެޝަރަށް ލުމަށް ކަމަށާއި އެކަން ކާމިޔާނުބުނުވި ކަމަށެެވެ.

"އަހަރެން އެބަޖެހޭ ރެފްރީ އަށް ޝުކުރު އަދާކުރަން، އެއީ ފުރަތަމަ މިނިޓްގައި ވެސް އެ ކުރި ޑައިވް އަށް ފަހު، ބެންޗުން (ގަަލަތަސަރާއި ބެންޗުން) ރާމާމަކުނުތަކެއް ހެން ފުންމަފުންމައިގެން އެ އައި ތަން ފެނިފައި، އަހަރެމެންގެ ކުޅުންތެރިއާ އަށް ރީނދޫ ކާޑެއް ދައްކާނެ، އަހަންނާ ޖެހޭނީ އޭނަ ފަސް މިނިޓް ފަހުން ބަދަލުކުރަން،" ފެނަބާޗޭ ޓީމަށް މި މެޗުގައި ކުޅުނު 19 އަހަރުގެ ޑިފެންޑަރު، ޔޫސުފް އަކީޝެކްގެ ކުޅުމާ ބެހޭގޮތުން ކުރި ސުވާލަށް ދިން ޖަވާބުގައި މޮރީނިއޯ ބުންޏެވެ.

މޮރީނިއޯ ބުނީ، މެޗަށް ފަހު ރެފްރީންގެ ރޫމަށް ދިއުމަށް ފަހު، މެޗުގައި އިންސާފުކުރި ރެފްރީ އަށް ޝުކުރުއަދާކޮށްފައިވާނެ ކަމަށެވެ. މި މެޗުގައި ހަަތަރު ވަނަ ރެފްރީ އަކަށް ހުރި ތުރުކީ ރެފްރީ ގާތުގައި، އޭނާ މި މެޗުގައި އިންސާފުކުރިނަމަ ވަރަށް ގޯސްވާނެ ކަމަށް ވެސް މޮރީނިއޯ ބުނެފައިވެ އެވެ.

މި ކަންކަމަށް ބަލައި، ގަލަތަސަރާއި އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ފެނަބާޗޭގެ ކޯޗަކަށް މޮރީނިއޯ ހަމަޖެއްސި ފަހުން ތަކުރާރުކޮށް އޭނާ އަންނަނީ ތުރުކީގެ ރައްޔިތުންނަށް ކުޑައިމީސްކޮށް ވާހަކަ ދައްކައި، އިހުތިރާމް ގެއްލޭފަދަ އިބާރާތްތައް ބޭނުންކޮށް ވާހަކަ ދައްކަމުން ކަމަށެވެ. އަދި، މި މެޗަށް ފަހު، އެ ދެއްކި ވާހަކަތައް ވަނީ ވަަރަށް ބޮޑަށް ގޯސްވެފައި ކަމަށާއި މި ކަންކަން ވަރަށް އަވަހަށް ޔުއެފާ އާއި ފީފާގެ ސަމާލުކަމަށް ގެންނަން މައްސަލަ ހުށަހަޅާނެ ކަމަށެވެ.