މި ސީޒަނުގައި ޓީމެއްގެ ބެންޗުން ދެން ނުފެންނާނެ ކަމަށް ޓެން ހާގް ބުނެފި

26 ފެބުރުވަރީ 2025 - 03:50 0


މި ސީޒަނުގައި ޓީމެއްގެ ބެންޗުން ދެން ނުފެންނާނެ ކަމަށް ޓެން ހާގް ބުނެފި

26 ފެބުރުވަރީ 2025 - 03:50 0

ލަންޑަން (ފެބްރުއަރީ 26) - މި ސީޒަނުގައި ދެން އެއްވެސް ކްލަބަކަށް ކޯޗުކަން ނުކޮށްދޭނެ ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމުން ވަކިކުރި އެރިކް ޓެން ހާގް ބުނެފި އެވެ.

ޔުނައިޓެޑްގެ ކޯޗުކަމުން ޓެން ހާގް ވަކިކުރީ ސީޒަނުގެ ކުރީކޮޅު އެ ޓީމުން ނެރެމުންދިޔަ ދަށް ނަތީޖާތަކުގެ ސަބަބުންނެވެ. އޭނާ ވަކިކުރީ މިދިޔަ ނޮވެމްބަރު މަހު އެވެ. ޓެން ހާގް ވަކިކުރަން ޔުނައިޓެޑުން 20 މިލިއަން ޑޮލަރުގެ ހޭދައެއް ކުރަން ޖެހުނެވެ. އެއީ، އޭނާ އާއި ކޯޗިން ސްޓާފުންގެ ކޮންޓްރެކްޓް މުއްދަތުގެ ބާކީ ބަޔަށް ދައްކަން ޖެހުނު ފީ ހަމަޖައްސައިދިނުމުގެ ގޮތުންނެވެ.

މީގެ ކުރިން އަޔަކްސް އަށް ވެސް ކޯޗުކަންކޮށްދިން ޓެން ހާގް އަށް ޔުނައިޓެޑްގެ ކޯޗުކަމުގެ މަގާމުގައި ދެމިހުރެވުނީ ދެ އަހަރާއި ބައިގެ މުއްދަތެއް ވަންދެނެވެ.

ޔުނައިޓެޑުން މި ސީޒަން ފެށުމުގެ ކުރިން ވެސް ޓެން ހާގް މަގާމުން ވަކިކުރަން އުޅުނެވެ. އެކަމަކު، އޭރު ހެދި ރިވިއު އަކަށް ފަހު ޓެން ހާގް މަޑުކުރުވީ އެ ކްލަބުން ހޯދަން މަސައްކަތްކުރި ކޯޗުން ނުލިބުމުންނެވެ.

ދާދި ފަހުން މީޑިއާ އަކަށް ދިން އިންޓަވިއުއެއްގައި ޓެން ހާގް ބުނީ, ދެން އޭނާ މި ސީޒަނުގައި އެއްވެސް ކްލަބެއްގެ ކޯޗެއްގެ ގޮތުގައި ނުފެންނާނެ ކަމަށެވެ. އެކަމަކު، އަންނަ ސީޒަނުގައި ޔޫރަޕްގެ ބޮޑު ލީގެއްގެ ކޯޗެއްގެ ގޮތުގައި ފެންނާނެ ކަމަށްވެސް ޓެން ހާގް ބުންޏެވެ.

ޔުނައިޓެޑުގައި ޓެން ހާގް ހޭދަކުރި މުއްދަތުގެ ތެރޭގައި އެ ކްލަބްގެ ގިނަ ކުޅުންތެރިންތަކަކާ މައްސަލަ ޖެހުނެވެ. އޭގެ ތެރޭގައި ޔުނައިޓެޑްގެ ލެޖެންޑް ކްރިސްޓިއާނޯ ރޮނާލްޑޯ ވެސް ހިމެނެ އެވެ.