5 ސެޕްޓެންބަރު 2025 - 08:49 0
5 ސެޕްޓެންބަރު 2025 - 08:49 0
ބާލިން (ސެޕްޓެމްބަރު 5) - އާ ސީޒަން ފަށައިގެން އެންމެ ތިން މެޗަށް ފަހު، ބަޔާ ލެވަކޫސަނުން މި ފަހަރު ގެނައި ކޯޗު އެރިކް ޓެން ހާގް މަގާމުން ވަކިކުރި އެވެ.
ޓެން ހާގް، ލެވަކޫސަންގެ ކޯޗުކަމުގެ، ޒިންމާއާ ހަވާލުވެ ހުރި މުއްދަތުގައި، ޖަރުމަނު ލީގުގައި ކުޅުނު ދެ މެޗުން، އެންމެ ޕޮއިންޓެއް ހޯދިފައިވާއިރު، އޭނާގެ ކޮންޓްރެކްޓް އުވާލުމުގެ ބަދަލެއްގެ ގޮތުގައި ލެވަކޫސަނުން ހަތް މިލިއަން ޑޮލަރު ދޭން ޖެހުނެވެ.
ދެ އަހަރުގެ ކޮންޓްރެކްޓެއްގައި ލެވަކޫސަނާ ހަވާލުވި ޓެން ހާގް، އެ ޓީމަށް ކޯޗުކޮށްދިން ފުރަތަމަ މެޗުގައި ޖަރުމަނު ކަޕްގައި ހަތަރު ވަނަ ޑިވިޝަނުގެ އެސްޖީ އަތުން 4-0 އިން މޮޅުވި އެވެ.
އެކަމަކު، ޖަރުމަނު ލީގުގެ ފުރަތަމަ މެޗުގައި، ޓެން ހާގް ވަނީ ލެވަކޫސަނާ އެކު ބަލިވެފަ އެވެ. އެއީ، އަމިއްލަ ދަނޑުގައި ހޮފެންހައިމް އަތުން 1-0 އިންނެވެ. އަދި، ދެ ވަނަ މެޗުގައި ދެ ގޯލުގެ ލީޑެއް ގެއްލި، 3-3 އިން ވާޑާ ބްރެމަންއާ އެއްވަރުވީ އެވެ. ބްރެމަން ކުޅުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.
ލެވަކޫސަނުން ޓެން ހާގް ވަކިކުރިއިރު، މިދިޔަ އަހަރުގެ ނޮވެމްބަރު މަހު، މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމުން ވަކިކުރި ފަހުން ޓެން ހާގް ހުރީ ޓީމަކާ ހަވާލުނުވެ އެވެ.
ލެވަކޫސަންގެ ވަޒީފާ ގެއްލުމާ އެކު، ޓެން ހާގަށް މި ވަނީ، 10 މަސް ދުވަހުގެ ތެރޭގައި ދެ ވަޒީފާ ގެއްލިފަ އެވެ. ޓެން ހާގް ވަކިކުރަން ޔުނައިޓެޑުން 20 މިލިއަން ޑޮލަރުގެ ހޭދައެއް ކުރަން ޖެހުނެވެ. އެއީ، އޭނާ އާއި ކޯޗިން ސްޓާފުންގެ ކޮންޓްރެކްޓް މުއްދަތުގެ ބާކީ ބަޔަށް ދައްކަން ޖެހުނު ފީ ހަމަޖައްސައިދިނުމުގެ ގޮތުންނެވެ.
ދެ އަހަރުގެ ކޮންޓްރެކްޓެއްގައި ލެވަކޫސަނަށް ގެނައި ޓެން ހާގް ދޫކޮށްލަން އެ ކްލަބުން ނިންމިއިރު، އެ ޓީމުގެ އޮފިޝަލަކު ޖަރުމަނު މީޑިއާގައި ބުނެފައިވަނީ، ޓެން ހާގަކީ އެ ކްލަބަށް އައި އެންމެ ދަށް ކޯޗު ކަމަށާއި އޭނާއާ ޓީމު ހަވާލުކުރަން ނިންމި ނިންމުމަކީ ހެދުނު ގޯހެއް ކަމަށެވެ. ލެވަކޫސަނުން ޓެން ހާގް ވަކިކުރަން ހަތް މިލިއަނެއްހާ ޑޮލަރު ދޭން ޖެހުނީ ކޮންޓްރެކްޓްގެ ބާކީ މުއްދަތުގެ ބަދަލެއްގެ ގޮތުގަ އެވެ.
ބަޔާން މިއުނިކްގެ އެސިސްޓަންޓް ކޯޗުކަން ކުރިންކޮށްފައިވާ ޓެން ހާގް ވެސް ވަނީ އޭނާގެ ދިފާއުގައި ބަޔާނެއް ނެރެފަ އެވެ. ޓެން ހާގް ބުނީ، މިދިޔަ ސީޒަންތަކުގައި ލެވަކޫސަނަށް ކުޅުނު ރަނގަޅު ގިނަ ކުޅުންތެރިންތަކެއް އެ ކްލަބް ދޫކޮށް ދިއުމުން އާ ޓީމެއް އެކުލަވާލުމުގައި އޭނާ އަށް އެކަށީގެންވާ ވަގުތު ލެވަކޫސަނުން ދީފައިނުވާ ކަމަށެވެ. އަދި، އޭނާ އަކީ، ހަވާލުވި ކޮންމެ ޓީމެއްގައި ވެސް ކާމިޔާބު ހޯދާފައިވާ ކޯޗެއްކަން ރެކޯޑްތަކުން ފެންނަން އެބަހުރި ކަމަށާއި ލެވަކޫސަނުން އަވަސް އަރުވާލައިފައި، އެއްވެސް އަސާސެއް ނެތި އޭނާ މަގާމުން ދުރުކުރަން ނިންމި ނިންމުމާ މެދު ހިތާމަކުރާ ކަމަށް ޓެން ހާގް ވަނީ ބުނެފަ އެވެ.
Comment