Advertisement

އެންމެ ތިން މެޗަށް ފަހު ލެވަކޫސަން ކޯޗުކަމުން ޓެން ހާގް ވަކިކޮށްފި

1 ސެޕްޓެންބަރު 2025 - 15:14 0


އެންމެ ތިން މެޗަށް ފަހު ލެވަކޫސަން ކޯޗުކަމުން ޓެން ހާގް ވަކިކޮށްފި

1 ސެޕްޓެންބަރު 2025 - 15:14 0

ބާލިން (ސެޕްޓެމްބަރު 1) - އާ ސީޒަން ފަށައިގެން އެންމެ ތިން މެޗަށް ފަހު ލެވަކޫސަނުން މި ފަހަރު ގެނައި ކޯޗު އެރިކް ޓެން ހާގް މަގާމު ވަކިކޮށްފި އެވެ.

ޓެން ހާގަށް ލެވަކޫސަންގެ ކޯޗަކަށް ހުރެވުނީ 62 ދުވަހެވެ.

ދެ އަހަރުގެ ކޮންޓްރެކްޓެއްގައި ލެވަކޫސަނާ ހަވާލުވި ޓެން ހާގް، އެ ޓީމަށް ކޯޗުކޮށްދިން ފުރަތަމަ މެޗުގައި ޖަރުމަނު ކަޕްގައި ހަތަރު ވަނަ ޑިވިޝަނުގެ އެސްޖީ އަތުން 4-0 އިން މޮޅުވި އެވެ. އެކަމަކު، ޖަރުމަނު ލީގުގެ ފުރަތަމަ މެޗުގައި، ޓެން ހާގް ވަނީ ލެވަކޫސަނާ އެކު ބަލިވެފަ އެވެ. އެއީ، އަމިއްލަ ދަނޑުގައި ހޮފެންހައިމް އަތުން 1-0 އިންނެވެ.

އަދި، ދެ ވަނަ މެޗުގައި މި ހަފްތާ ބަންދުގައި، ދެ ގޯލުގެ ލީޑެއް ގެއްލި، 3-3 އިން ވާޑާ ބްރެމަންއާ އެއްވަރުވީ އެވެ. ބްރެމަން ކުޅުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.

ދަށް ނަތީޖާތަކުގެ ސަބަބުން ލެވަކޫސަނުން ވަނީ ބޯޑު ބައްދަލުވުމެއް ބާއްވައި ސީޒަން ސަލާމަތްކުރުމަށް، ޓެން ހާގް މަގާމުން ވަކިކޮށްފަ އެވެ.

މިއާ އެކު، ޓެން ހާގަށް މި ވަނީ، 10 މަސް ދުވަހުގެ ތެރޭގައި ދެ ވަޒީފާ ގެއްލިފަ އެވެ. ޔުނައިޓެޑްގެ ކޯޗުކަމުން ޓެން ހާގް ވަކިކުރީ މިދިޔަ އަހަރު ނޮވެމްބަރު މަހުގަ އެވެ.