25 ފެބުރުވަރީ 2025 - 11:49 0
މުހައްމަދު ޝަހްޒާން
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އަހުމަދު ނާޒިމް: އޭނާ ވިދާޅުވީ އިސްލާމް ދީނުގެ އަސްލަކާ ހިލާފު ގާނޫނެއް ފާސްކުރުމުގެ ބާރު މަޖިލީހަށް ނެތީސް އެފަދަ ހާލަތަކުން ސުވާލު އުފެއްދުމަކީ މަޖިލީހުގެ އިމްތިޔާޒާމެދު ސުވާލު އުފެއްދުން ކަމަށް -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
25 ފެބުރުވަރީ 2025 - 11:49 0
އިސްލާމް ދީނުގެ އަސްލަކާ ހިލާފު އެއްވެސް ގާނޫނެއް މަޖިލީހުން ފާސް ނުކުރެވޭނެ ކަމަށާއި އެފަދަ ބިލެއް މަޖިލީހަށް ބަލައި ވެސް ނުގަނެވޭނެ ގޮތަށް ގާނޫނުއަސާސީގައި ބަޔާން ކޮށްފައި އޮއްވައި، ދިވެހިރާއްޖޭގެ ދީނަކީ އިސްލާމް ދީން ނޫންކަމަށް މަޖިލީހުން ކަނޑައަޅައިފި ހާލަތަކުން ސުޕްރީމް ކޯޓުން މިސާލު ނެންގެވުމަކީ މަޖިލީހުގެ އިމްތިޔާޒާ މެދު ސުވާލު އުފެއްދުން ކަމަށް ސިފަ ކުރައްވައި ސުޕްރީމް ކޯޓުގެ ބެންޗާ މެދު ވިސްނަން ޖެހޭ ކަމަށް މަޖިލީހުގެ ނައިބު ރައީސް، އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދު ކުރަން ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ބިލުގެ އިބްތިދާއީ ބަހުސްގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ ބޭނުންވެއްޖެ ކޮންމެ ކަމަކާ ގުޅޭގޮތުން ވެސް އިސްލާމް ދީނުގެ އަސްލަކާ ހިލާފު ނުވާ ގޮތެއްގެ މަތިން ގާނޫނު ހެދުމުގެ ބާރު ގާނޫނުއަސާސީގެ ތިންވަނަ ބާބުގެ 70 ވަނަ މާއްދާގެ ށ. ގެ ދަށުން މަޖިލީހަށް ލިބިފައިވާ ކަމަށެވެ.
އެ ބާރުގެ ބޭނުން ކުރެވެނީ އިސްލާމް ދީނުގެ އަސްލަކާ ހިލާފު ނުވާ ގޮތުގެ މަތިންކަން ފާހަގަ ކުރައްވައި ނާޒިމް ވިދާޅުވީ އެކަން އެހެން އޮއްވައި، ރާއްޖޭގެ ދީނަކީ އިސްލާމް ދީން ނޫންކަމަށް މަޖިލީހުން ކަނޑައަޅާ ހާލަތަކުން ސުޕްރީމް ކޯޓުން މިސާލު ނެންގެވުމަކީ މަޖިލީހުގެ އިމްތިހާޒާ މެދު ސުވާލު އުފެއްދުންކަމަށެވެ
"އެހެންނަމަވެސް މި މަޖިލީހުގެ އިމްތިޔާޒުތަކާ ދޭތެރޭ ވެސް މިހާރު މި އޮތް ސުޕްރީމް ކޯޓުގެ ބެންޗުން ސުވާލު އުފެއްދިތަން އަޅުގަނޑުމެންނަށް ފެނިގެން ދިޔަ، އާދެ، އެ ސުވާލަކީ ގާނޫނުއަސާސީގައި ދިވެހިރާއްޖޭގެ ދީނަކީ އިސްލާމް ދީން ކަމަށް ބަޔާން ކޮށްފައި ވަނިކޮށް ރާއްޖޭގެ ދީނަކީ އިސްލާމް ދީން ނޫންކަމަށް ނިންމައިފިއްޔާ ދެން ވެސް އެ މައްސަލަ ސުޕްރީމް ކޯޓަށް ނުބެލޭހެެއްޔޭ،" ނާޒިމް ވިދާޅުވި އެވެ.
"އިސްލާމް ދީނާ ހިލާފު އެއްވެސް ގާނޫނެއް މި މަޖިލީހަށް ބަލައިގަތުމަކީ ވެސް އަދި މަޖިލީހުގައި ބަހުސް ކުރުމަކީ ވެސް މުސްތަހީލު ކަމެއްގެ ގޮތުގައި އޮއްވައި އެގޮތަށް އެ ސުވާލު އުފެއްދީމާ އަޅުގަނޑުމެން ސުޕްރީމް ކޯޓުގެ ބެންޗާމެދު ވިސްނާލަން އެބަޖެހޭ."
ނާޒިމް ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަކީ ސިޔާސީ އޮއިވަރުން އެއްކިބާވެ ތިއްބަވަން ޖެހޭ ބައެއް ކަމަށެވެ. ނަމަވެސް މިއަދު ފެންނަނީ އެ މަންޒަރު ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް މިއަދު ފެނިގެން މި ދަނީ ސިޔާސީ އޮއިވަރުގައި ޖެހިގެން ނުވާނެ ބަޔަކު ސިޔާސީ އޮއިވަރަށް ލެނބިގެން ދާތަން، އަދި ސިޔާސީ ވެރިން ޖަހާ ބެރުތަކަށް ނެށުމަށް ތައްޔާރަށް ތިބި ކަމުގެ ސިގްނަލްތައް ދެމުންދާތަން،" ނާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދަކީ އުއްތަމަ ހިމެނޭހެން ގާނޫނުގައި ބަޔާންކުރާ ފަނޑިޔާރުންގެ އަދަދު ކަމަށެވެ. އެހެންކަމުން މިހާރު ހުށަހެޅިފައިވާ ބިލަކީ މަޖިލީހަށް އިސްލާހު ގެނައުމުގެ ބާރު އޮތް ކަމެއްކަން އޭނާ ފާހަގަކުރެއްވި އެވެ.
ހޮޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު، އަބްދުއްސައްތާރު މުހައްމަދު މަޖިލީހަށް ހުށަހެޅުއްވި ބިލުގައި ބުނެފައި ވަނީ ފަނޑިޔާރުންގެ އަދަދު މަދު ކުރުމުގެ ސަބަބުން ކޯޓުން ވަކި ކުރާނެ ދެ ފަނޑިޔާރުން ކަނޑައަޅަންޖެހޭނީ ޖުޑީޝަލް ސާވިސް ކޮމިޝަނުން ކަމަށެވެ. ގާނޫނަށް އަމަލު ކުރަންފަށާތާ ފަސް ދުވަހުގެ ތެރޭގައި ވަކި ކުރާނެ ފަނޑިޔާރުންގެ ނަންތައް ޖޭއެސްސީން މަޖިލީހަށް ފޮނުވަންޖެހެ އެވެ.
ބިލުގައިވާ ގޮތުން، ސުޕްރީމް ކޯޓުން ވަކި ކުރާ ދެ ފަނޑިޔާރުން ކަނޑައެޅުމަށްޓަކައި، އެހެނިހެން ގާނޫނުތަކާއި ގަވާއިދުތަކުން އެފަދަ މަސައްކަތް ކުރަން ދީފައިވާ މުއްދަތުތަކަށް ޖޭއެސްސީން ބަލާކަށް ނުޖެހެނޭ އެވެ.
ސިޔާސީ ޕާޓީތަކަށް, ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލު ކުރަން ހުށަހަޅާފައިވާ މައްސަލަ ސުޕްރީމް ކޯޓުން ބަލަމުންދަނިކޮށް، އެ މައްސަލަ ބަލަމުންދާ ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރަކު ބޭރުކޮށްލަން ހުށަހަޅާފައިވާއިރު، މިއީ ދިވެހި ތާރީހުގައި ވެސް މިފަދަ ގޮތަށް ފަނޑިޔާރުން ބޭރުކުރާ ފުރަތަމަ ފަހަރެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment