ސިޓީ ބަލިކޮށް ލިވަޕޫލުން އެއް ވަނައިގައި ހަމަޖެހިލައިފި

23 ފެބުރުވަރީ 2025 - 19:17 0


ސިޓީ ބަލިކޮށް ލިވަޕޫލުން އެއް ވަނައިގައި ހަމަޖެހިލައިފި

23 ފެބުރުވަރީ 2025 - 19:17 0

މެންޗެސްޓާ (ފެބްރުއަރީ 24) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓާ ސިޓީ އަތުން 2-0 އިން މޮޅުވެ، ލީގުގެ އެއް ވަނައިގައި 11 ޕޮއިންޓުގެ ލީޑެއް ނަގައި ލިވަޕޫލުން ހަަމަޖެހިލައިފި އެވެ.

ލީގުގެ ދެ ވަނައިގައި އޮތް އާސެނަލް އަމިއްލަ ދަނޑުގައި 1-0 އިން ވެސްޓް ހޭމް ޔުނައިޓެޑް އަތުން ބަލިވިއިރު، ތިން ވަނައިގައި އޮތް ނޮޓިންހަމް ފޮރެސްޓް ވަނީ 4-3 އިން ނިއުކާސަލް ޔުނައިޓެޑް އަތުން ބަލިވެފަ އެވެ. ލިވަޕޫލް، އެއް ވަނައިގައި 27 މެޗުން 64 ޕޮއިންޓާ އެކު އޮތްއިރު، ދެ ވަނައިގައި އޮތް އާސެނަލަށް ވަނީ، 26 މެޗުން 53 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ފޮރެސްޓަށް 26 މެޗުން 47 ޕޮއިންޓް ލިބިފައިވާއިރު، ހަތަރެއްގައި އޮތް ސިޓީ އާއި ފަސް ވަނައިގައި އޮތް ނިއުކާސަލް އަށް ވަނީ 26 މެޗުން 44 ޕޮއިންޓް ލިބިފަ އެވެ.

އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މެޗު ފަށައިގެން 14 ވަަނަ މިނިޓްގައި، މުހައްމަދު ސަލާހު ލިވަޕޫލަށް ލީޑުނަގައިދިނީ ކޯނަރެއްގައި ޑޮމިނިކް ސޮބޮސްލާއި ދިން ބޯޅައަކުންނެވެ. ސަލާހު ފޮނުވާލި ބޯޅަ ގޯލަށް ވަނީ ސިޓީގެ ނޭތަން އަކޭ ފައިގައި ޖެހިފަ އެވެ. ފުރަތަމަ ހާފުގައި ލިވަޕޫލުން ދެ ވަނަ ގޯލު ޖެހީ ސަލާހު ދިން ބޯޅައަކުން ސޮބޮސްލާއި އެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ސިޓީގެ އޮމަރު މާމޫޝް ޖެހި ގޯލު އޮފްސައިޑް ކަމަށް ނިންމިއިރު، ދެ ވަނަ ހާފުގައި ލިވަޕޫލްގެ ކާޓިސް ޖޯންސް ޖެހި ގޯލެއް ވަނީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލައިފައި އޮފްސައިޑް ކަމަށް ނިންމައިފަ އެވެ.

މިއީ، 2016 ވަނަ އަހަރު، ޕެޕް ގާޑިއޯލާ ހަވާލުވި ފަހުން ސިޓީ ދަނޑުގައި ލީގު މެޗެއްގައި ލިވަޕޫލް މޮޅުވި ފުރަތަމަ ފަހަރެވެ. ސިޓީން ލީގުގައި މި ފަހަރު އަށް ވަނަ މެޗުން ބަލިވިއިރު، އެ ޓީމު ގާޑިއޯލާ ހަވާލުވި ފަހުން، އެންމެ ގިނަ މެޗު ބަލިވީ، 2019/2020 ވަަނަ ސީޒަނުގަ އެވެ. އެ ފަަހަރު، ލީގުގައި ނުވަ މެޗުން ބަލިވި އެވެ.

އަނެއްކޮޅުން، އާނާ ސްލޮޓް ހަވާލުވި ފަހުން ސިޓީއާ ދެކޮޅަށް ލިވަޕޫލުން ކުޅުނު ދެ މެޗުން ވެސް މި ވަނީ އެއް ނަތީޖާ އަކުން މޮޅުވެފަ އެވެ.