Advertisement

ޒަކިއްޔާގެ މަރުގެ މައްސަލަ ފުލުހުން ތަހުގީގު ކުރިގޮތް ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނުން ބަލަނީ

23 ފެބުރުވަރީ 2025 - 14:06 1

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ނ. ހޮޅުދޫ ގެއެއްގެ ތެރެއިން ސެޕްޓެމްބަރު 10، 2024 ގައި މަރުވެފައި އޮއްވައި ފެނުނު ޒަކިއްޔާ މޫސާ، ނިއުލައިފް، ނ. ހޮޅުދޫ: އެންއައިސީން ބުނީ ޒަކިއްޔާގެ މަރު ތަހުގީގު ކުރުމުގައި ފުލުހުން އަމަލު ކޮށްފައިވާގޮތް ބަލާނެ ކަމަށް -- ފޮޓޯ: އަދަދު


ޒަކިއްޔާގެ މަރުގެ މައްސަލަ ފުލުހުން ތަހުގީގު ކުރިގޮތް ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނުން ބަލަނީ

23 ފެބުރުވަރީ 2025 - 14:06 1

ނ. ހޮޅުދޫ ގެއެއްގެ ތެރެއިން ސެޕްޓެމްބަރު 10، 2024 ގައި މަރުވެފައި އޮއްވައި ފެނުނު ޒަކިއްޔާ މޫސާ، ނިއުލައިފް، ނ. ހޮޅުދޫ ގެ މަރުގެ މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުން އިހުމާލުވެފައިވާ ކަމަށް ބުނާ މައްސަލަ ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނުން ބަލަން ފަށައިފި އެވެ.

އެ ކޮމިޝަނުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ މައްސަލަ ބަލަން ފެށީ ޒަކިއްޔާގެ މަރުގެ ތަހުގީގަށް ފުުހުން އިހުމާލުވެފައިވާ ކަމަށް ބުނެ ގިނަ އަދަދެއްގެ އާންމުން ފުލުހުންނަށް ތުހުމަތު ކުރަމުން ދާތީ އަމިއްލަ އިސްނެގުމުގެ މަތިން ކަމަށެވެ.

އެ ކޮމިޝަނުން ބުނީ ޒަކިއްޔާގެ މަރުގެ މައްސަލަ ތަހުގީގު ކުރުމުގައި ގާނޫނާއި ގަވާއިދުގެ ބޭރުން އެއްވެސް ކަމެއް ފުލުހުން ކޮށްފައިވޭތޯ އެންއައިސީން ބަލާނެ ކަމަށެވެ.

ޒަކިއްޔާގެ މަރުގެ މައްސަލަ ތަހުގީގު ކޮށްފައިވާ ގޮތް ބަލަން އެންއައިސީން ފަށާފައި މިވަނީ ޒަކިއްޔާގެ މަރަށް އިންސާފު ނުލިބޭ ކަމަށް ބުނެ ހޮޅުދޫ ރައްޔިތުން އިހުތިޖާޖު ކުރަމުންދާ ދަނޑިވަޅެއްގަ އެވެ. އެގޮތުން އިއްޔެ ވެސް އެ ރަށު ރައްޔިތުން ވަނީ ހޮޅުދޫ ފުލުހުންގެ މަރުކަޒަށް ވަދެ ޒަކިއްޔާގެ މަރަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި މުޒާހަރާ ކޮށްފަ އެވެ.

މުޒާހަރާގެ ބައިވެރިން އިއްޔެ ގޮވަމުން ދިޔައީ ޒަކިއްޔާގެ މަރުގެ މައްސަލައިގައި ފުލުހުން އިހުމާލުވެފައިވާ ކަމަށާއި ފުލުހުންނަށް ދެން ދޭންޖެހޭ އެއްބާރުލުމެއް ނޯންނާނެ ކަމަށް ބުނެ އެވެ.

ޒަކިއްޔާގެ މަރަށް އިންސާފު ހޯދުމަށް ގޮވާލައި މީގެ ކުރިން ވެސް ހަތަރު އިހުތިޖާޖެއް އެ ރަށުގެ ރައްޔިތުން ކުރިއަށް ގެންގޮސްފައިވެ އެވެ.

އިއްޔެގެ މުޒާހަރާއާ ގުޅިގެން ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް ވަނީ ޒަކިއްޔާގެ މަރުގެ މައްސަލަ ތަހުގީގު ކުރަން ފަށައިފަ އެވެ.

ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނުއިރު ޒަކިއްޔާގެ ކަރުގައި ވަރަށް ފުން ފަސް ޒަހަމާއި ތިލަ އެއް ޒަހަމު ފެންނަން ހުރި ކަމަށް މި ތަހުގީގާ ގުޅިގެން ޑިސެމްބަރު 3، 2024 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުން ބުނެފައިވެ އެވެ. އެއީ 10، 9، 7، 5، އަދި ދެ ސެންޓިމީޓަރުގެ ޒަހަމްތަކެކެވެ.

ނަމަވެސް ޒަކިއްޔާގެ ހަށިގަނޑުގެ އިތުރު އެއްވެސް ހިސާބަކުން އަނިޔާގެ އެއްވެސް އަލާމާތެއް ފެންނަން ނެތް ކަމަށާއި އޭނާގެ ހަށިގަނޑު ކައިރިން ފެނުނު ވަޅީގަ އާއި ޒަކިއްޔާ ލައިގެން އޮތް ހެދުމުގައި ބައިވަރު ލޭ ހުރި ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނެފައި ވަނީ ޒަކިއްޔާގެ ކަރުގައި ފުން ޒަހަމުތަކެއް ހުރި ނަމަވެސް، މީހަކު އޭނާ ގަސްދުގައި މަރައިލި ކަމަށް ބެލޭނެ އެއްވެސް ހެއްކެއް ތަހުގީގަށް ލިބިފައި ނުވާ ކަމަށެވެ.