Advertisement

އައިލެންޑު އެކްސްޕާޓުގެ ފަރާތުން ފުލުހުންގެ ބައެއް ވެރިންނަށް އަގުބޮޑެތި "ހަދިޔާ" ދިންކަމުގެ ތުހުމަތު

23 ފެބުރުވަރީ 2025 - 08:02 12

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މިއީ ފުލުހުންގެ ބައެއް ވެރިންނަށް ދިން ކަމަށް ތުހުމަތު ކުރެވޭ ހަދިޔާތައް ސިފަކޮށް ދިނުމުގެ ބޭނުމުގައި ހަދާފައިވާ ފޮޓޯއެކެވެ. ފުލުހުންގެ ވެރިންނަށް ދިން ކަމަށް ބުނާ ކާރުތަކުގެ ވަކި ބްރޭންޑެއް ނޭނގެ އެވެ.


އައިލެންޑު އެކްސްޕާޓުގެ ފަރާތުން ފުލުހުންގެ ބައެއް ވެރިންނަށް އަގުބޮޑެތި "ހަދިޔާ" ދިންކަމުގެ ތުހުމަތު

23 ފެބުރުވަރީ 2025 - 08:02 12

ހުޅުމާލޭގައި ފުލުހުންނާއި ސިފައިންގެ ފްލެޓުތައް އިމާރާތް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔަ އައިލެންޑް އެކްސްޕާޓު ޕްރައިވެޓު ލިމިޓެޑުން ފުލުހުންގެ އެކި ފަންތީގެ ވެރިންނަށް އަގުބޮޑެތި "ހަދިޔާ" އާއި މަންފާ ހޯދައިދީފައިވާކަން އިތުބާރު ހުރި މަސްދަރުތަކުން ބުނެފި އެވެ.

އެކަމުގެ މައުލޫމާތު އެނގޭ މީހުން "އަދަދު" ނޫހަށް ބުނީ ފުލުހުންގެ ފްލެޓުތައް ހަދަމުން ދިޔަ ދުވަސްވަރު އޭރު ފުލުހުންގެ ވެރިންނަށް ތިބި ބައެއް މީހުންނަށް ކާރާއި ސައިކަލް އަދި ބައެއް ވެރިންގެ އަމިއްލަ އެޕާޓްމެންޓުގެ އިންޓީރިއާ ހަދައިދީފައިވާ ކަމަށް އެނގިފައިވާ ކަމަށެވެ.

"ފުލުހުންގެ ވެރިން ވަރަށް ގިނައިން އޭރު ބެންކޮކަށް ވެސް ދޭ. އެ ދަތުރުތައް ވެސް ހަމަޖައްސައިދެނެތީ އައިލެންޑް އެކްސްޕާޓުގެ ފަރާތުން. މިއީ ފުލުހުންގެ ތެރޭގައި އަބަދުވެސް ދެކެވޭ ވާހަކައެއް،" ނަން ނުޖެހުމަށް ޝަރުތުކޮށް ބުންޏެވެ.

އައިލެންޑު އެކްސްޕާޓުން ކުރިން ބޭނުންކުރި ބައެއް ފްލެޓުތަކުގައި މިހާރު ވެސް ފުލުހުންގެ ބައެއް ވެރިން އުޅެމުންދާ ކަމަށް މައުލޫމާތު ދިން މަސްދަރުތަކުން ބުންޏެވެ. މިފަދަ ސަބަބުތައް ހުރުމުން މި މައްސަލަ ރަނގަޅަށް ބެލިދާނެ ކަމަށް އޭނާ ގަބޫލެއް ނުކުރެ އެވެ.

ފުލުހުންގެ ފްލެޓުތައް ހެދުމުގެ ނަމުގައި ޑިއުޓީ ނުދައްކައި އެތެރެކުރި އަގުބޮޑު 24 ވެހިކަލެއް ގެއްލިފައިވާ ކަމަށް ބެލެވޭތީ، އެ އުޅަނދުތައް ހޯދުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ވަނީ ފަށައިފަ އެވެ.

ގެއްލުނު ކަމަށް ބެލެވޭ ވެހިކަލްތަކުގެ ތެރޭގައި 14 ކްރޭން ލޮރީ އާއި މުޅިން އާ ދެ ސައިކަލާއި ދެ ވޭނާއި ކާރަކާއި ތިން ޓަވާ ކްރޭން އަދި އޮވާ ހެޑް ޓްރެވެލިން ކްރޭނެއް ވެސް ހިމެނެ އެވެ.

ޕޮލްކޯއިން ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަތައް އޭސީސީން މިހާރު ވަނީ ބަލަން ފަށައިފަ އެވެ. އަދި ފުލުހުންގެ ހައުސިން މަޝްރޫއުއާ ގުޅޭ އޮޑިޓެއް، އޮޑިޓަ ޖެނެރަލް އޮފީހުން ވަނީ އާންމުކޮށްފަ އެވެ.

ޖެނުއަރީ 24، ގައި އޮޑިޓޮ އޮފީހުން އާންމު ކުރި ހާއްސަ އޮޑިޓުގައި ވާގޮތުން ފުލުހުންގެ ބްލޫސް ހައުސިން މަޝްރޫއުގެ 13 ބުރީގެ ތިން ޓަވަރު އެޅުމުގެ މަސައްކަތުގައި، ޕޮލްކޯގެ ނާގާބިލްކަމާއި ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް 354 މިލިއަން ރުފިޔާ ގެއްލިފައިވާ ކަމަށް ބަޔާންކޮށްފައިވެ އެވެ. އެ މަޝްރޫއުއަށް ޖުމުލަ 1.06 ބިލިއަން ރުފިޔާ މިހައިތަނަށް ހަރަދުވެފައިވެ އެވެ.

ފުލުހުންނަށް ހައުސިން މަޝްރޫއު ފުރަތަމަ ހަވާލު ކުރީ ނޫމަޑި ކުންފުންޏާ އެވެ. ނޫމަޑިއާ މަސައްކަތް ހަވާލު ކުރީ އިއުލާނު ކުރުމެއް، ޓެންޑާ ކުރުމެއް ނެތި އެވެ.

މުޅި ޕްރޮޖެކްޓު ފަހުން ހަވާލު ކުރީ ނޫމަޑީގެ ސަބް ކޮންޓްރެކްޓަރު އައިލެންޑް އެކްސްޕާޓްއާ އެވެ. އައިލެންޑް އެކްސްޕާޓުގެ މެނޭޖިން ޑިރެކްޓަރަކީ ނޫމަޑީގެ ރިޕްރެޒެންޓޭޓަރެވެ. އެހެންކަމުން، އެކަމުގައި ފައިދާވީ ދައުލަތުގެ ބަދަލުގައި އޭނާއަށްކަން އޮޑިޓުގައި ފާހަގަ ކުރެ އެވެ.