ރެއާލްގެ ބެލިންހަމްގެ ސަސްޕެންޝަނަށް ލުޔެއް ނުލިބުނު

22 ފެބުރުވަރީ 2025 - 13:40 0


ރެއާލްގެ ބެލިންހަމްގެ ސަސްޕެންޝަނަށް ލުޔެއް ނުލިބުނު

22 ފެބުރުވަރީ 2025 - 13:40 0

މެޑްރިޑް (ފެބްރުއަރީ 22) - ސްޕެނިޝް ލީގުގައި ރެއާލް މެޑްރިޑުން އޮސަސޫނާއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން އެ ޓީމުގެ މިޑްފިލްޑަރު ޖޫޑް ބެލިންހަމް އަށް ދެއްކި ރަތްކާޑާއެކު އައި ދެ މެޗުގެ ސަސްޕެންޝަނާ ދެކޮޅަށް އެ ކްލަބުން ހުށަހެޅި އެޕީލް މައްސަލަ ކާމިޔާބެއްނުވި އެވެ.

ސްޕެނިޝް ލީގުގައި އޮސަސޫނާއާ ދެކޮޅަށް ރެއާލުން ކުޅުނު މެޗު އެއްވަރުވީ 1-1 ގެ ނަތީޖާ އަކުންނެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ރެފްރީއާ މުހާތަބުކޮށް ހަޑިހުތުރު ބަހުން ވާހަކަ ދެއްކި ކަމަށްބުނެ ރެފްރީ ވަނީ ބެލިންހަމަށް ވަގުތުން ރަތް ކާޑު ދައްކާފަ އެވެ. އަދި މެޗު ރިޕޯޓުގައި އެ ވާހަކަ ހިމަނާފައިވުމާއެކު އޭނާގެ މައްސަލަ ބެލުމަށްފަހު ސްޕެނިޝް ލީގުން ވަނީ ބެލިންހަމް ދެ މެޗަށް ސަސްޕެންޑް ކޮށްފަ އެވެ.

ރެއާލުން ވަނީ ބެލިންހަމް ރެފްރީއާ މުހާތަބުކޮށް ހަޑިހުތުރު ބަސް ބޭނުން ނުކުރާ ކަމަށްބުނެ މައްސަލަ އެޕީލް ކޮށްފަ އެވެ.

އަދި އޮސަސޫނާ މެޗަށް ފަހު ވާހަކަ ދައްކަމުން ބެލިންހަމް ވެސް ވަނީ އޭނާ އެފަދަ ގޮތަކަށް ރެފްރީއާ ރައްދުވާހެން ވާހަކަ ނުދައްކާ ކަމަށް ބުނެފަ އެވެ.

ސްޕެނިޝް ރެފްރީސް އެޕީލް ކޮމެޓީ އިން މި މައްސަލަ ބެލުމަށްފަހު ނެރުނު ބަޔާނުގައި ބުނީ ރެއާލަށް ބެލިންހަމް ހަޑިހުތުރު ބަސް ބޭނުންނުކުރާކަން ސާބިތުކޮށްދެވިފައިނުވާ ކަމަށެވެ.

އެޕީލް ކޮމެޓީގެ ނިންމުމާ އެކު ބެލިންހަމް އަށް ސްޕެނިޝް ލީގުގައި ރެއާލުން ޖިރޯނާ އަދި ރެއާލް ބެޓިސްއާ ދެކޮޅަށް ކުޅޭ މެޗު ގެއްލޭނެ އެވެ. މީގެ ކުރިން ވެސް ރެއާލްގެ ކުޅުންތެރިންނާ ކޯޗުން ވަނީ ރެފްރީންގެ ނިންމުންތަކާ ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ.