22 ފެބުރުވަރީ 2025 - 03:43 0
ލީވާން އަލީ ނާސިރު
ބުރާސްފަތި ދުވަހުގެ ރޭ މިފްކޯ ކޮމްޕްލެކްސްއިން ބެހި މަސްދަޅު ހޯދަން ދަމާލާފައިވާ ދިގު ކިޔޫ. -- ފޮޓޯ: އަދަދު
22 ފެބުރުވަރީ 2025 - 03:43 0
ރޯދަ ހަދިޔާގެ ގޮތުގައި ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ރައްޔިތުންނަށް ދޭ މަސްދަޅު ކޭސް މާލޭ ސަރަހައްދުން ދޫކުރާނެ މަރުކަޒުތައް އިތުރުކޮށް، އޮންލައިންކޮށް ނަންބަރު ނެގޭ ގޮތް ހަދައިފި އެވެ.
ބުރާސްފަތި ދުވަހުގެ ރޭ މާލޭގައި މަސްދަޅު ބަހަން ފެށީ ދެ މަރުކަޒަކުންނާއި ހުޅުމާލޭގައި ދެ މަރުކަޒަކުން އަދި ވިލިމާލެއިންނެވެ.
އެ މަރުކަޒުތަކުގައި އެރޭ ދަމައިލި ދިގު ކިޔޫ ނިމުނީ މެންދަންވި ފަހުންނެވެ. އެކަމާގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވި އެވެ..
އެހެންވެ، މަރުކަޒުތައް އިތުރުކޮށް އިންތިޒާމުތައް ރަނގަޅުކުރުމަށް ފަހު، މިރޭ އަލުން މަސްދަޅު ދޫކުރަން ފަށާނެވެ.
ލޯކަލް ގަވާމެންޓު މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މާލޭ ސަރަހައްދުގައި ޖުމުލަ 13 ސެންޓަރަކުން މަސްދަޅު ބަހާނެ ކަމަށެވެ.
ކިޔޫ ނަންބަރު ދޫކުރާނީ އޮންލައިން ސިސްޓަމަކުންނެވެ.
"މި ނިޒާމުގެ ތެރެއިން ވަކި ރެޔަކަށް ވަކި މަރުކަޒަކުން ޓޯކަން ނެގުމުން، އެ ރެއެއްގައި އެ މަރުކަޒަކަށް އެ ބޭފުޅަކަށް މަސްދަޅު ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެ އެވެ،" މިއަދު ނެރުނު ބަޔާނުގައިވެ އެވެ.
ނަމަވެސް ނަންބަރު ދޫކުރަން ހުޅުވާ ނުލަ އެވެ.
އޮންލައިންކޮށް ނަންބަރު ނުނެގޭ ފަރާތްތަކުން މަސްދަޅު ދޫކުރާ މަރުކަޒަކަށް ދިޔުމުން، ނަންބަރު ނެގުމަށް އެހީތެރިވެދޭނެ އެވެ.
ކޮންމެ ނަންބަރަކަށް ދޫކުރާނީ ގިނަވެގެން 3 ކޭސް މަހެވެ.
މާލޭގެ ހުރިހާ ގޭބިސީއަކަށް މަސްދަޅު ލިބެންދެން މަސްދަޅު ބެހުން ކުރިއަށް ދާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނިންމެވުމަށް މި އަހަރު މަސްދަޅު ދޫކުރާއިރު، މިދިޔަ އަހަރު ރޯދަ ހަދިޔާ އަށް ދޫކުރީ 10 ކިލޯ ގޮދަންފުށެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment