Advertisement

ފުރަތަމަ ހަ ހަފްތާ ތަރައްގީގެ މަޝްރޫއުތަކަށް ހޭދަކުރީ 495 މިލިއަން މަދުން، މުސާރަ ހަރަދު 117 މިލިއަނުން އިތުރުވި

21 ފެބުރުވަރީ 2025 - 13:32 1

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގެ ތެރެއިން. މި ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު އިންތިހާއަށް އިތުރުވެ ދައުލަތުގެ ބަޖެޓުން އެކަމުގެ ބުރަ އުފުލަން ވަނީ މަޖުބޫރުވެފައި --- ފޮޓޯ: ރައީސް އޮފީސް


ފުރަތަމަ ހަ ހަފްތާ ތަރައްގީގެ މަޝްރޫއުތަކަށް ހޭދަކުރީ 495 މިލިއަން މަދުން، މުސާރަ ހަރަދު 117 މިލިއަނުން އިތުރުވި

21 ފެބުރުވަރީ 2025 - 13:32 1

މިދިޔަ އަހަރުގެ ފުރަތަމަ ހަ ހަފްތާގެ ތެރޭގައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށްގެންދިޔުމަށް ސަރުކާރުން ހޭދަކުރި އަދަދަށް ވުރެ މި އަހަރުގެ އެ މުއްދަތުގައި ހޭދަކުރި އަދަދު ބޮޑުތަނުން ދަށްވެ މުސާރަ ދިނުމަށް ހަމަ އެ މުއްދަތުގެ ތެރޭގައި ކުރި ހަރަދު އިތުރުވެފައިވާކަން ދައުލަތުގެ މާލީ ހިސާބުތަކުން ދައްކައިފި އެވެ.

ފިނޭންސް މިނިސްޓްރީން ވަނީ ފެބްރުއަރީ 13, ގެ ނިޔަލަށް ދައުލަތުގެ އާމްދަނީ އާއި ހަރަދުތައް ހިމެނޭ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓު ރިޕޯޓު އާންމުކޮށްފަ އެވެ.

މިދިޔަ އަހަރުގެ ފުރަތަމަ ހަ ހަފްތާގެ ނިޔަލަށް ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓު ޕްރޮގްރާމް (ޕީއެސްއައިޕީ) ނުވަތަ ތަރައްގީގެ މަޝްރޫއުތަކަށް ދައުލަތުގެ ބަޖެޓުން 819 މިލިއަން ރުފިޔާ ހޭދަކުރި އެވެ. ނަމަވެސް, މި އަހަރުގެ އެ މުއްދަތުގެ ނިޔަލަށް މަޝްރޫއުތަކަށް ހަރަދުކުރި ކަމަށް ދައްކަނީ 324 މިލިއަން ރުފިޔާ އެވެ.

މި އަހަރު ޕީއެސްއައިޕީ މަޝްރޫއުތަކަށް 12.3 ބިލިއަން ރުފިޔާ ބަޖެޓުކޮށްފައިވާ އިރު މިހާތަނަށް އޭގެ ތެރެއިން ބޭނުން ކުރެވިފައި ވަނީ އެންމެ 2.62 ޕަސެންޓަވެ.

ނަންބަރުތަކަށް ބަލާއިރު މަޝްރޫއުތަކަށް ކުރި ހޭދަ ބޮޑުތަނުން ދަށްވެފައިވީ ނަމަވެސް ސަރުކާރުން ބުނަމުންދަނީ ހުއްޓިފައިވާ މަޝްރޫއުތައް ވެސް އަލުން ފަށައިގެން ކުރިއަށްގެންދާނެ ކަމަށެވެ. އަދި، މި އަހަރަކީ އަމަލީ ގޮތުން ތަރައްގީ ފެނިގެންދާނެ އަހަރެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ވިދާޅުވެފަ އެވެ.

ތަރައްގީގެ މަޝްރޫއުތަކަށް ކުރި ހޭދަ ބޮޑުތަނުން ދަށްވުމާ އެކު ބަޖެޓު އަރަނި ކަމަށް ދެއްކި ނަމަވެސް ދައުލަތުގެ އާމްދަނީ ދަށްވުމާއި މުސާރަ ހަރަދު ބޮޑުވުމުގެ ސަބަބުން އޮތް މާލީ ގޮންޖެހުންތައް ދަނީ އިތުރުވަމުންނެވެ.

މުސާރަ ހޭދަ 11 ޕަސެންޓުން އިތުރުވެއްޖެ

ކެޕިޓަލް ހަރަދުތަކާއި ރިކަރަންޓު ހަރަދު ވެސް ދަށްވި ނަމަވެސް ފުރަތަމަ ހަ ހަފްތާގައި މުސާރަ ހަރަދު ވަނީ 117 މިލިއަން ރުފިޔާއިން އިތުރުވެފަ އެވެ. މުސާރަ ހޭދައިގެ ތެރޭގައި މުސާރަ އާއި އިނާޔަތްތަކުގެ އިތުރުން ޕެންޝަނާއި ރިޓަޔަމަންޓު ބެނެފިޓުތައް ހިމެނެ އެވެ.

އެގޮތުން، މި އަހަރު 1.14 ބިލިއަން ރުފިޔާ ހޭދަކުރިއިރު މިދިޔަ އަހަރު މުސާރަ ހަރަދު ހުރީ އެ މުއްދަތުގައި 1.02 ބިލިއަންގަ އެވެ. އޭގެ ކުރީ 2023 ވަނަ އަހަރު މުސާރަ ހަރަދު އެ މުއްދަތުގައި ހުރީ 959 މިލިއަން ރުފިޔާގަ އެވެ.

މި އަދަދުތަކަށް ބަލާއިރު މިދިޔަ އަހަރާ އަޅައިބަލާއިރު ފުރަތަމަ ހަ ހަފްތާގެ ތެރޭގައި މުސާރައަށް ކުރާ ހޭދަ މިވަނީ 11.43 ޕަސެންޓުން އިތުރުވެފަ އެވެ. އަދި، އެމްޑީޕީގެ ދެވަނަ ވެރިކަމުގެ ފަހު އަހަރަށް ވުރެ މި ސަރުކާރުގެ ދެވަނަ އަހަރުގެ ފުރަތަމަ ހަފްތާގައި މުސާރައަށް ކުރާ ހޭދަ ގާތްގަނޑަކަށް 19 ޕަސެންޓުން ވަނީ އުފުލިފަ އެވެ.

ދައުލަތުގެ މުސާރަ ބިލު ބޮޑުވެފައިވާ މި ދަނޑިވަޅުގައި ގިނަ އަދަދެއްގެ ސިޔާސީ މުވައްޒަފުން އަދިވެސް މަގާމުތަކަށް ދަނީ އައްޔަނު ކުރަމުންނެވެ. ސަރުކާރުގައި ތިބި ޖުމުލަ ސިޔާސީ މުވައްޒަފުންގެ އަދަދު ނޭނގޭއިރު އެ އަދަދު ހާމަކުރަން ދެކޮޅު ހަދާތާ ސަރުކާރަށް ވީހައި ދުވަހެއް ވެއްޖެ އެވެ.

އާމްދަނީ ވެސް ވެއްޓިއްޖެ

ދައުލަތަށް ފުރަތަމަ ހަ ހަފްތާގައި ތެރޭގައި ލިބުނު ޖުމުލަ އާމްދަނީއަށް ބަލާއިރު މިދިޔަ އަހަރަށް ވުރެ ލިބުނީ 359 މިލިއަން ރުފިޔާ މަދުންނެވެ. ޓެކްސް އާމްދަނީ 192 މިލިއަން ރުފިޔާ މަދުވިއިރު އިމްޕޯޓް ޑިއުޓީން އެކަނި 104.3 މިލިއަން ރުފިޔާ ވަނީ މަދުވެފަ އެވެ.

އިމްޕޯޓް ޑިއުޓީ މަދުވެފައި މިވަނީ މި އަހަރަށް ފާސްކުރި ބަޖެޓުގައި އާމްދަނީ އިތުރުކުރުމަށް ހިމެނި ބައެއް ސިޔާސަތުތައް ތަންފީޒު ކުރަން ފަށާފައި ވަނިކޮށެވެ. އެގޮތުން، ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓް ޑިއުޓީ ބޮޑުކޮށްގެން އާމްދަނީގެ ގޮތުގައި އިތުރު 1.1 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ސަރުކާރުން ވަނީ ބަޖެޓުގައި އަަންދާޒާކޮށްފަ އެވެ.

ޓީޖީއެސްޓީ މަތިކުރުމުން ޖީއެސްޓީގެ ގޮތުގައި ލިބުނު ފައިސާ އިތުރުވި ނަމަވެސް ޕްރޮޕަޓީ އާއި ވިޔަފާރީގެ ފައިދާއިން ދައްކާ ޓެކުހުން ފުރަތަމަ ހަ ހަފްތާ ދައުލަތަށް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު ވަނީ 267 މިލިއަން ރުފިޔާއިން މަދުވެފަ އެވެ.