21 ފެބުރުވަރީ 2025 - 10:00 2
ރޫޙުލްއަމީން ޢަބްދުﷲ
ޗޭނު ޖަހާފައިވާ ޝައިތާނެއް ސިފަކުރުމަށް އޭއައި ބޭނުންކޮށްގެން ކުރަހާފައިވާ ފޮޓޯއެއް
21 ފެބުރުވަރީ 2025 - 10:00 2
ރޯދަ މަހާ ގުޅިގެން އާންމުކޮށް އަޑުއިވޭ ވަރަށް މަޝްހޫރު ހަދީސް ބަސްފުޅެއްގައިވެ އެވެ. "ރޯދަ މަސް އަތުވެއްޖެނަމަ، ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވިދެ އެވެ. އަދި ނަރަކައިގެ ދޮރުތައް ބަންދުވެދެ އެވެ. އަދި ޝައިތާނުން ކަސްތޮޅު އެޅުވެ އެވެ." މި ހަދީސްއާ ގުޅިގެން ވަރަށް ގިނަ މީހުން ސުވާލުކުރެ އެވެ. ރޯދަ މަހުގައި ޝައިތާނުން ކަސްތޮޅު އެޅުވޭއިރު ދެން ނުބައި ކަންތައްތައް ހިނގަނީ ކީއްވެ ހެއްޔެވެ؟
އޭގެ ޖަވާބަކީ އެހާ ކުރު ޖަވާބެއް ނޫނެވެ. އަދި އެ މައުލޫއަށް ޖަވާބުދެވޭ ގޮތަކާއި ޖަވާބު ލިބޭ ގޮތެއްގެ ސަބަބުން، އިސްލާމީ ފިޤުހުގެ ސްކޫލްތަކުގެ ތެރެއިން ތިމާއަށް އެންމެ ކަމުދަނީ އަދި ތިމާގެ ވިސްނުމާ އެންމެ ގާތީ ކޮން ސްކޫލެއްގެ ފިޤުހުކަން އެނގިގެން ހިނގައިދާނެ އެވެ. އެހެނީ މި ހަދީސް މާނަ ކުރުމުގައި ބޭނުންކުރެވޭ މަންހަޖުގެ ގޮތުން، މާތް ނަބިއްޔާގެ އެތައް ހަދީސެއް މާނަކުރުމަށް ފަސޭހަވެގެންދެ އެވެ. އަދި މާތް ނަބިއްޔާގެ ހަގީގީ މުރާދަކީ ކޮބައިކަން ވިސްނައިގަތުމަށް މަގުކޮށިގެންދެ އެވެ.
ބައެއް އިލްމުވެރިންގެ ނަޒަރުގައި، މި ހަދީސްގެ މާނައަކީ އެހެން މާނައެއް ނޫނެވެ. ހަމަ ހަދީސްގެ ބޭރުފުށުގެ މާނަ އެވެ. ރޯދަ މަހުގެ ހާއްސަކަމަށްޓަކައި ރޯދަ މަހުގައި ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވެނީ އެވެ. އަދި ނަރަކައިގެ ދޮރުތައް ބަންދުކުރެވެނީ އެވެ. އަދި ޝައިތާނުން ކަސްތޮޅުވެސް އެޅުވެނީ އެވެ.
މި ހަދީސްގެ މާނައަކީ އެ ހަދީސްގެ ބޭރުފުށުން މުރާދުވެވޭ މާނަކަމުގައި ދެކެވަޑައިގަންނަވާ އިލްމުވެރިން، މި ލިޔުމުގެ ފެށުމުގައި އޮތް ސުވާލަށް ޖަވާބުދެއްވަ އެވެ. އެބޭކަލުން ވިދާޅުވާ ގޮތުގައި، ޝައިތާނުން ކަސްތޮޅު އެޅުވުނަސް ކުރިން ދިން ވަސްވާސްތައް ފިލައި ނުގޮސް ހުރެދާނެ އެވެ. ފަންކަލެއް ނިވާލުމުން އެ ފަންކާ ނިވެންދެން އެނބުރި އެނބުރި ހުންނަ މިސާލުގަ އެވެ.
އަދި ބައެއް ޢިލްމުވެރިން ވިދާޅުވަނީ ހަދީސްގައި އައިސްފައިވާ ފަދައިން ކަސްތޮޅު އެޅުވެނީ ހަމައެކަނި ޝައިތާނުންގެ ތެރެއިން ބޮޑެތި ޝައިތާނުންނެވެ. އެހެންވީމާ ކުދި ޝައިތާނުން ވަސްވާސްދިނުމުގައި ދެމިތިބޭނެ އެވެ. އަދި ބައެއް އިލްމުވެރިން ވިދާޅުވާ ގޮތުގައި، އިންސާނުން ހަމަ އެކަނި ގޯސް ހަދަނީ ޝައިތާނާގެ ސަބަބަކުން ނޫނެވެ. ނުބައި ކަންތަކަށް އަމުރުކުރާ ނަފުސުވެސް އެކަމުގައި ދައުރެއް އަދާކުރެއެވެ. އެހެންވީމާ ޝައިތާނާ ކަސްތޮޅު އެޅުވުނަސް ނުބައިކަންތަކަށް އަމުރުކުރާ ނަފުސުގެ ސަބަބުން މީހުން ނުބައިކަންތައް ކުރަނީ އެވެ.
މި ދެންނަވާލެވުނީ އެ ހަދީސް މާނަކުރައްވާ އިލްމުވެރިންގެ އެއް މަންހަޖެވެ. އެއީ ވެސް އިސްލާމީ ފިޤުހުގެ ސްކޫލެކެވެ. އަދި އެ ސްކޫލްއިން ކަފިވި އެކި ގޮތްޕަށް ނިސްބަތްވި އެކި އިލްމުވެރިންގެ ހިޔާލުފުޅެވެ. ދެން އެހެން ސްކޫލެއްގެ އިލްމުވެރިންގެ ބަސްފުޅު ވެސް ބައްލަވާލައްވަމާތޯ އެވެ.
ތަފާތު މަންހަޖަކުން އެ ހަދީސް މާނަކުރައްވާ އިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި، ހަދީސުން މުރާދުވެވެނީ މަޖާޒީ މާނަތަކެކެވެ. ރޯދަ މަހުގައި ކުރާ ހެޔޮކަމެއްގެ ސަވާބު އެތައް ގުނައެއް އިތުރުވާކަމަށްޓަކައި، އަދި އެ މަހުގައި މާތްވެގެންވާ ލައިލަތުލްޤަދްރި ވެސް ލެއްވިފައިވާކަމަށްޓަކައި، އެމަހާއެކު ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވިފައޭ ބުނެވޭ ބަހުގެ މުރާދަކީ، ސުވަރުގެއަށް ދިއުމުގެ މަގު އެހެން މަސްމަހަށްވުރެ އެ މަހުގައި ތަނަވަސްވެގެންވުމެވެ. ސަވާބު އިތުރުވެގެންވާކަމަށްޓަކަ އެވެ. ބަހުގެ ގޮތުން ބަލާއިރު ކަމެއްގެ ފުރުސަތު ހުޅުވާލުމަށް ކަމެއްގެ ދޮރުހުޅުވާލުންކަމަށް ބޭނުންކުރެވެ އެވެ.
ނަރަކައިގެ ދޮރުތައް ބަންދުކުރެވެޔޭ ބުނެވޭ ބަހުގެ މުރާދަކީ، ނުބައިކަންކަން މަދުވެގެންދާނެ ވާހަކަ އެވެ. މީގެ އިތުރުން ނަރަކައިގެ މަގުތަކާ ގުޅިފައިވާ އެންމެ ބޮޑު އެއް ކަމަކީ ޝައިތާނާގެ ވަސްވާސްތަކެވެ. އެމަހުގައި ޝައިތާނުން ކަސްތޮޅުއެޅުވޭ ކަމަށްޓަކައި ނުބައި އަމަލުތައް މަދުވެއެވެ. ޝައިތާނުން ކަސްތޮޅު އެޅިގެންދަނީ އެ މަހުގައި އިންސާނުން ބަނޑުހައިކަން ގެނެސްގަންނާތީ އެވެ.
ރޯދަ ވީއްލާ ގޮތަށް ހަބަޑަށް ކާލާނަމަ، މި ސްކޫލްގެ ފިޤުހުވެރިން މި ވިދާޅުވަނީ ކީކޭކަން ވިސްނައިގަންނަން އެހާ ފަސޭހައެއް ނުވާނެ އެވެ. އެއީ ހަބަޑަށް ކެއުމަކީ ޝައިތާނާގެ ވަސްވާސްތަކަށް ކޮށޭ މަގެކެވެ. ރޯދަ ވީއްލިއެއްކަމަކު ރޯދަ މަހުގެ ރޭގަނޑުގައިވެސް ހަބަޑަށް ކެއުމަކީ މާތް ނަބިއްޔާގެ ސުންނަތުގައި އޮންނަ ކަމެއް ނޫނެވެ.
މާތް ނަބިއްޔާ ހަދީސްކުރައްވާފައިވެ އެވެ. "އާދަމުގެ ދަރިޔާގެ ލޭނާރުތަކުގައި ލޭހިނގާ މިސާލުގައި ހަމަކަށަވަރުން ޝައިތާނާގެ ވަސްވާސް ހިންގަ އެވެ. ބަނޑުހައިކަމާއި ރޯދައިން އެކަލޭގެއަށް ދަތިކުރާށެވެ!" މި ހަދީސްއިން ވެސް ދަލީލު ލިބޭ ގޮތުގައި ރޯދައާއި ބަނޑުހައިކަމަކީ ޝައިތާނާގެ ވަސްވާހުން ސަލާމަތްވެވޭ ގޮތެކެވެ. އެހެންވީމާ ރޯދައަށް ހުރުމުން އެކަލޭގެ ކަސްތޮޅު އެޅެއެވެ. ސަލާމާއި ޞަލަވާތް ލެއްވި ޔަޙްޔާގެފާނާއި އިބްލީސްއާ ދެމެދު ދެކެވުނު ވާހަކައިގައި ވެސް ވާރިދުވެގެންވެއެވެ. އިބްލީސް ބުންޏެވެ؛ އިބަ ބަނޑުފުރައި ކައިފިނަމަ އެކަމުގެ ސަބަބުން ނަމާދާއި ޒިކުރުކުރުން އެއީ އިބައަށް ބުރަކަމެއްކަމުގައި އަހަރެމެން ހަދާނަމެވެ.
ޝައިތާނުންގެ ބައި ބާއްވާފައިވާ ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވޭ ވާހަކައަކަށާއި ނަރަކައިގެ ދޮރުކޮޅުތައް ބަންދުކުރެވޭ ވާހަކައަށް އިތުރު ނަޒަރެއް ދެއްވިޔަސް ހަދީސްއިން މުރާދުވެވެނީ ބޭރުފުށުގެ މާނައަށްވުރެ މަޖާޒީ މާނައެއްކަމަށް ބާރުލިބެ އެވެ. ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވޭ ވާހަކަ އޭގެ ބޭރުފުށަށް މާނަކޮށްފިނަމަ، އޭގެ އިދިކޮޅު މާނައަކީ، ރޯދަ މަސް ނޫނިއްޔާ ދޮރުކޮޅުތައް ހުންނަނީ ބަންދުވެފައިކަމަށްވުމެވެ. އަދި ރޯދަމަސް ފިޔަވައި އެހެން މަސްމަހުގައި ނަރަކައިގެ ދޮރުކޮޅުތައް ހުންނަނީ ހުޅުވިފައިކަމުގައިވުމެވެ.
ފަސޭހަކަމާއެކު މިގޮތުގެ މަތީން ހަދީސް ބަސްފުޅަށް ނަޒަރުކުރުމުން، ހަދީސް ބަސްފުޅުގައި މާތް ނަބިއްޔާ ބޭނުންފުޅުކުރައްވާފައިވާ އިބާރާތަކީ އޭގެ ލަފުޒީ މާނައަށް އޮތް އިބާރާތެއް ނޫންކަން ސާފެވެ. މީސްތަކުން ސުވަރުގެ ވެއްދެވުމާއި ނަރަކައަށް ވެއްދެވުން އޮތީވެސް ގިޔާމަތް ދުވަހުން މީސްތަކުން ހިސާބު ބެއްލެވުމަށްފަހުގަ އެވެ. އެހެންވީމާ އޭގެ ޒާތުން ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވިފައި ހުރުމާއި ނުހުރުން އެއީ ހަދީސްގެ މުރާދުކަމުގައި ވުމަކީ ދުރު ގޮތެވެ.
މި ހަދީސްގެ މާނައިގައި ކުރެވޭ ބަހުސަކީ ހަމައެކަނި އެ ހަދީސްގެ މާނައަށް ހުއްޓިފައި އޮތް ބަހުސެއް ނޫނެވެ. މާނަކުރުމުގައި އިލްމުވެރިން އިހްތިޔާރުކުރައްވާ މަންހަޖެއްގެ ގޮތުން އެތައް ހަދީސެއް މާނަކުރުމުގައި އިލްމުވެރިންގެ މެދުގައި ހިޔާލު ތަފާތުވެގެންދެ އެވެ. އަދި އެކަމުގެ ސަބަބުން މަޒުހަބުތައް އުފެދެ އެވެ.
މީގެ އެހެން މިސާލަކީ މާތް ނަބިއްޔާ އިތުރު އެކަލޭގެފާނުގެ ސަހާބީންނަށް އެންގެވީ، "ތިޔަބައިމީހުން މިއަދު ބަނޫޤުރައިޒާގައި މެނުވީ އަސްރު ނަމާދު ނުކުރާ ހުށިކަމެވެ." މާތް ނަބިއްޔާގެ ސަހާބީން ބަނޫގުރައިޒާއަށް ދިޔަ މަގުމަތީގައި އަސްރު ވަގުތުވެއްޖެ އެވެ. ބައެއް ސަހާބީން ދެކެވަޑައިގަތީ، ހަދީސްގެ ބޭރުފުށުގެ މާނަ އެވެ. އެގޮތަށް ދެކެވަޑައިގެންނެވި އިލްމުވެރިން އެ ދުވަހުގެ އަސްރު ނަމާދުކުރެއްވީ ބަނޫ ގުރައިޒާއަށް ވަޑައިގެންނެވުނީމަ އެވެ. އެކަމަކު އަނެއް ބައި ބޭކަލުން ދެކެވަޑައިގެންނެވި ގޮތުގައި، މާތް ނަބިއްޔާގެ އެ ބަސްފުޅުން މުރާދުވެވުނީ ތިޔަބައިމީހުން އަސްރު ކުރިން ބަނޫ ގުރައިޒާއަށް ދެވޭތޯ އަވަހަށް ވަޑައިގަންނަވާށޭ ކަމަށެވެ. މި ހިޔާލުތަފާތުވުމުގެ ވާހަކަ މާތް ނަބިއްޔާއަށް ދެންނެވުނު ހިނދު އިތުރު އެކަލޭގެފާނު ވަކި ކޮޅަކަށް ބުރަވެވަޑައިގަތުމުގެ ބަދަލުގައި ހަނުހުންނެވި އެވެ.
ރޯދަމަސް ކަނޑައެޅުމުގައި ފަލަކީ ހިސާބަށް ބެލިދާނެތޯ ނޫންތޯ؟ ތަރާވީހު ނަމާދު ކުރަން އެންމެ މޮޅީ ކޮން ގޮތެއްތޯ ކިތައް ރަކުއަތްތޯ އެއީ އޮންނަ ނަމާދެއްތޯ؟ އަދި ފިތުރު ޒަކާތް ކާބޯތަކެތިން ނޫންގޮތަކަށް ނެރުން ހުއްދަވާނެތޯ ނޫންތޯ؟ މިޔުޒިކް ހަރާންތޯ ނޫންތޯ ކުރެވޭ ބަހުސާއި، ތަނބިކަށިން ތިރިއަށް ފޭރާން ބެހެއްޓުމުގެ ހުކުމާއި ތުނބުޅި ދިގުކުރުމުގެ ހުކުމާއި މޫނު ބުރުގާ ވާޖިބުތޯ ނޫންތޯ ކުރެވޭ ބަހުސާއި، މިނޫންވެސް މިބާވަތުގެ ކިތަންމެ ކަމެއްގެ މައިގަނޑު ވެސް ހުއްޓިފައިވަނީ ހަމަ މި ފަދައިން ހަދީސްތައް މާނަކުރެވޭ މަންހަޖާވެސްމެ އެވެ. ކޮންމެ އަޅުކަމެއްގެ އެތައް ހުކުމަކާއި ތަފުސީލުތަކުގައި އިލްމުވެރިންގެ މެދުގައި ހުރި ހިޔާލުތަފާތުވުންތައް ވެސް ހުރީ މި މޭރުމުގެ މައްޗަށެވެ.
އަޅުގަނޑުގެ ބޭނުމަކީ މި މައުލޫގައި ވިސްނާފިކުރު ހިންގާލުމަށް މަގެއް ދައްކާލުމެވެ. އެމަގު ދެއްކުމުގައި މި ލިޔުމުގައި ބަޔާންކުރި ހަދީސް އިހުތިޔާރުކުރީ ސަބަބެއް އޮވެގެންނެވެ. ކުރިމަތިވަމުން އަންނަ ބަރަކާތްތެރި ރޯދަ މަހަށް ތިޔަ އެންމެ ބޭފުޅުންނަށް އަޅުގަނޑުގެ ހިތުގެ ހެޔޮ ތަހާނީތައް ރައްދުކުރަމަށެވެ. އަދި އެ މައްސަރުގެ ފުރިހަމަ ބަރަކާތްތެރިކަން ހަމަ އަހަރެމެން އެންމެންނަށްމެ މިންވަރުކުރައްވާތޯ ހިތުގައި އޮތް އުފާވެރި އެދުމާއި ދުއާ ހިއްސާކުރުމަށެވެ.
Comment