Advertisement

ގޯލްޑަން ފުޓްސަލް ޗެލެންޖް: ސެމީ ފައިނަލަކީ ވެސް ނައިވާދޫ އަށް ލިބުނު ކާމިޔާބީ އެއް

21 ފެބުރުވަރީ 2025 - 07:11 0

ނައިވާދޫ ކުޅުންތެރިން މެޗެއްގެ ތެރެއިން ލަނޑު ޖެހުމަށް ފަހު އުފާފާޅުުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ


ގޯލްޑަން ފުޓްސަލް ޗެލެންޖް: ސެމީ ފައިނަލަކީ ވެސް ނައިވާދޫ އަށް ލިބުނު ކާމިޔާބީ އެއް

21 ފެބުރުވަރީ 2025 - 07:11 0

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ސެމީ ފައިނަލުން ޖާގަ ހޯދުންވެސް އެއީ ނައިވާދޫ އަށް ލިބުނު ބޮޑު ކާމިޔާބީ އެއް ކަމަށް އެ ޓީމުގެ ކެޕްޓަން ޔާމީން މުހައްމަދު (ޔާންޓެ) ބުނެފި އެވެ.

މި މުބާރާތުގެ ތާރީހުގައި ނައިވާދޫ އިން ސެމީ ފައިނަލުގައި ވާދަކުރާ މިއީ ފުރަތަމަ ފަހަރެވެ. މީގެ ކުރިން އެތައް ފަހަރެއްގެ މަތިން ނައިވާދޫ އިން ވަނީ މުބާރާތުގެ ކުއާޓާ ފައިނަލުގައި ވާދަކޮށްފަ އެވެ.

ސެމީގައި ނައިވާދޫ އިން ނުކުންނާނީ ލ. ގަމާ ދެކޮޅަށެވެ. ގަމުން ވަނީ މީގެ ކުރިން 2023 ވަނަ އަހަރުގެ މުބާރާތް ކާމިޔާބުކޮށްފަ އެވެ. އަދި މިދިޔަ ދެ އަހަރުގެ ފައިނަލުގައި ގަމުން ވާދަކުރި އެވެ.

ކުއާޓާ ފައިނަލުގައި ނައިވާދޫ އިން މަހިބަދޫގެ މައްޗަށް ކުރިހޯދީ 7-4 ގެ ނަތީޖާ އަކުންނެވެ.

ކުއާޓާގެ މެޗަށްފަހު ވާހަކަ ދައްކަމުން ޔާންޓެ ބުނީ މި މުބާރާތުގައި ހދ. ޓީމުތަކަށް ގިނަ މެޗުތަކެއް ކުޅެން ޖެހޭ ކަމަށެވެ. އެހެންވެ ޓީމުގައި ވަރުބަލިކަން އެބަހުރި ކަމަށް ޔާންޓެ ބުންޏެވެ.

ޔާންޓެ ބުނީ ސެމީ ފައިނަލުގައި މީގެ ކުރިން ނުކުޅެ މި އަހަރު ކުޅެން ލިބުން އެއީ ރަށަށާ ޓީމަށް ލިބުނު ބޮޑު ކާމިޔާބީ އެއް ކަމަށެވެ.

"އަސްލު ވަރަށް ގިނަ މެޗުތަކެއް ކައިރިކައިރީގައި ކުޅެފައި މި އަންނަން ޖެހެނީ އެހެންވެ, ވަރުބަލިކަން ޓީމުގައި އެބަހުރި. އެކަމަކު މި ކިކުގައި މީތި ނަގަން ބޭނުންވަނީ" ޔާންޓެ ބުންޏެވެ.

ސެމީ ފައިނަލަށް ނައިވާދޫ އިން ނުކުންނައިރު, އެ ޓީމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ކީ ޕްލޭޔަރު އަބްދުالله ޝާފިއު (ޝާއްޕެ) އަށް އަނިޔާގެ ސަބަބުން ނުކުޅެވުމެވެ.

ޝާއްޕެ އަށް އަނިޔާވީ ޒޯން ފައިނަލުގައި ދިއްދޫއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިންނެވެ.

ޔާންޓެ ބުނީ މުޅި ޓީމު އޮތީ ޖޯޝުގައި ކުޅެ ރަށާއި ޝާއްޕެ އަށް މީތި ހޯދައިދޭން ތައްޔާރަށް ކަމަށެވެ. އަދި ސެމީގައި ލ. ގަން ބަލިކުރެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ޝާއްޕެ ބުންޏެވެ.

ލ. ގަމާއި ނައިވާދޫ ބައްދަލުކުރާ ސެމީ ފައިނަލް މެޗު ކުޅޭނީ މިރޭ އެވެ.