Advertisement

ރައީސް އާއި އަބްދުއްރަހީމް ބައްދަލުކުރީ ސަރުކާރުން ފޮނުވާ ބިލުތަކާ ގުޅޭ ގޮތުން މަޝްވަރާކުރަން: ހީނާ

20 ފެބުރުވަރީ 2025 - 16:46 1

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައީސް މުއިއްޒު އަދި މަޖިލީހުގެ ރައީސް އަބްދުއްރަހީމް ރިޔާސީ ބަޔާން އިއްވި ދުވަހު މަޖިލިސް ދޮށުގައި --- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ރައީސް އާއި އަބްދުއްރަހީމް ބައްދަލުކުރީ ސަރުކާރުން ފޮނުވާ ބިލުތަކާ ގުޅޭ ގޮތުން މަޝްވަރާކުރަން: ހީނާ

20 ފެބުރުވަރީ 2025 - 16:46 1

ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލު ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ރައީސް އޮފީހަށް ވަޑައިގެންނެވީ މަޖިލީހުގެ މަސައްކަތްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ކަމަށް ސަރުކާރުން ބުނެފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދެ ރައީސުންގެ އިތުރުން ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ބައިވެރިވެވަޑައިގެންނެވި ކަމަށެވެ.

މި ބައްދަލުވުމުގައި ދެ ރައީސުންނާއި ފަލާހު، މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ތެރޭ ސަރުކާރުން މަޖިލީހަށް ފޮނުވާ ބިލުތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވި ކަމަށް ސަރުކާރުގެ ތަރުޖަމާނު ވިދާޅުވި އެވެ. ސަރުކާރުން މި ދައުރުގައި ފޮނުވާ ބިލުތަކުގެ ތަފުސީލެއް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

"މި ބައްދަލުކުރެއްވުމަކީ މިދިޔަ އަހަރުވެސް ކޮންމެ ދައުރެއްގެ ކުރީކޮޅު ކުރިއަށްގެންދަވާފައިވާ ފަދަ މަޝްވަރާ ބައްދަލުވުމެއް،" ހީނާ ލިޔުއްވާފައިވެ އެވެ.

ރައީސް އޮފީހުގައި މިއަދު ދެ ރައީސުން ބައްދަލުކުރެއްވީ ދެމެދު އޮތް ގުޅުން އިންތިހާއަށް ގޯސްވެފައިވާ ކަމުގެ އަޑުތައް ފެތުރިފައި ވަނިކޮށެވެ.

އެ ދެ ބޭފުޅުންގެ ދެމެދުގައި ގިނަ ދުވަސްތަކެއް ވަންދެން އޮތް ނުތަނަސްކަމުގެ ހުޅުފަޅައިގެން ދިޔައީ ޖެނުއަރީ 28، ގައި އަބްދުއްރަހީމްގެ ދަރިކަލުން އިބްރާހިމް ފައިސަލް ޓޫރިޒަމް މަގާމުން ވަކިކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވުމާ ގުޅިގެންނެވެ.

އެ ދުވަހު ރާއްޖޭގެ މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި އަބްދުއްރަހީމް ވިދާޅުވީ އެމަނިކުފާނާއި ރައީސް ޑރ. މުހައްމަދު މުއިއްޒުއާ އޮތް ގުޅުން ހީނަރުނުވާ ނަމަ ފައިސަލް މަގާމުން ވަކި ނުކުރީސް ކަމަށެވެ.

އޭގެ ފަހުން އަބްދުއްރަހީމް މިކަމާ ގުޅޭ ގޮތުން ބަހެއް ވިދާޅެއް ނުވެ އެވެ. ނަމަަވެސް، ރިޔާސީ ބަޔާން އިއްވި ޖަލްސާގައި ދެ ރައީސުން އެކުގައި ފެނިގެންދިޔަ އެވެ.

ރައީސް މުއިއްޒު އާއި އަބްދުއްރަހީމްއާ ދެމެދު މައްސަލަ ޖެހެން ފެށީ އަބްދުއްރަހީމް "އެކަހެރިކޮށްލުމުން" ކަމަށް އޭނާއާ ގާތް ބައެއް މީހުން ވަނީ އަދަދު އާ ވާހަކަ ދައްކަމުން ބުނެފަ އެވެ. ރައީސް މުއިއްޒު، އަބްދުއްރަހީމް ދުރުކޮށްލެއްވީ އޭނާގެ ސިޔާސީ "އެމްބިޝަން" މާ މަތީގައި ހުރުމުން ކަމަށް އަބްދުއްރަހީމްއާ ގާތް ބޭފުޅުން ބުނެ އެވެ.