20 ފެބުރުވަރީ 2025 - 09:32 0
އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް ތަމޫހު.--- ފޮޓޯ: ހުސެއިން ވަހީދު / އަދަދު ސްޕޯޓްސް
20 ފެބުރުވަރީ 2025 - 09:32 0
ރާއްޖޭގެ ކުޅިވަރުގެ 20 އަހަރުގެ ދުރުރާސްތާ ޕްލޭންގެ ކަންކަން ކުރަމުންދަނީ ސަރުކާރާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގުޅިގެން ކަމަށާއި މިހާތަނަށް ބަލާއިރު މީގެ އާ ގުޅޭ ކަންކަމުގެ މަސައްކަތުގެ ދުވެލި ދަނީ ރަނގަޅަށް ކަމަށް އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް ތަމޫހު އަހުމަދު ސައީދު (ތަމޫ) ވިދާޅުވެއްޖެ އެވެ.
ސަރުކާރާއި އޮލިމްޕިކް ކޮމިޓީ އަދި ސްޕޯޓްސް ކައުންސިލުން އިސްވެ، އެމެރިކާގެ، އިންޓަނޭޝަނަލް ކޯޗިން އެންރިޗްމަންޓް ސެޓިފިކެޓް ޕްރޮގްރާމް (އައިސީއީސީޕީ)ގެ އެހީތެރިކަމާ އެކު، މި ހެދި ރާއްޖޭގެ ކުޅިވަރުގެ ދުރުރާސްތާ ޕްލޭނުގައިވާ ގޮތުން، އެތުލީޓުންނަށް ރަނގަޅު ފެންވަރުގެ ތަމްރީން ދެމެހެއްޓެނިވި ގޮތެއްގައި ދިނުމުގެ ނިޒާމެއް ކަނޑައަޅާ ގޮތަށް ހިމަނާފައިވެ އެެވެ. އަދި ވީހާ ވެސް އަވަހަށް އެކި ކުޅިވަރުގެ ހުނަރުވެރި ކުދިން ހޯދައި، ރަނގަޅު ތަމްރީންތައް ދީ އެ ކުދިން ކުރިއެރުވުން ހިމަނާފައިވެ އެވެ.
މި ޕްލޭނުގެ ދުރު ވިސްނުމަކީ، ބައިނަލްއަގުވާމީ ބޮޑެތި ގޭމްސްތަކުން ރާއްޖެ އަށް މެޑަލް ހޯދޭނެ ވަރަށް ދުރާލާ އެތުލީޓުން ޑިވެލޮޕްކުރުމެވެ. އެ ގޮތުން، ޕްލޭނުގައި ކާމިޔާބު ހޯދުމުގެ ޓާގެޓެއްގެ ގޮތުން ހިމަނާފައިވަނީ، 2030 އާއި 2034 ގެ އޭޝިއަން ގޭމްސްގައި މެޑަލެއް ހޯދުމާއި 2036 އާއި 2040ގެ އޮލިމްޕިކްސް އިން ރާއްޖެ އަށް މެޑަލެއް ގެނެވޭތޯ އެ އަޒުމުގައި މަސައްކަތް ކުރުމެވެ.
އޮލިމްޕިކް ކޮމިޓީގެ އަހަރީ އާންމު ޖަލްސާ އަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ސުވާލަކަށް ޖަވާބު ދެއްވަމުން ތަމޫހު ވިދާޅުވީ މިނިސްޓްރީގެ ވެސް ޕްލޭން ހުރީ އޮލިމްޕިކް ކޮމިޓީއާ ގުޅިގެން ކުރުމަށް ކަމަށްވާތީ މި ކަމުގައި ވަރަށް ކައިރިން ބައިވެރިވަމުން އަންނަ ކަމަށެވެ.
"ފަސް އަހަރުން ސަރުކާރު ބަދަލުވަމުން މި ދަނީ، އޮލިމްޕިކް ކޮމިޓީ އަކީ ވެސް އިލެކްޓެޑް (އިންތިހާބީ) ބައެއް. އެކަމަކު، ސްޕޯޓްސް ކޮމިއުނިޓީ އަކީ އަބަދު އެކައްޗެއް ކިޔާ، އެއް މިސްރާބަކަށް ދާ ބަަޔަކަށްވާތީވެ، އޮލިމްޕިކް ކޮމިޓީގެ އިންވޯލްވްމަންޓް އެހާ ބޮޑުކޮށް ގެނައުމުން ވާ ގޮތަކީ، 20 އަހަރަށް އެކުލަވާލެވޭ ޕްލޭނެއް އެ ދާން ޖެހޭ މިސްރާބުން ދިއުމަށް، އެއީ، އޮލިމްޕިކް ކޮމިޓީ ބައިވެރިވާން ޖެހޭ ކަމެއް ކަމަށް ފެނޭ،" ތަމޫހު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އެ ޕްލޭނާ ގުޅޭ މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި ހުރިހާ އެސޯސިއޭޝަންތަކާ ބައްދަލުކޮށް، މައުލޫމާތު އެއްކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ.
"މި ވަަގުތު، ޑޭޓާ ކަލެކްޝަން ޕްރޮސަސް އެއް މި ދަނީ، ހަ ކޯ ޓީމެއް އުފެދި، އެ ހަ ކޯ ޓީމުން ހަ މަސައްކަތްތަކެއް ކުރަމުން މި ދަނީ، އެސޯސިއޭޝަންތަކަށް ބައެއް ފަހަރު އެބަ ފީލްވޭ ގިނަ މީޓިންތަކަކަށް އަންނަން ޖެހޭކަން. މި ގެންނަނީ، އެކި އޭރިއާސް އަށް އެކި މައުލޫމާތު ހޯދަން ވެގެން،" އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ ކުޅިވަރުގެ ޕްލޭން ހެދި ކޮންސަލްޓަންޓުން ވެސް ލަފާދީފައިވަނީ އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި މައުލޫމާތު އެއްކޮށް މި ވަގުުތު ދިވެހި ކުޅިވަރުގެ ކަންކަން ހުރިނެތް ގޮތް ދެނެގަނެ، އެ އަށް ފަހު ކުރިއަށް ދިއުން އެންމެ ރަނގަޅުވާނެ ކަމަށެވެ.
"ފުރަތަމަ ގަބޫލުކުރެވެނީ، ކޮންސަލްޓަންޓުންގެ ވެސް ވިސްނުމަކަށްވީ، ބޭސްލައިނެއް ކްރިއޭޓްކުރަން ޖެހެއޭ، ތިބި ހިސާބެއް އެބަ ޖެހެއޭ ބަލަން. ދެނޭ ކުރިއަށްދާނީ، އޭތި، މި ދަނީ މަސައްކަތް ކުރަމުން އެކުލަވާލުމަށް އެ އަށް ފަހު، ދުނިޔޭގެ އެކި ގައުމުތަކުގައި ވެސް ކުރިއަށް ގޮސްފައި ހުރި ޕްލޭންތައް ބަލައި އަޅުގަނޑުމެންގެ ރާއްޖެ އަށް އެންމެ ކޮމްޕެޓިބަލް އީ ކޮން ޕްލޭނެއްތޯ ބަލާފައި ކުރިއަށްދާން މަސައްކަތް ކުރެވޭނީ،" ތަމޫހު ވިދާޅުވި އެވެ.
"ދަންނަވާނީ، ރަނގަޅު ސްޕީޑެއްގައި (ޕްލޭނުގެ މަސައްކަތް) ކުރިއަށް އެބަދެއޭ، އެސޯސިއޭޝަންތަކުން ސުވާލު ވެސް އެބަކުރެއޭ. ހިތްހަމަނުޖެހުން ވެސް ފާޅުކުރެއޭ، އެކަމަކު، ދެބައި މީހުންގެ ވެސް، މި އޮންނަނީ އެއްބަޔަކު އަނެއްބަޔަކާ ޖެހިގަނެގެން އުޅުމެއް ނޫން. މި އޮންނަނީ އެއް ޓާގެޓެއް، ރާއްޖޭގައި އޮތް ކުޅިވަރު މި އަށް ވުރެ ރަނގަޅު ހިސާބަކަށް ގެންދިއުން."
ތަމޫހު ވަނީ ރޭ ކުޅިވަރު ހަބަރުތައް ގެނެސްދޭ މީޑިއާތަކަށް އިލްތިމާސެއް ވެސް ކުރައްވައިފަ އެވެ.
އެ ގޮތުން، ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކުން ކުރާ ނުރަނގަޅު ކަންތައްތައް މީޑިއާ އިން ރިޕޯޓްކުރަމުން އަންނައިރު، އެސޯސިއޭޝަންތަކުން ކަންކަން ރަނގަޅުކުރަންކުރާ މަސައްކަތްތައް ވެސް ގެނެސްދޭނަމަަ، އެއީ ރާއްޖޭގެ ކުޅިވަރަށް ކޮށްދެވޭ ހިދުމަތެއް ކަމަށް ތަމޫހު ވަނީ ވިދާޅުވެފަ އެވެ.
"ވަރަށް ގިނަ މީޑިއާތަކުގައި އެސޯސިއޭޝަންތަކުގެ ވަރަށް ގިނަ ވާހަކަތައް ޖެހެމުންދަނީ. ރަނގަޅު، ލިޔެވެން ވެސް ޖެހޭނެ ކަމަށް ގަބޫލުކުރަނީ. އެކަމު، މަރާލާ ހިސާބަށް ނުގޮސް، (އެކަން ރަނގަޅު ކުރެވޭނެ) އަޅުގަނޑުމެންގެ އެސޯސިއޭޝަންތައް ވެސް މަސައްކަތް ކުރަމުން މިދަނީ ކުޅިވަރު ކުރިއަރުވަންކަން، އޭގެ ފައިން ލައިނެއް އިންނާނެކަން ގަބޫލުކުރަން، ގުޑް އެންޑް ބޭޑްގައި،" އޭނާ ވިދާޅުވި އެވެ.
ކުޅިވަރު އެސޯސިއޭޝަންގެ ހަބަރުތައް މީޑިއާގައި ޖަހާއިރު، އަވަހަށް މައުލޫމާތު އާންމުންނަށް ގެނެސްދޭން އުޅުމުން ބައެއް ފަހަރު އޮޅުން އަރާ ގޮތަށް ހުންނަ ކަމަށާއި އޭގެ ބަދަލުގައި، އެކަން އޮތްގޮތް ފުރިހަމަ އަށް ދެނެގަނެ، ގެނެސްދޭ ހަބަރުތަކުން ކުޅިވަރަށް މަންފާ ކުރާނެ ގޮތަކަށް މީޑިއާ އިން ވެސް ކުރިއަށްދިއުން ރަނގަޅުވާނެ ކަމަށް ތަމޫހު ފާހަގަކުރެއްވި އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment