Advertisement

އައިއެމްއެފްއިން ލަފާކުރަނީ ދަރަނި އިތުރުވެ މާލީ ހާލަތު ވެސް ގޯސްވާނެ ކަމަށް

19 ފެބުރުވަރީ 2025 - 13:42 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


އައިއެމްއެފްއިން ލަފާކުރަނީ ދަރަނި އިތުރުވެ މާލީ ހާލަތު ވެސް ގޯސްވާނެ ކަމަށް

19 ފެބުރުވަރީ 2025 - 13:42 0

އިގުތިސޯދީ އަންދާޒާތަކުގައި ވަރަށް ބޮޑު ނުތަނަވަސް ކަމެއް ފާހަގަކުރެވޭ ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ދައުލަތުގެ މާލީ ހާލަތު ރަނގަޅުވުމުގެ ބަދަލުގައި ފުރުސަތު ބޮޑީ ގޯސްވުން ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ބުނެފި އެވެ.

މި ހިނގާ ފެބްރުއަރީ 3، އިން ފެބްރުއަރީ 16، އަށް އައިއެމްއެފްގެ ޓީމަކުން ރާއްޖެ އައިސް މައުލޫމާތު ސާފުކުރުމަށްފަހު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ޓޫރިޒަމް ސިނާއަތް ވަރުގަދަކޮށް އޮތުމާ އެކު ރާއްޖޭގެ އިގުތިސޯދު ކުރިއަރާނެ ކަމަށެވެ.

މި އަހަރުގެ ތެރޭގައި ރާއްޖޭގެ އުފެެއްދުންތެރިކަން ފަސް ޕަސެންްޓަށް އުފުލޭނެ ކަމަށާއި އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމާ އެކު މެދު ރާސްތާގައި އިގުތިސޯދީ ދުވެލި ނުވެއްޓި ހިފެހެއްޓޭނެ ކަމަށް އައިއެމްއެފްއިން ލަފާކޮށްފައިވެ އެވެ. އޭގެ އިތުރުން، މި އަހަރުގެ ތެރޭ ރާއްޖޭގެ އިންފްލޭޝަން 2.3 ޕަސެންޓު މަތިވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

"ކަރަންޓް އެކައުންޓް ޑެފިސިޓް ބޮޑުވެ، ބޭރު ފައިސާގެ ރިޒާވަށް ކުރިމަތިވެފައިވާ ޕްރެޝަރުތަކުގެ ތެރޭގައި، ބޭރުގެ ހިރާސްތައް އެބަހުރި. މުޅި ފިސްކަލް ޑެފިސިޓާއި ދައުލަތުގެ ދަރަނި އުފުލިގެން ދާނެ ކަމަށް އަންދާޒާކޮށް، އަވަސް ޕޮލިސީ އެޑްޖަސްޓްމަންޓަށް ގޮވާލަން،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

މެކްރޮ އިކޮނޮމިކް ހަމަޖެހުމާއި ދަރަނި ދެމެހެއްޓެނިވި ގޮތެއްގައި ދެމެހެއްޓުމަށް ޓަކައި ރާއްޖެ އޮތީ މުހިންމު ދަނޑިވަޅެއްގައި ކަމަށް އައިއެމްއެފްއިން ބުނެފައިވެ އެވެ.

"2025 ވަނަ އަހަރުގެ ބަޖެޓުގައި ބަޔާންކޮށްފައިވާ ގޮތަށް ހަރަދުތައް ކުޑަކުރުމުގެ ފިޔަވަޅުތައް ހަލުވިކަމާއެކު ތަންފީޒުކުރުމަކީ، އިމްބެލެންސްތައް މަދުކޮށް، އިގުތިސޯދީ ހަމަޖެހުން ގާއިމުކުރުމަށް މުހިންމު ކަމަކަށް ވެގެންދާނެ،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

އައިއެމްއެފްގެ ވަފުދުން ރާއްޖެ އައީ އެ އިދާރާއިން ކޮންމެ އަހަރަކު އެއް ފަހަރު ގައުމުތަކުގެ މާލީ ސިއްހަތު ވަޒަންކުރަން ކުރާ "އާޓިކަލް 4 މިޝަން" ގެ ދަށުންނެވެ. މި ދަތުރުގައި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގެ އިތުރުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު، އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު އަދި އަމިއްލަ ވިޔަފާރިތަކާވެސް އެ ވަފުދުން ބައްދަލުކުރި އެވެ.