Advertisement

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ކުރެއްވި އުނދަގޫ ސުވާލުތަކަށް ދައުލަތުން ސާފު ޖަވާބެއް ނުދެވުނު

17 ފެބުރުވަރީ 2025 - 14:20 6

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ސުޕްރީމް ކޯޓުގެ ފަނޑިޔާރު، ހުސްނުއްސުއޫދު -- ފޮޓޯ: ވީޑިއޯ ސްނެޕްޝޮޓް


ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ކުރެއްވި އުނދަގޫ ސުވާލުތަކަށް ދައުލަތުން ސާފު ޖަވާބެއް ނުދެވުނު

17 ފެބުރުވަރީ 2025 - 14:20 6

ސިޔާސީ ޕާޓީއަކުން ވަކިކޮށްފި ނަމަ ނުވަތަ ވަކިވެއްޖެ ނަމަ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު، އަސާސީއާ ހިލާފުވުމުގެ އިތުރުން އެއީ ރިޔާސީ ނިޒާމުގެ ސިފައެއް ވެސް ނޫން ކަމަށް އެ ބަދަލުތައް ބާތިލު ކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި ފަނޑިޔާރުން ކުރިމަތި ކުރި އުނދަގޫ ސުވާލުތަކަށް ސާފު ޖަވާބެއް ދިނުމަށް ދައުލަތް ނުކުޅެދިއްޖެ އެވެ.

އެ މައްސަލަ ކޯޓަށް ހުށަހެޅީ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސެއިންނެވެ. އަލީ ހުސެއިން ހުށަހެޅި މައްސަލައިގައި އެދިފައި އޮތީ ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލު ކޮށްދިނުމަށެވެ.

ނަމަވެސް ދައުލަތުން ވަކާލާތު ކުރީ ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ މައްސަލަ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ސުޕްރީމް ކޯޓަށް ނުބެލޭނެ ކަމަށް ބުނެ އެވެ. އެގޮތުން ދައުލަތުގެ ވަކީލު، ފާތިމަތު ހަލީމް ވަކާލާތު ކުރެއްވީ ގާނޫނުއަސާސީގެ 174 ވަނަ މާއްދާގެ ހ. ގައި ބަޔާން ކުރާ ދުސްތޫރީ މައްސަލައިގެ ތައުރީފުގެ ތެރެއަށް މި މައްސަލަ ނުފެތޭ ކަމަށް ވިދާޅުވެ އެވެ.

"ދުސްތޫރީ މައްސަލަތަކުގެ ތެރޭގައި މި ހިމެނެނީ ގާނޫނުއަސާސީ މާނަ ކުރުމާ ގުޅޭ މައްސަލަތަކާއި ގާނޫނެއް ނުވަތަ ގާނޫނެއްގެ ބައެއް ނުވަތަ ގަވާއިދެއް ނުވަތަ ގަވާއިދެއްގެ ބައެއް ގާނޫނުއަސާސީއަށް ހިލާފުވާ ކަމަށް ބުނެ ހުށަހަޅާ މައްސަލަތަކާއި ދައުލަތުގެ އިދާރާއަކުން ނެޜ އަމުރެއް ގާނޫނުއަސާސީއާ ހިލާފުވާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަތައް،" ދައުލަތުގެ ފަރާތުން ވަކާލާތު ކުރައްވާ، ފާތިމަތު ހަލީމް ވިދާޅުވި އެވެ.

އެ ދިފާއުއާ ގުޅިގެން އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ފަރާތުން ގިނަ ސުވާލުތަކެއް ދައުލަތް ތަމްސީލު ކުރަން ވަޑައިގެން ތިއްބެވި ގާނޫނީ ވަކީލުންނާ ކުރިމަތި ކުރެއްވި އެވެ. ނަމަވެސް އޭގެތެރެއިން ގިނަ ސުވާލުތަކަށް އެޓާނީ ޖެނެރަލް އޮފީހުގެ ވަކީލުންނަށް ސާފު ޖަވާބެއް ނޭރުވުނެވެ.

އެގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު، ހުސްނުއްސުއޫދު ދައުލަތުގެ ވަކީލާ ސުވާލު ކުރެއްވީ ސިޔާސީ ޕާޓީއަކުން ވަކިވުމުން މެންބަރުންގެ މެންބަރުކަން ގެއްލޭ އިސްލާހުގެ މައްސަލަ ސުޕްރީމް ކޯޓަށް ނުބެލޭނެ ކަމަށް ދައުލަތުން ވަކާލާތު ކުރާ ސަބަބު ސާފު ކޮށްދެއްވުމަށް އެދި އެވެ.

އެ ސުވާލުގެ ޖަވާބުގައި ދައުލަތުގެ ވަކީލު ވިދާޅުވީ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ޝަރީއަތުން ބެލޭނީ ގާނޫނުއަސާސީއާ ހިލާފަށް ހަދާ ގާނޫނުތަކުގެ މައްސަލަ ކަމަށެވެ. ނަމަވެސް ހުށަހެޅިފައިވާ މައްސަލައަކީ ގާނޫނުއަސާސީގެ ބައެއް ގާނޫނުއަސާސީގެ އަނެއް ބަޔާ ހިލާފު ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެއް ކަމަށް ފާތިމަތު ވިދާޅުވި އެވެ.

"އިއްޒަތްތެރި ފަނޑިޔާރު އަޅުގަނޑުމެން މައްސަލަ ހުށަހެޅި ފަރާތުން އެ މާނަކުރާ ގޮތަށް މިއީ ގާނޫނެއް ކަމަށް ބަލައިގެން ކުރިއަށް ދާނަމަ އޭގައި ވަރަށް ބޮޑެތި އިޖުރާއީ މައްސަލަތަކެއް ވެސް އެބަ ދިމާވޭ، އެއީ އެއް ކަމަކަށް ބަލާނަމަ މިސާލަކަށް ދެވަނަ ބާބުގައި މި ބަޔާން ކުރާ ހައްގަކަށް މި ގެންނަ އިސްލާހަކީ ވެސް އޭގެ ޒާތުގައި ގާނޫނެއްގެ ގޮތުގައި ނުވަތަ ގާނޫނުއަސާސީގައި ދެ ދަރަޖައެއްގެ ގާނޫނުއަސާސީއެއްގެ މާއްދާތަކެއް ހުންނަ ކަމަށް ބަލައިގެން ކުރިއަށް ދާ ކަމުގައި ވާނަމަ، ކޮން ހިސާބަކުންތޯ ދެން އެ ތައާރަޒުވާނީ ފަހުން ހަދާ ގާނޫނަކާ، މިކަހަލަ ބައެއް ޕްރެކްޓިކަލް މައްސަލަތައް ވެސް އެބަ ދިމާވޭ ތި ވިދާޅުވާ ގޮތަށް މާނަ ކުރައްވައިފި ކަމުގައިވަންޏާ،" ފާތިމަތު ވިދާޅުވި އެވެ.

ދައުލަތުގެ އެ ވާހަކަތަކާ ގުޅިގެން ފަނޑިޔާރު ސުޖޫން ސުވާލު ކުރެއްވީ ގާނޫނުއަސާސީގެ ބައެއް ގާނޫނުއަސާސީއާ ހިލާފުވާ ހާލަތުގައި އެ މައްސަލަ ދެން ބެލޭނީ ކޮން ކޯޓަކުންތޯ އެވެ. ނުވަތަ އެފަދަ ހާލަތެއްގައި ދެން ނިޔާއެއް ކަނޑައަޅައިދޭން އެދި ދާނީ ކޮން ތަނަކަށްތޯ ސުޖޫން ސުވާލު ކުރެއްވި އެވެ.

ފަނޑިޔާރުގެ އެ ސުވާލަށް ދައުލަތުން ސާފު ޖަވާބެއް ނުދެވުނެވެ.

އެއަށްފަހު އަނެއްކާވެސް ފަނޑިޔާރުން ސުވާލު ކުރެއްވީ ގާނޫނުއަސާސީއަށް އިސްލާހެއް ގެނައުމުގައި ނުވަތަ ގާނޫނެއް ފާސްކުރުމުގައި އިޖުރާއީ ހަމައިން ބޭރުން އަމަލު ކުރާ ހާލަތެއްގައި އެ މައްސަލައެއް ސުޕްރީމް ކޯޓަށް ބެލިދާނެ ކަމަށް ދައުލަތުން ގަބޫލު ނުކުރޭތޯ އެވެ. އަދި އެފަދަ ހާލަތެއް އުފަންވެއްޖެ ނަމަ އެކަމުގައި ހައްލެއް ހޯދަން ދާން ޖެހޭނީ ކޯޓަކަށްތޯ އެވެ.

އެ ސުވާލަށް ވެސް އެކަށީގެންވާ ޖަވާބެއް ދައުލަތަށް ނުދެވުނެވެ. ދައުލަތުގެ ވަކީލު ވިދާޅުވަމުން ގެންދެވީ ގާނޫނުއަސާސީގެ ބައެއް މާއްދާތައް އެހެން މާއްދާތަކަށްވުރެ ބުރަދަން ހުރި ކަމަށް ގަބޫލުކޮށްފި ނަމަ އޭގެ ސަބަބުން މައްސަލަތަކެއް ނުކުންނާނެ ކަމަށެވެ.

ސުޕްރީމް ކޯޓަށް މިހާރު ހުށަހެޅިފައިވާ މައްސަލައާ ގުޅިގެން އެ ކޯޓުން ހުކުމް ކުރާ ގޮތެއްގެ ސަބަބުން އެ ކޯޓުގެ އިމްތިޔާޒުތައް ހަނިވެގެން ހިނގައިދާނެކަން ފާހަގަކުރައްވައި ފަނޑިޔާރު ހުސްނުއްސުއޫދު ސުވާލު ކުރެއްވީ ދިވެހިރާއްޖޭގެ ދީނަކީ އިސްލާމް ދީންކަމަށް ގާނޫނުއަސާސީގައި ބަޔާން ކޮށްފައި އޮތް މާއްދާ އުވައިލާ ހާލަތުގައި، އެ މާއްދާއެއް ވެސް ގާނޫނުއަސާސީގެ ބައެއްގެ ގޮތުގައި ވެގެންދާނެ ކަމަށެވެ. ނަމަވެސް އެފަދަ ހާލަތެއްގައި ދެން ހައްލު ހޯދުމަށް ދާން ޖެހޭނީ ކޮން ކޯޓަކަށްތޯ ތަކުރާރުކޮށް ފަނޑިޔާރު ހުސްނުއްސުއޫދު އާއި ފަނޑިޔާރު ސުޖޫން ސުވާލު ކުރެއްވި އެވެ.

އެހެންނަމަވެސް އެ ސުވާލުތަކަށް ދައުލަތުން އެކަށީގެންވާވަރުގެ ފުރިހަމަ ޖަވާބެއް ނުދެވުނެވެ.

މިއަދުގެ އަޑުއެހުން ނިންމައިލީ، އެ މައްސަލައިގެ ތެރެއަށް ތަދައްހުލުވެފައިވާ އެމްޑީޕީއަށް ފުރުސަތު ދިނުމަށް މާދަމާ އިތުރު އަޑުއެހުމެއް ބާއްވާނެކަން އިއުލާނު ކުރުމަށްފަހު އެވެ.