Advertisement

ބާސެލޯނާ ކުޅުންތެރިން ރެފްރީއާ ދިމާކުރަން ހިތްވަރުނުދެން: ފްލިކް

17 ފެބުރުވަރީ 2025 - 11:11 0


ބާސެލޯނާ ކުޅުންތެރިން ރެފްރީއާ ދިމާކުރަން ހިތްވަރުނުދެން: ފްލިކް

17 ފެބުރުވަރީ 2025 - 11:11 0

ބާސެލޯނާ (ފެބްރުއަރީ 17) - ބާސެލޯނާ ކުޅުންތެރިން ރެފްރީންގެ ނިންމުންތަކާ ހިތްހަމަނުޖެހުން ފާޅުކޮށް، ރެފްރީއާ ދިމާކުރަން މެޗުގެ ތެރެއިން ދިއުމަށް ހިތްވަރުނުދޭނެ ކަމަށް އެ ޓީމުގެ ކޯޗު ހަންސީ ފްލިކް ބުނެފި އެވެ.

ފްލިކް މިހެން ބުނެފައިވަނީ، މި ހަފްތާގައި ރެއާލް މެޑްރިޑްގެ އިނގިރޭސި މިޑްފީލްޑަރު، ޖޫޑް ބެލިންހަމް އަށް ދެއްކި ރަތް ކާޑާ ގުޅޭގޮތުން ކުރި ސުވާލުގެ ޖަވާބުގަ އެވެ. ރެއާލުން އޮސަސޫނާއާ ކުޅުނު މެޗުގައި، ހުރި ރެފްރީ، ހޯސޭ ލުއިސް މުނުއޭރާއާ ދިމާލަށް ބެލިންހަމް ބުނި އެއްޗެއްގެ ސަބަބުން އޭނާ އަށް ދެއްކި ރަތް ކާޑާ ގުޅޭގޮތުން، ސްޕެއިނުގެ މީޑިއާގައި ވަނީ ގިނަ ވާހަކަތަކެއް ދެކެވިފަ އެވެ.

ބެލިންހަމްގެ ފަރާތުން ފެނުނީ ރެފްރީގެ ނިންމުމަކަށް އިހުތިރާމް ކުޑަ ހަރަކާތެއް ކަމަށް ފްލިކް ވެސް ވަނީ ބުނެފަ އެވެ.

"އެ ފެނުނީ (ބެލިންހަމްގެ ފަރާތުން) އިހުތިރާމް ކުޑަކަމެއް. އެކަަމަކު، އެއީ އަހަރެން ދެކޭ ގޮތް ހާމަކުރަންޖެހޭ ކަމެއް ނޫން، އަހަރެން އަބަދުވެސް (ބާސެލޯނާގެ) ކުޅުންތެރިން ގާތުގައި މި ބުނަނީ، ރެފްރީއާ ވާހަކަ ދައްކާނީ ޓީމުގެ ކެޕްޓަން، ދެން، ތިބި ކުޅުންތެރިން ރެފްރީއާ ދިމާކޮށް ނޫނީ މެޗުން ބޭރުވާ ކަންކަމަށް ހަކަތަ ހުސްކުރަން ހިތްވަރެއް ނުދެން،" ފްލިކް ބުންޏެވެ.

އޮސަސޫނާ މެޗަށް ފަހު، ބެލިންހަމް ވަނީ އޭނާގެ ދިފާއުގައި ވާހަކަ ދައްކައިފަ އެވެ. ބެލިންހަމް ބުނީ، އޭނާ ޝުއޫރުފާޅުކުރީ އަމިއްލަ ނަފްސަށް ކަމަށާއި އެއީ ރެފްރީއާ ދިމާލަށް ބުނި އެއްޗެއް ކަމަށް ކަނޑައަޅައި ގޮތް ނިންމީ އޮޅުމަކުން ކަމަށެވެ. ބެލިންހަމްގެ އެ ވާހަކަތަކަށް ތާއީދުކޮށް، އޭނާގެ ދިފާއުގައި ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ ވެސް ވާހަކަ ދެއްކި އެވެ.

މީގެ ކުރިިން ބެލިންހަމް އަށް ވަނީ ރެއާލަށް ކުޅެނިކޮށް ރަތް ކާޑެއް ދައްކައިފަ އެވެ. އެއީ، މިދިޔަ އަހަރުގެ މާޗް މަހު ވެލެންސިއާ އާއި ރެއާލް، 2-2 އިން އެއްވަރުވި މެޗު ނިމުނު ފަހުން، ރެފްރީންނާ ވާހަކަ ދައްކައި، ޝުއޫރުފާޅުކުރަން ހެދުމުން، ދެ ވަަނަ ރީނދޫ ކާޑު ދެއްކުމަށް ފަހު ދެއްކި ރަތް ކާޑެކެެވެ.

ސްޕެނިޝް ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ރަޔޯ ވަޔެކާނޯ ބަލިކޮށް، ލީގުގެ އެއް ވަނަ އަށް އެރުމުގެ ފުރުސަތު ބާސެލޯނާ އަށް އެބައޮތެވެ.