17 ފެބުރުވަރީ 2025 - 05:35 0
17 ފެބުރުވަރީ 2025 - 05:35 0
ޓިއުރިން (ފެބްރުއަރީ 17) - އިޓާލިއަން ލީގުގައި ރޭ ޔުވެންޓަސް އަތުން 1-0 އިން ބަލިވެ، އިންޓަ މިލާނަށް ލީގުގެ އެއް ވަނަ އަށް އެރުމުގެ ފުރުސަތު ގެއްލިއްޖެ އެެވެ.
ލީގުގެ އެއް ވަނައިގައި އޮތް ނަޕޯލީން މި ހަފްތާގައި ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. އެހެންވެ، ރޭގެ މެޗުން މޮޅުވެގެން، އެއް ވަނަ އަށް އެރުމުގެ ފުރުސަތު އިންޓަ އަށް އޮތެވެ. އެކަަމަކު، އިންޓަ އަށް މޮޅެއް ނުލިބުމުން، ނަޕޯލީން އެއް ވަނައިގައި އޮތީ 25 މެޗުން 56 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އިންޓަ އަށް 25 މެޗުން 54 ޕޮއިންޓް ވަނީ ލިބިފަ އެވެ.
ޔުވެންޓަސް ދަނޑުގައި ރޭ ކުޅުނު މެޗުގައި، އިންޓައާ ދެ ޓީމަށް ވެސް މާ ރަނގަޅު ލަނޑު ޖަހާނެ ފުރުސަތުތަކެއް ނުހޯދެ އެވެ. ދެ ޓީމުން ވެސް ރަނގަޅަށް ޑިފެންސް ބަލަހައްޓަމުން ދިޔައިރު، މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު މެޗުގެ 74 ވަނަ މިިނިޓްގައި ޖެހީ ޔުވެންޓަސް އަށް ކުޅޭ ޕޯޗުގީސް ވިންގް، ފްރާންސިސްކޯ ކޮންސެސާއޯ އެވެ. މިއީ، ޖެނުއަރީ ޓްރާންސްފާގައި ޔުވެންޓަސް އަށް ބަދަލުވެ، ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ރަންޑަލް ކޯލޯ މުއާނީ ދިން ބޯޅައަކުން ކޮންސެސާއޯ ޖެހި ގޯލެކެވެ.
މި މެޗުން ލިބުނު ތިން ޕޮއިންޓް ޔުވެންޓަސް އަށް ފައިދާ ބޮޑެވެ. އެ ޓީމު ވަނީ ލީގުގެ ހަތަރު ވަނަ އަށް ޖެހިލައިފަ އެވެ. ތިން ވަނައިގައި އޮތް އެޓަލަންޓާ މި ހަފްތާގައި ކުޅުނު މެޗުން ވެސް އެއްވަރުވިއިރު، އެ ޓީމަށް ވަނީ 25 މެޗުން 51 ޕޮއިންޓް ލިބިފަ އެވެ. ޔުވެންޓަސް، ހަތަރެއްގައި އޮތީ ފަސް ވަނައިގައި އޮތް ލާޒިއޯއާ އެއްވަރަށް 25 މެޗުން 46 ޕޮއިންޓާ އެކު އެވެ.
ލީގުގައި ރޭ ޕާމާ ދަނޑުގައި 1-0 އިން ރޯމާ ވަނީ މޮޅުވެފަ އެވެ. ނުވަ ވަަނައިގައި އޮތް ރޯމާ އަށް 25 މެޗުން ލިބުނީ 37 ޕޮއިންޓެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment