ލިވަޕޫލުން ލީޑުފުޅާކުރިއިރު، ޓޮޓެންހަމުން ޔުނައިޓެޑް ބަލިކޮށްފި

17 ފެބުރުވަރީ 2025 - 05:17 0


ލިވަޕޫލުން ލީޑުފުޅާކުރިއިރު، ޓޮޓެންހަމުން ޔުނައިޓެޑް ބަލިކޮށްފި

17 ފެބުރުވަރީ 2025 - 05:17 0

ލަންޑަން (ފެބްރުއަރީ 17) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވުލްވްސް އަތުން 2-1 އިން މޮޅުވެ، ލިވަޕޫލުން ލީގުގެ އެއް ވަނައިގައި ލީޑުފުޅާކުރިއިރު، ޓޮޓެންހަމް ހޮޓްސްޕާސް އިން 1-0 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށްފި އެވެ.

ލީގުގެ އެއް ވަނައިގައި ހަތް ޕޮއިންޓުގެ ލީޑަކާ އެކު އޮތް ލިވަޕޫލަށް ވަނީ 25 މެޗުން 60 ޕޮއިންޓް ލިބިފަ އެވެ. އަދި ދެ ވަނައިގައި އޮތް އާސެނަލަށް ވަނީ 25 މެޗުން 53 ޕޮއިންޓް ލިބިފަ އެވެ.

ލިވަޕޫލް ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމުން ފުރަތަމަ ހާފުގައި ދެ ގޯލު ޖެހި އެވެ. މެޗުގެ 15 ވަނަ މިނިޓްގައި އޭރިއާތެރެއިން ލިބުނު ފުރުސަތަކުން ލިވަޕޫލްގެ ފުރަތަމަ ލަނޑު ޖެހީ ލުއިސް ޑިއާޒް އެވެ. އަދި، މެޗުގެ 37 ވަނަ މިނިޓްގައި ޕެނަލްޓީ އަކުން ލިވަޕޫލްގެ ދެ ވަނަ ލަނޑު ޖެހީ، މުހައްމަދު ސަލާހު އެވެ. މިއީ، ޑިއާޒް އަށް ވުލްވްސްގެ ކީޕަރު ހޯސޭ ސާ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ.

ދެ ވަނަ ހާފުގައި ވުލްވްސް އިން ކުޅުން ރަނގަޅުކުރިއިރު، އެ ޓީމުން ވަނީ ގޯލެއް ޖަހައިފަ އެވެ. މި ގޯލު އޭރިއާބޭރުން ފޮނުވާލި ޝޮޓަކުން ކާމިޔާބުކުރީ މަތެއުސް ކޫންޏާ އެވެ.

ރޭ ޔުނައިޓެޑުން ޓޮޓެންހަމް ދަނޑުގައި ކުޅުނު މެޗަށް ނުކުތްއިރު އެ ޓީމަށް އަނިޔާގެ މައްސަލަ އޮތީ ވަރަށް ބޮޑުވެފަ އެވެ. ޓީމުގެ ސީނިއާ ގިނަ ކުޅުންތެރިންތަކަކަށް އަނިޔާގެ ސަބަބުން ނުުކުޅެވޭއިރު، ބެންޗުގައި ބަދަލަކަށް ގިނައިން ތިބީ، ޔޫތު ޓީމުގެ ކުޅުންތެރިންނެވެ.

ޓޮޓެންހަމް އިން ރޭގެ މެޗުގައި ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކުރީ، މެޗުގެ 13 ވަނަ މިނިޓްގަ އެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ، ޖޭމްސް މެޑިސަން އެވެ. މިއީ، އޭރިއާތެރެއިން ޓޮޓެންހަމްގެ ލޫކަސް ބާގްވެލް ޖެހި ޝޮޓެއް ކީޕަރު އަންދްރޭ އޮނާނާ އަތުގައި ޖެހިފައި ނުކުތް ވަގުތު މެޑިސަން ރީބައުންސަކުން ޖެހި ގޯލެކެވެ.

މި މެޗުގައި، ޔުނައިޓެޑަށް އެއްވަރުކޮށްދޭން އަލެހަންދްރޯ ގާނާޗޯ އަށް ރަނުގެ ފުރުސަތެއް ލިބިގެންދިޔައިރު، އޭނާ އޭރިއާތެރޭގައި ހުސްކޮށް ހުރެފައި ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ. ދެ ވަނަ ލަނޑެއް ޖަހަން ޓޮޓެންހަމް އިން ކުރި މަސައްކަތް ކާމިޔާބުނުވި ނަަމަވެސް، އެ ޓީމުން މި ވަނީ މި ސީޒަން ތެރޭގައި ތިން ވަނަ ފަހަރަށް ޔުނައިޓެޑް ބަލިކޮށްފަ އެވެ. އެއީ ލީގުގައި ދެ ފަހަރާއި ލީގު ކަޕްގައި އެއް ފަހަރު އެވެ.

މި މޮޅާ އެކު ޓޮޓެންހަމް ވަނީ، 25 މެޗުން 30 ޕޮއިންޓާ އެކު 12 ވަނަ އަށް ޖެހިލައިފަ އެވެ. ޔުނައިޓެޑް، ލީގުގެ 15 ވަނައިގައި އޮތީ 25 މެޗުން 29 ޕޮއިންޓާ އެކު އެވެ.