17 ފެބުރުވަރީ 2025 - 04:29 0
ލީވާން އަލީ ނާސިރު
ދަތުރުވެރިންގެ މާރުކޭޓުގައި އަނބު ތިޔާގިވުން: އަނބު ތިޔާގިވެފައި މިވަނީ ރާއްޖެއަށް އަނބު މޫސުން އައުމާ އެކު -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު
17 ފެބުރުވަރީ 2025 - 04:29 0
އަނބު މޫސުމާ އެކީ, އަނބު ތިޔާގިވެ މުޅި ބާޒާރު އަނބުން ފުރިއްޖެ އެވެ.
ރާއްޖޭގެ އެކި ހިސާބުތަކުން, ވަކިން ހާއްސަކޮށް ފުވައްމުލައް ސިޓީ އާއި އައްޑޫ ސިޓީން, ގެނެސްފައިވާ އަނބުތަކުން ދަތުރުވެރިންގެ މާރުކޭޓުގެ ހުރިހާ ގޮޅިއެއްގައިހެން މި ވަގުތު އަނބު ލިބެން އެބަހުއްޓެވެ.
ބާޒާރުގައި އަނބުގެ އަގު ހުރީ, 5ރ. އަށެވެ. އެކަމަކު 100ރ. އަށް 20 އަނބާއި 25 އަނބު ލިބެން އެބަހުއްޓެވެ.
އަނބު ތިޔާގިވާ ދުވަސްވަރުގައި ސިޓީ ކައުންސިލުން މާލެއަށް ދަތުރުކުރާ ބޯޓުތަކަށް ދަތުރުވެރިންގެ މާރުކޭޓު ބޭރުގައި ތިބެގެން އަނބު ވިއްކަން ހުއްދަ ދެ އެވެ. މިގޮތުން ބައެއް ބޯޓުތަކަށް އެ ފުރުސަތު ވަނީ ފަހިކޮށްދީފަ އެވެ.
ދަތުރުވެރިންގެ މާރުކޭޓުގައި އަނބު ތިޔާގިވުން: އަނބު ތިޔާގިވެފައި މިވަނީ ރާއްޖެއަށް އަނބު މޫސުން އައުމާ އެކު -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު
އައްޑޫ ބޯޓަކުން އަނބު ގެނެސްގެން ދަތުރުވެރިންގެ މާރުކޭޓު ބޭރުގައި ވިއްކަން ހުރި މީހަކު ބުނީ އަނބު ވިކޭ މިންވަރާ މެދު ހިތްހަމަޖެހޭ ކަމަށެވެ. އެކަމަކު ދަތުރުވެރިންގެ މާރުކޭޓުގައި ގޮޅިތައް ހަދައިގެން އުޅޭ މީހުން އަނބު ވިޔަފާރީގެ ކޮންޓްރޯލް ނަގާ ކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރި އެވެ.
"އަހަރުމެން މިތާ ބޭރުގައި މި ވިޔަފާރި ކުރަނީ. އެ މީހުން މިތަނުން އަގުހެޔޮކޮށް ގަނެގެން ގޮސް އަގުބޮޑުކޮށް އެބަ ވިއްކާ. އަދި މިތާ ބޭރުން ވެސް އެ މީހުން ގޮޅިތައް ހޯދައިގެން އެބަ އަނބު ވިއްކާ،" އޭނާ ބުންޏެވެ.
ބާޒާރުގައި ތަކެތީގެ އަގުތައް މި ވަގުތު ހުރީ ވެއްޓިފަ އެވެ. އެ ގޮތުން ލެޓިއުސް ކިލޯއެއްގެ އަގު 120ރ. އަށްވުރެ މަތީގައި ހުރެފައި މިހާރު ހުރީ 80ރ. އަށް ވެއްޓިފަ އެވެ. އަދި ލުނބޯގެ އަގު ވެސް 80ރ. އާ ހިސާބަށް އަރާފައި މިހާރު ވަނީ 45ރ. އަށް ވެއްޓިފަ އެވެ.
މީގެ އިތުރުން ކަނޑޫދޫ މިރުސް ބާޒާރުގައި ތިޔާގިވެ 10ރ. އާއި 15ރ. އަށް 100 ގްރާމް ލިބެން އެބަހުއްޓެވެ. ތޮޅި މިރުސް 100 ގްރާމް ލިބެން ހުރީ 20ރ. އަށެވެ.
ރޯދަ މަހުގައި ސުފުރާ މަތިން އެންމެ އާންމުކޮށް ފެންނަ ކަރާގެ އަގު ހުރީ ކިލޯއެއް 25ރ. އަށެވެ. އެކަމަކު ރޯދަ މަހަށް ކަރާގެ އަގު ވެއްޓޭނެ ކަމަށް ދަތުރުވެރިންގެ މާރުކޭޓުގައި އުޅޭ ވިޔަފާރިވެރިން ބުންޏެވެ.
ބާޒާރުގައި އެންމެ ތަދު އެއްޗަކަށް މި ވަގުތު ހުރީ ޖުމްހޫރީ މޭވާ (ޕެޝަން ފުރުޓު) އެވެ. ޕެޝަން ފުރުޓު ކިލޯއެއްގެ އަގު ހުރީ 100ރ. އިން މަތީގަ އެވެ. ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ޕެޝަން ފުރުޓުގެ އަގު މިއަށް ވުރެ މައްޗަށް ދާނެ ކަމަށް ވެސް ވިޔަފާރިވެރިން މައުލޫމާތު ދީފައިވެ އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment