Advertisement

އެއާޕޯޓުގައި މިއަދު ހަރަކާތްތެރިވީ "އެކުވެރިން" ތަމްރީނު ނިންމުމަށްފަހު ފުރަން ދިޔަ އިންޑިއާގެ ސިފައިން

16 ފެބުރުވަރީ 2025 - 19:05 1

އަހުމަދު އާއިދު

އަހުމަދު އާއިދު

އިންޑިއާގެ ސިފައިން ބަލާ އައި އެ ގައުމުގެ އަސްކަރީ އުޅަނދު: މިއީ ދިވެހި ސިފައިންނާއި އިންޑިއާ ސިފައިން ގުޅިގެން ހިންގި ތަމްރީނަކަށް އައި އަސްކަރީ މަތިންދާބޯޓެއް ---- ފޮޓޯ: ސޯޝަލް މީޑިއާ


އެއާޕޯޓުގައި މިއަދު ހަރަކާތްތެރިވީ "އެކުވެރިން" ތަމްރީނު ނިންމުމަށްފަހު ފުރަން ދިޔަ އިންޑިއާގެ ސިފައިން

16 ފެބުރުވަރީ 2025 - 19:05 1

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިއަދު ހަރަކާތްތެރިވި އިންޑިއާ ސިފައިންނަކީ ދިވެހި ސިފައިންނާއެކު ތަމްރީނެއް ފުރިހަމަކުރުމަށް ފަހު އެނބުރި ގައުމަށް ފުރަން ދިޔަ ބައެއްކަން އެނގިއްޖެ އެވެ.

އިންޑިއާގެ އެއާފޯސްގެ މަތިންދާ ބޯޓަކާއި، އޭގެ ކައިރީގައި ޔުނިފޯމު އެޅި އެ ގައުމުގެ ސިފައިން ހަރަކާތްތެރިވާ މަންޒަރު ފެންނަ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އަދި، އެއާޕޯޓު ބޭރުގައި އެ މީހުން ހަރަކާތްތެރިވާ ވީޑިއޯއެއްވެސް ދަނީ ދައުރުވަމުންނެވެ.

މި ކަމުގެ މައުލޫމާތު އެނގޭ އިތުބާރުހުރި މަސްދަރަކުން މި ނޫހަށް ކަށަވަރުކޮށްދީފައިވާ ގޮތުގައި މިއީ މި މަހު ކުރީކޮޅު "އެކުވެރިން" ގެ ނަމުގައި ފެށި އަސްކަރީ ތަމްރީނުގައި ބައިވެރިވި އިންޑިއާގެ ސިފައިންނެވެ.

އެ މީހުން އެއާޕޯޓަށް ދިޔައީ އެނބުރި ގައުމަށް ފުރުމަށެވެ. މިއަދު ވީއައިއޭއަށް ޖެއްސި އިންޑިއާ އަސްކަރިއްޔާގެ ބޯޓަކީ އެމީހުން ގެންދިއުމަށް އައި ބޯޓެކެވެ.

މިއީ ރާއްޖޭގެ ސިފައިންނާއި އިންޑިއާގެ ސިފައިންގެ ގުޅުން ބަދަހި ކުރުމަށް ދެ ގައުމު ގުޅިގެން ކުރިއަށް ގެންދާ އެކުވެރިންގެ 13 ވަނަ ވަނަ ތަމްރީން ޕްރޮގްރާމެވެ.

މީގެ ކުރިން އެކުވެރިން ސިލްސިލާގެ ދަށުން އަސްކަރީ ތަމްރީނުތައް ދެ ގައުމު ގުޅިގެން ރާއްޖޭގެ އިތުރުން އިންޑިއާގައި ވެސް ކުރިއަށް ގެންގޮސްފައިވެ އެވެ.

މި ފޮޓޯތައް ގިނަ ބައެއްގެ ސަމާލުކަމަށް އައީ އިންޑިއާ އަދި އެ ގައުމުގެ އަސްކަރިއްޔާއާ ދެކޮޅަށް މިހާރުގެ ސަރުކާރު އިދިކޮޅުގައި އޮތް އިރު ހިންގި "އިންޑިއާ އައުޓް" ހަރަކާތާ ގުޅިގެންނެވެ.

އިންޑިއާ އަސްކަރިއްޔާ ފޮނުވާލާނެ ކަމަށާއި ބޭރު އެއްވެސް އަސްކަރިއްޔާއެއް ރާއްޖޭގައި ގާއިމުވެ ނުތިބޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދު ވެސް ގިނަ ބަޔަކު މިއަދު ވަނީ ފާހަގަކޮށްފަ އެވެ.

އެ ވައުދު ފުއްދުމަށް މި ސަރުކާރުން ވަނީ ރާއްޖޭގައި ތިބި އިންޑިއާގެ 77 ސިފައިން ފޮނުވާލާ އެ ގައުމުގެ އަސްކަރީ އުޅަނދުތައް ދުއްވުމަށް ސަރުކާރުގެ އަސްކަރީ ކުންފުންޏެއްގެ 'މަދަނީން' ގެނެސްފަ އެވެ. އެ އުޅަނދުތައް އަދިވެސް ދަނީ ދުއްވަމުންނެވެ.

ވެރިކަމުގެ ކުރީކޮޅު އިންޑިއާއާ ދެކޮޅަށް ގެންގުޅުއްވި ހަރުކަށި ސިޔާސަތު ވެސް ރައީސް މުއިއްޒު މިހާރު ވަނީ ބަދަލުކުރައްވާފަ އެވެ. ސަރުކާރުގެ ސްޓޭންޑު ބަދަލުވީ ފަހުން އިންޑިއާ ސަރުކާރުން ވަނީ ރާއްޖެއަށް މާލީ އެހީތެރިކަމާއި އިތުރު މަޝްރޫއުތަކެއްގެ މަސައްކަތް ކުރަން ވެސް ސޮއިކޮށްފަ އެވެ.