16 ފެބުރުވަރީ 2025 - 15:55 0
ލީވާން އަލީ ނާސިރު
16 ފެބުރުވަރީ 2025 - 15:55 0
އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ ރޭލު ސްޓޭޝަނެއްގައި ތޮށްޖެހި ފިތިގެން 15 މީހުން އިއްޔެ މަރުވެއްޖެ އެވެ.
ދިއްލީގެ ޗީފް މިނިސްޓަރު އަޓީޝީ ވިދާޅުވީ ހާދިސާގައި މަރުވީ 15 މީހުން ކަމަށެވެ. އެކަމަކު ހާދިސާގައި މަރުވި މީހުންގެ އަދަދު 18 އަށް އަރާ ކަމަށް އިންޑިއާގެ އެންޑީޓީވީން ބުންޏެވެ.
އަލްޖަޒީރާއިން ރިޕޯޓްކުރާ ގޮތުގައި އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި ރޭލު ސްޓޭޝަނުގައި ފިތިގެން މަރުވި 15 މީހުންގެ ތެރޭގައި 10 އަންހެނުންނާއި ތިން ކުޑަކުދިން ހިމެނެ އެވެ.
އިންޑިއާގެ މިނިސްޓާ އޮފް ރެއިލްވޭއިސް އަޝްވިނީ ވައިޝްނޯ ވިދާޅުވީ އެހީތެރިކަން ފޯރުކޮށްދީ، މައްސަލައާ ގުޅިގެން އަވަސް ތަހުގީގެއް ހިންގަން ފަށާފައިވާ ކަމަށެވެ.
މުމްބާއީއާ 624 ކިލޯ މީޓަރު ދުރުގައި އިރު ދެކުނަށް އޮންނަ ޕްރިޔާރާޖް ސިޓީއަށް ފުރަން ތައްޔާރުވެފައި އޮތް އެ ރޭލަށް ގިނަ ބަޔަކު އަރަން އަރަން މަސައްކަތްކުރީ ފެސްޓިވަލަކަށް ދިޔުމަށެވެ.
އިންޑިއާގައި ފެސްޓިވަލްތައް ކުރިއަށްދާ ދުވަސްވަރާ ދިމާކޮށް އަބަދުވެސް ފިތިގެން މީހުން މަރުވާ މައްސަލަތައް ކުރިމަތިވެ އެވެ. މިގޮތުން މިދިޔަ މަހު ވެސް ފެސްޓިވަލެއްގެ ތެރެއިން ފިތިގެން 30 މީހުން މަރުވެފައިވެ އެވެ.
Comment