16 ފެބުރުވަރީ 2025 - 05:00 0
16 ފެބުރުވަރީ 2025 - 05:00 0
މެޑްރިޑް (ފެބްރުއަރީ 16) - ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުގެ ކުރީކޮޅު ޖޫޑް ބެލިންހަމް އަށް ދެއްކި ރަތް ކާޑާ އެކު އެއް ކުޅުންތެރިޔަކު މަދުން މެޗުގެ ބޮޑުބައިގައި ކުޅެން ޖެހުނު ރެއާލް މެޑްރިޑަށް އޮސަސޫނާ އަތުން ޕޮއިންޓެއް ލިބިއްޖެ އެވެ.
އޮސަސޫނާގެ ދަނޑުގައި ކުޅުނު މި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާ އަކުންނެވެ.
މެޗުގެ 15 ވަނަ މިނިޓްގައި ރެއާލުން ވަނީ ގޯލު ޖަހާ ލީޑު ނަގައިފަ އެވެ. މި ގޯލު އެ ޓީމަށް ޖަހައިދިނީ ކީލިއަން އެމްބާޕޭ އެވެ. މިއީ، ފެޑޭ ވަލްވާޑޭ ދިން ބޯޅައަކަށް އަރައި، އެމްބާޕޭ ކާމިޔާބުކުރި ގޯލެކެވެ. މިއީ ސްޕެނިޝް ލީގުގައި އެމްބާޕޭ ޖެހި 17 ވަނަ ގޯލެވެ.
އެކަމަކު، މެޗުގެ 39 ވަނަ މިނިޓްގައި ރެއާލްގެ އިތުބާރު މިޑްފިލްޑަރު، ބެލިންގްހަމް އަށް ވަނީ ސީދާ ރަތް ކާޑެއް ދައްކައިފަ އެވެ. އިނގިރޭސި ގައުމީ ޓީމުގެ މިޑްފީލްޑަރު، ބެލިންހަމް އަށް ރަތް ކާޑު ދެއްކީ ރެފްރީއާ ދިމާލަށް ބޭއަދަބީ ބަހުން މުއާމަލާތު ކުރުމުންނެވެ. އެހެންވެ މެޗުގެ ބޮޑުބައި ރެއާލުން ކުޅެން ޖެހުނީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ.
އޮސަސޫނާ އިން އެއްވަރުކުރީ މެޗުގެ 58 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީއަކުން އަންޓޭ ބުޑިމިއާ އެވެ. މިއީ ރެއާލްގެ ކަމަވިންގާ އެ ޓީމުގެ އޭރިއާ ތެރެއިން އޮސަސޫނާ ކުޅުންތެރިޔަކަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އަކުން ޖެހި ގޯލެކެވެ.
މެޗަށް ފަހު ބެލިންހަމް ވަނީ އޭނާ އަށް ދެއްކި ރަތް ކާޑާ މެދު ނުރުހުންފާޅުކޮށްފަ އެވެ.
މި މެޗުން މޮޅުވެ، ރެއާލަށް ލީގު ތާވަލުގެ އެއް ވަނައިގައި ހަތަރު ޕޮއިންޓްގެ ލީޑެއް ނަގަން ފުރުސަތު އޮތެވެ. އެކަމަކު، މިހާރު އެ ޓީމުން އެއްވަނައިގައި އޮތީ 24 މެޗުން 51 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް 24 މެޗުން 50 ޕޮއިންޓް ލިބިފައިވާއިރު، ބާސެލޯނާ ތިން ވަނައިގައި އޮތީ 23 މެޗުން 48 ޕޮއިންޓް ހޯދައިގެންނެވެ. އެހެންވެ ބާސެލޯނާ އަށް ރެއާލާ އަރާ ހަމަކުރުމުގެ ފުރުސަތު އެބައޮތެވެ.
0.00%
0.00%
100.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment