15 ފެބުރުވަރީ 2025 - 05:19 0
15 ފެބުރުވަރީ 2025 - 05:19 0
ލަންޑަން (ފެބްރުއަރީ 15) - އިނގިރޭސި ޕްރިިމިއާ ލީގުގައި ރޭ ބްރައިޓަން ހޯލްވް އެންޑް އަލްބިއަން އިން 3-0 އިން ޗެލްސީ ބަލިކޮށްފި އެވެ.
މިއީ ހަފްތާއެއްހާ ދުވަސް ތެރޭގައި، ބްރައިޓަން އިން ޗެލްސީ ބަލިކުރި ދެ ވަނަ ފަހަރެވެ. މިދިޔަ ހަފްތާގެ ހޮނިހިރު ދުވަހު، ބްރައިޓަން އިން ވަނީ އެފްއޭ ކަޕްގައި ވެސް ޗެލްސީ ބަލިކޮށްފަ އެވެ.
އަމިއްލަ ދަނޑުގައި ކުޅުނު ބްރައިޓަން އިން ރޭގެ މެޗުގެ ފުރަތަމަ ހާފު ނިންމާލީ ވެސް ދެ ގޯލުގެ ލީޑެއްގައި އޮވެ އެވެ. އެ ގޮތުން، މެޗުގެ 27 ވަނަ މިނިޓްގައި ބްރައިޓަން އިން ވަނީ ފުރަތަމަ ލަނޑު ޖަހައިފަ އެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ، އެ ޓީމުގެ ކީޕަރު، ބާޓް ވާބްރޫގަން ދިން ބޯޅައަކުން، ކައޯރޫ މިޓޯމާ އެވެ. މިޓޯމާ ވަނީ މިދިޔަ ހަފްތާގައި ވެސް ޗެލްސީ ކޮޅަށް ގޯލު ޖަހައިފަ އެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން، ބްރައިޓަންގެ ދެ ވަނަ ގޯލު ޖެހީ، 38 ވަނަ މިނިޓްގައި ޔަންކޫބާ މިންޓޭ އެވެ. މިއީ، ބްރައިޓަންގެ ޖިއޮޖީނިއޯ ރޫޓޭއާ އާއި ޑެނީ ވެލްބެކް ގުޅިގެން ކުރި އެޓޭކެއްގައި، މިންޓޭ އަށް ތަނަވަސްކޮށްދިން ބޯޅައަކުން ޖެހި ގޯލެކެވެ.
ބްރައިޓަން އިން މި މެޗުގައި ޖެހި ތިން ވަނަ ގޯލު ވެސް ކާމިޔާބުކުރީ މިންޓޭ އެވެ. މި ގޯލު ޖަހަން ވެސް ފުރުސަތު ހޯދައިިދިނީ މެޗުގައި ގޯލެއް ނުޖެހުނު ނަމަވެސް ރަނގަޅު ކުޅުމެއް ދެއްކި ވެލްބެކް އެވެ.
ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ ބުނީ، މިއީ އޭނާ އެ ޓީމާ ހަވާލުވި ފަހުން، އެ ޓީމުގެ ފަރާތުން އެންމެ ދަށް ކުޅުމެއް ފެނިގެންދިޔަ މެޗު ކަމަށެވެ. ޗެލްސީ މި ވަގުތު 25 މެޗުން 43 ޕޮއިންޓާ އެކު ލީގުގެ ހަތަރު ވަނައިގައި އޮތް ނަމަވެސް މި ހަފްތާ ނިމޭއިރު އެ ޓީމު ހަ ވަނަ އަށް ވެއްޓުމުގެ ބިރު ވެސް އެބައޮތެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment