about 1 hour 0
about 1 hour 0
ލަންޑަން (މާޗް 15) - އާސެނަލްގެ 16 އަހަރުގެ ތަރި މެކްސް ޑައުމަން، އިނގިރޭސި ޕްރިމިއާ ލީގުގައި ލަނޑު ޖެހި އެންމެ އުމުރުން ހަގު ކުޅުންތެރިޔާގެ ރެކޯޑް މުގުރާލި މެޗުގައި، އާސެނަލުން 2-0 އިން ފަހު ވަގުތު އެވަޓަން ބަލިކޮށްފި އެވެ.
މި މެޗުގައި ޑައުމަން ލަނޑު ޖެހިއިރު، އޭނާގެ އުމުރަކީ، 16 އަހަރާއި 73 ދުވަހެވެ. މީގެ ކުރިން މި ރެކޯޑް އޮތީ އެވަޓަންގެ ޖޭމްސް ވައުގަން އަތުގަ އެވެ. އޭނާ ރެކޯޑް ހެދީ 2005 ވަނަ އަހަރުގެ އޭޕްރީލް މަހު ކްރިސްޓަލް ޕެލަސް ކޮޅަށް ލަނޑު ޖަހައިގެންނެވެ. ވައުގަން، އެ މެޗުގައި ލަނޑު ޖެހިއިރު، އުމުރަކީ 16 އަހަރާއި 270 ދުވަހެވެ. އުމުރުން 16 އަހަރުގައި ދެން ޕްރިމިއާ ލީގުގައި ލަނޑު ޖަހާފައިވަނީ ޖޭމްސް މިލްނާ، ވޭން ރޫނީ އަދި ރަޔާން އެންގުމޯހާ އެވެ.
ލީގުގެ އެއް ވަނައިގައި އޮތް އާސެނަލުން އެވަޓަންއާ އަމިއްލަ ދަނޑުގައި ލަނޑެއް ނުޖެހި އެއްވަރުވާން ދިޔަ މެޗުގެ ދެ ވަނަ ހާފުގައި، އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ވަނީ ޑައުމަން ކުޅެން އަރުވައިފަ އެވެ. މެޗުގައި އާސެނަލުން ޖެހި ފުރަތަމަ ލަނޑު، 89 ވަނަ މިނިޓްގައި ވިކްޓަ ޔޯކެރޭޝް ކާމިޔާބުކުރީ ވެސް ޑައުމަންގެ ރޯލާ އެކުގަ އެވެ. އެ ގޮތުން ޑައުމަން، ނެގި ހުރަހެއް، އެވަޓަން ކީޕަރު، ޖޯޑަން ޕިކްފޯޑް އަތުގައި ނުޖެހި ދިޔަ ވަގުތު، އާސެނަލްގެ ޕިއޭރޯ ހިންކަޕިއޭ ފައިގައި ޖެހިފައި، ގޯލު ކުރިމައްޗަށް ދިޔަ ބޯޅަ، ހުސްކޮށް އޮތް ގޯލުގެ ތެރެއަށް ފޮނުވާލީ ޔޯކެރޭޝް އެވެ.
އިތުރު ވަގުތުގެ ތެރޭގައި، އެވަޓަން އަށް ލިބުނު ކޯނަރެއްގައި، އެ ޓީމުގެ ކުޅުންތެރިންނަށް ގެއްލުނު ވަގުތު ކައުންޓަ އެޓޭކުގައި އަމިއްލަ ހާފުގެ ތެރެެއިން ބޯޅަ ހިފައިގެން އައިސް ޑައުމަން ވަނީ ގޯލު ކާމިޔާބުކޮށްފަ އެވެ.
އެވަޓަން ބަލިކޮށް، އާސެނަލުން ވަނީ ލީގުގެ ދެ ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް ވުރެން ދެ މެޗު އިތުރަށް ކުޅެ، 10 ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. ސިޓީން ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް ރަށުންބޭރުގައި ކުޅޭ މެޗުން މޮޅުވެއްޖެނަމަ، އާސެނަލްގެ ލީޑު ހަތް ޕޮއިންޓަށް ކުޑަވާނެ އެވެ.
Comment