Advertisement

ރައީސް ހިތާމަ ކުރެއްވިއިރު، ޕާކްތައް މަރާމާތުކުރުން ސިޓީ ކައުންސިލުން އޮތީ ފަށާފައި

14 ފެބުރުވަރީ 2025 - 22:25 3

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މާލެ ސިޓީގެ މޭޔަރު، އާދަމް އާޒިމް، ޖަލްސާއެއްގައި ވާހަކަދައްކަވަނީ -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ރައީސް ހިތާމަ ކުރެއްވިއިރު، ޕާކްތައް މަރާމާތުކުރުން ސިޓީ ކައުންސިލުން އޮތީ ފަށާފައި

14 ފެބުރުވަރީ 2025 - 22:25 3

ސަލްޓަން ޕާކާއި ރަސްފަންނު ވީރާނާވާ ކަމަށް ބުނެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ހިތާމަ ފާޅު ކުރެއްވިއިރު، އެ ދެ ތަން ވެސް މަރާމާތު ކުރުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށާފައިވާ ކަމަށް މާލެ ސިޓީގެ މޭޔަރު، އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

ބަޖެޓު ނެތް ކަމަށް ބުނެ އެމަނިކުފާނުގެ މޭޔަރު ކަމުގައި ތަރައްގީ ނުކުރި ޕާކުތައް ވިރާނާވާ ކަމަށްބުނެ ރައީސް މުއިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓަކަށް ރައްދު ދެއްވައި އާޒިމް މިއަދު ކުރެއްވި ދެ ޕޯސްޓެއްގައި ވިދާޅުވީ ރަސްފަންނާއި ސަލްޓަން ޕާކު މަރާމާތު ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

ސަލްޓަން ޕާކުގެ ހާލަތު ދެނެގަތުމަށް ސިޓީ ކައުންސިލުން ހާއްސަ ދިރާސާއެއް ކުރުމަށްފަހު އެ ތަނުގެ އާބާތުރަ ފިލުވައިދޭނެ ބައެއް ހޯދައިދޭން އިއުލާނު ކޮށްފައިވާ ކަމަށް އާޒިމް ވިދާޅުވި އެވެ. އެ ތަނުގެ ހާލަތު އެހައި ހިސާބަށް ދިޔައީ އެތަން ހުޅުވީއްސުރެ މިއަދާ ހަމައަށް އެއްވެސް މަރާމާތެއް ކޮށްފައި ނެތުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

"2016 ވަނަ އަހަރު ހުޅުވުނު މި ޕާކަކީ އޭގެފަހުން އެއްވެސް މަރާމާތެއް ނުކުރެވި، އެ ތަނުގައި ހުރި އިމާރާތްތަކާއި ވަސީލަތްތައް ބޭނުން ނުކުރެވޭ ހާލަތަކަށް ގޮސްފައިވާ ތަންތަންކަން އެ ތަން ބޭނުން ކުރާ ފަރާތްތަކަށް އެނގިވަޑައިގަންނަވާނެ އެވެ،" އާޒިމް ކުރެއްވި ޕޯސްޓުގައި ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ ސިޓީ ކައުންސިލުން މަސައްކަތް ކުރަނީ ގިނަ ދުވަސްތަކެއް އެ ކަމަށް ހޭދަ ނުކޮށް ސަލްޓަން ޕާކު އަލުން ފުރިހަމަ ގޮތުގައި ބޭނުން ކުރެވޭނެ ގޮތެއް ހޯދުމަށް ކަމަށެވެ.

އޭގެއިތުރުން މާލޭގެ ހުޅަނގު ބިތުގައި އޮންނަ ރަސްފަންނުގެ ވެލިގަނޑު ރަނގަޅު ކުރުމުގެ މަސައްކަތް ކޮށްދޭނެ ކޮންޓްރެކްޓަރަކާ ހަވާލު ކޮށްފައިވާ ކަމަށް އާޒިމް ވިދާޅުވި އެވެ. އަދި އެ މަސައްކަތް އަންނަ ހަފުތާގައި ފެށޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ރަސްފަންނުގެ ވެލިގަނޑު ރަނގަޅު ކުރުމަށް ބޭނުން ތިމާވެށީގެ ހުއްދަ އީޕީއޭއިން ވަނީ މިހާރު ލިބިފަ އެވެ، އެތަނުގެ ޗަކަ ނަގައި، ބޭނުންވާ މަސައްކަތް ކުރުމަށް ހަވާލު ކުރެވިފައިވާ ކޮންޓްރެކްޓާ އަންނަ ހަފުތާގެ ތެރޭގައި މަސައްކަތް ފަށާނެ އެވެ،" އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ ރަސްފަންނުގެ ހާލަތު ގޯސްވީ އެތަން ބެލެހެއްޓުމުގެ މަސައްކަތް ކުރިން ހަވާލު ކޮށްފައި އޮތް ފަރާތުން އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކުރިއަށް ނުގެންދިޔުމުގެ ސަބަބުން ކަމަށެވެ. އަދި އެ ފަރާތާއެކު ސިޓީ ކައުންސިލުން ހަދާފައި އޮތް އެގްރީމެންޓު ވެސް މިހާރު ބާތިލު ކޮށްފައިވާ ކަމަށް އާޒިމް ވިދާޅުވި އެވެ.

"ދެން ރަސްފަންނުގެ މަރާމާތުގެ މަސައްކަތް ކުރިއަށް ގެންދާނީ ސީދާ ސިޓީ ކައުންސިލުންނެވެ، މާލޭގެ ލޮބުވެތި ރަށްވެހީންނަށް އަޅުގަނޑު ޔަގީންކަން މި އަރުވަނީ، ރަސްފަންނު މަރާމާތު ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށް ކެމެވެ،" އާޒިމް ވިދާޅުވި އެވެ.

ރަސްފަންނާއި ސަލްޓަން ޕާކު ވީރާނާވާ ކަމަށް ބުނެ ރައީސް މުއިއްޒު މިއަދު އެކްސްގައި ޕޯސްޓެއް ކުރެއްވިއިރު، އެމަނިކުފާނު މާލޭގެ މޭޔަރުކަމުގައި ހުންނެވިއިރު، ބަޖެޓު ނެތް ކަމަށް ބުނެ މާލޭގެ އެއްވެސް ޕާކެއް މަރާމާރު ކޮށްފައެއް ނުވެ އެވެ. އޭރު ރައީސް މުއިއްޒު ވިދާޅުވަމުން ގެންދެވީ ޕާކުތައް ވީރާނާ ވަނީ ކުރިން އޮތް ކައުންސިލުގެ ސަބަބުން ކަމަށެވެ.

ޕާކުތައް މަރާމާތުކޮށް ބަލަހައްޓާނެ ބަޖެޓެއް ނެތުމުން ޕްރައިވެޓް ޕާޓްނާޝިޕް އުސޫލަށް ދިއުމަށް ވިސްނާ ކަމަށް ވެސް އެމަނިކުފާނު އޭރު ވިދާޅުވި އެވެ. ނަމަވެސް އެ މަސައްކަތް ބަޔަކާ ހަވާލު ކުރެވި ޕާކުތައް ބެލެހެއްޓިފައެއް ނުވެ އެވެ.

"މި ބަލަނީ އެއްގޮތުން ނުވިއްޔާ އަނެއް ގޮތުން ވެސް އަޅުގަނޑުމެންގެ ކެޕޭސިޓީގައި މި ތަންތަން ހެދޭނެ ގޮތްތައް ހޯދަން،" ރައީސް މުއިއްޒުގެ މޭޔަރު ކަމުގައި ވިދާޅުވި އެވެ.

ޕާކުތައް ބަލަހައްޓާނެ ބަޖެޓެއް ނެތް ކަމަށް ރައީސް މުއިއްޒު މޭޔަރު ކަމުގައި ވިދާޅުވިއިރު، މާލެ ސިޓީން ބޮޑެތި ހަރަދުކޮށްގެން އޭރު ސްޓާފް ނައިޓެއް ބޭއްވުމުން އާންމުންގެ ފާޑުކިޔުން އަމާޒުވި އެވެ.