14 ފެބުރުވަރީ 2025 - 05:05 0
14 ފެބުރުވަރީ 2025 - 05:05 0
ލިވަޕޫލް (ފެބްރުއަރީ 14) - އިނގިރޭސި ޕްރިމިއާ ލީގުގައި އެވަޓަންއާ ފަހު ވަަގުތު ލިވަޕޫލުން އެއްވަރުވި މެޗުގެ ރެފްރީ، މައިކަލް އޮލިވާއާ ލިވަޕޫލްގެ ކޯޗު އާނާ ސްލޮޓް ދިމާކޮށްލުމުން އޭނާ އަށް ދެ މެޗުގެ ސަސްޕެންޝަނެއް ދީފި އެވެ.
އެވަޓަން އާއި ލިވަޕޫލް 2-2 އިން އެއްވަރުވި މެޗު ނިމުމާ އެކު، ލިވަޕޫލްގެ ސަޕޯޓަރުންނާ ދިމާލަށް އެވަޓަންގެ އަބްދުﷲ ޑޮކޫރޯ ދިއުމާ އެކު، އޭނާ އާއި ލިވަޕޫލްގެ ކާޓިސް ޖޯންސްގެ ދެމެދުގައި ހިނގި ހަމަނުޖެހުމުގެ ތެރޭގައި، ރެފްރީ މައިކަލް އޮލިވާ ވަނީ ދެ ކުޅުންތެރިންނަށް ރަތް ކާޑު ދައްކައިފަ އެވެ. އެ ދެ ކުޅުންތެރިންނަށް އެއް މެޗުގެ ސަސްޕެންޝަނެއް ވަނީ ދީފަ އެވެ.
އޭގެ ފަހުން، ލިވަޕޫލްގެ ކޯޗު، ސްލޮޓް ބުނި އެއްޗެއްގެ ސަބަބުން އޭނާ އަށް ވެސް ރަތް ކާޑެއް ދެއްކި އެވެ.
ސްލޮޓް ހިތްހަމަނުޖެހުން ފާޅުކުރީ، އިތުރު ވަގުތުގެ ފަސް މިނިޓް ދެއްކުމަށް ފަހު، އިތުރު ފަސް ވަރަކަށް މިިނިޓް ކުޅުވިއިރު، އޭގެ ތެރެއިން ވަގުތެއްގައި އެވަޓަން ދެ ވަނަ ލަނޑު ޖެހުމުންނެވެ. އަދި، މެޗުގެ ތެރޭގައި، ކަންކަން މެނޭޖުކުރުމުގައި، ރެފްރީ އޮލިވާގެ ކަންކަން ހުރި ގޮތާ ގުޅޭގޮތުން، ސްލޮޓް ހިތްހަމަނުޖެހުން ފާޅުކޮށް ރައްދު ދިނެވެ.
މި މައްސަލަތައް ބެލުމަށް ފަހު، ޕްރިމިއާ ލީގުން ސްލޮޓަށް ދެ މެޗުގެ ސަސްޕެންޝަނެއް ދިނީ، އޭނާ ރެފްރީ އޮލިވާއާ ދިމާލަށް އިހުތިރާމްކުޑަކޮށް، ބޭއަދަބީ އިބާރާތްތައް ބޭނުންކޮށް ވާހަކަ ދައްކާފައިވާ ކަމަށް ބުނެ އެވެ.
ސަސްޕެންޝަންގެ ސަބަބުން، ސްލޮޓަށް ލިވަޕޫލް ދެން އެންމެ އަވަހަށް ކުޅޭ ދެ މެޗުގައި ބެންޗަށް ނުދެވޭނެ އެވެ. އެއީ، އަމިއްލަ ދަނޑުގައި ވުލްވްސްއާ ކުޅޭ މެޗާއި ރަށުންބޭރުގައި އެސްޓަން ވިލާއާ ބައްދަލުކުރާ މެޗުގަ އެވެ.
ޕްރިމިއާ ލީގުގައި ބާކީ 14 މެޗު ލިވަޕޫލަށް އޮތްއޮރު، ލިވަޕޫލް އެއް ވަނައިގައި އޮތީ ހަތް ޕޮއިންޓުގެ ލީޑެއް ހޯދައިގެންނެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment