Advertisement

ސަރުކާރަށް ފެންނަ އިރަށް ކޮންމެ ވިޔަފާރިއަކަށް ވަނުމުގެ އިހުތިޔާރު އޮވެގެން ނުވާނެ: ފައްޔާޒު

12 ފެބުރުވަރީ 2025 - 22:29 2

އަހުމަދު އާއިދު

އަހުމަދު އާއިދު

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް : ސަރުކާރުން ބުނީ ސަރުކާރުން ޓެކްސީ ހިދުމަތާއެކު ފެށުމުން އަމިއްލަ ވިޔަފާރިތަކަށް ގެއްލުން ނުވާނެ ކަމަށް ބުނަނީ އޮޅުވާލަން ކަމަށް --- ފޮޓޯ: މިރާން ނާޝިމް / އަދަދު


ސަރުކާރަށް ފެންނަ އިރަށް ކޮންމެ ވިޔަފާރިއަކަށް ވަނުމުގެ އިހުތިޔާރު އޮވެގެން ނުވާނެ: ފައްޔާޒު

12 ފެބުރުވަރީ 2025 - 22:29 2

ސަރުކާރުން ސަބަބެއް ނެތި ފެންނަ ކޮންމެ ވިޔަފާރިއެއްގެ ތެރެއަށް ވަނުމަކީ އޮވެގެން ވާނެ އިހުތިޔާރެއް ނޫން ކަމަށް އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވީ ވައުދާ ހިލާފުވެ، ޑްރައިވަރުންގެ ދެކޮޅު ހެދުންތަކަށް ވެސް ބެލުމެއް ނެތި ސަރުކާރުން ޓެކްސީ ހިދުމަތް ދޭން އެމްޓީސީސީ އާ ހަވާލުކުރީ މިއަދު އެވެ.

މިކަމާ ގުޅިގެން އާންމުންނާއި ޓެކްސީ ޑްރައިވަރުން އަދި އެ ހިދުމަތް ދޭ ސެންޓަރުތަކުން ނުރުހުން ފާޅުކުރަމުން ދަނިކޮށް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ، ވައުދާ ހިލާފުވެ ސަރުކާރުން މިކަން ކުރުމަކީ އާމްދަނީ ހޯދުމަށް އެ މަސައްކަތް ކުރަމުންދިޔަ އެތައް ބަޔަކަށް ލިބިގެންދިޔަ ބޮޑު ގެއްލުމެއް ކަމަށެވެ.

"އެމްޓީސީސީގެ ޓެކްސީ ލައިނާއެކު އަމިއްލަ ވިޔަފާރިތަކަށް ގެއްލުން ނުވާނެ ކަމަށް ސަރުކާރުން ބުނަމުންދަނީ އޮޅުވައިލުމަށް. ޓެކްސީ ކުރާ ފަރާތްތަކާ މަޝްވަރާކޮށްގެން ހައްލު ހޯދެން އޮތް ކަމެއްގައި ސަރުކާރުން މިގޮތަށް އަމަލުކުރުމަކީ ކަންބޮޑުވާ ކަމެއް،" ފައްޔާޒު ވިދާޅުވި އެވެ.

އޭގެއިތުރުން، ސަރުކާރުން ޓެކްސީ ހިދުމަތް ފަށަން އެމްޓީސީސީއާ ހަވާލުކޮށް، އެ ހިދުމަތް ފެށުމުން އަމިއްލަ ޓެކްސީ ސެންޓަރުތަކަށް ގެއްލުންނުވާނެ ކަމަށް ސަރުކާރުން ބުނަނީ އޮޅުވައިލުމަށް ކަމަށް މިދިޔަ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރުކަން ކުރައްވާ، ވިޔަފާރިތަކާއި ގާތް ގުޅުމެއް ބާއްވަވާ ފައްޔާޒުގެ ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.

އޭނާގެ އިތުރުން އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވެސް ވަނީ ސަރުކާރުގެ ނިންމުމާމެދު ކަންބޮޑުވުން ފާޅުކުރައްވާ ސޯޝަލް މީޑިއާގައި ޕޯސްޓެއް ކުރައްވާފަ އެވެ.

އެގޮތުން މިކަމުން ދޭހަވަނީ ސަރުކާރުގެ ސިޔާސަތުތަކުގައި މިސްރާބެއް ނެތްކަން ކަމަށާއި ސަރުކާރުތަކަކީ އާންމު ވިޔަފާރިތަކަށް ފަހިކޮށްދީ، ރެގިއުލޭޓްކޮށްދޭ ފަރާތަކަށް ވާން ޖެހޭކަން އޭނާ ފާހަގަކުރައްވާފައިވެ އެވެ. ހުރިހާ ވިޔަފާރިއަކަށް ސަރުކާރުން ވަނުމަކީ ދެކޮޅު ޖެހޭ ކަމެއް ނޫންކަންވެސް އޭނާ ފާހަގަކުރެއްވި އެވެ.

"ސަރުކާރުން ޓެކްސީގެ ހިދުމަތް ފޯރުކޮށްދިނުމާ ބެހޭ ގޮތުން ސަރުކާރާއި ސަރުކާރު ހިންގާ ޕާޓީގެ އިސް ބޭފުޅުން ދައްކަވާ ވާހަކަތައް ދިމާނުވުމަކީ ސަރުކާރަށް ވާންވީ ގޮތާއި ވަމުންދާ ގޮތް ނޭނގޭ ކަމުގެ ހެއްކެއް،" ޝާހިދު ވިދާޅުވި އެވެ.

އޭނާ އިޝާރާތް ކުރެއްވީ ސަރުކާރުން ޓެކްސީގެ ހިދުމަތް ދޭން ނޫޅޭ ކަމަށް ވެރިކަންކުރާ ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ހޯމަ ދުވަހު މަޖިލީހުގައި ވިދާޅުވި ވާހަކައަށެވެ.

ސަރުކާރުން ޓެކްސީ ލައިނެއް ތައާރަފުކޮށް ޓެކްސީގެ ހިދުމަތް ދިނުމަށް ނިންމާފައިވާކަން އެންމެ ފުރަތަމަ އިއުލާނު ކުރީ މިދިޔަ ޖުލައި 25، ގައި އޮތް ރަސްމިއްޔާތެއްގަ އެވެ. ނަމަވެސް އެކަމާ ދެކޮޅަށް ޓެކްސީ ޑްރައިވަރުން ނުކުމެ އިހުތިޖާޖު ކުރުމުން އޯގަސްޓު 4، ގައި ސަރުކާރުގެ ނިންމުން ބަދަލުކުރި އެވެ.

އެއަށްފަހު ޓެކްސީގެ ހިދުމަތް ދޭން ފަށަން އަލުން ނިންމައި ޓްރާސްޕޯޓު މިނިސްޓަރު، މުހައްމަދު އަމީން އެކަން ހާމަ ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ އިގުތިސާދީ ކޮމިޓީގައި ވާހަކަދައްކަވަމުން މިދިޔަ އޮކްޓޫބަރު 29 ގަ އެވެ.

ޓެކްސީ ހިދުމަތް ދޭން ފަށާނީ ސޮއިކޮށްފައި ހުރި ކޮންވެންޝަންތަކާ އެއްގޮތަށް އިލެކްޓްރިކަލް ވެހިކަލްތައް ވެސް ބޭނުން ކޮށްގެން ކަމަށާއި ސްޓެލްކޯގެ ޕަވާ ގްރިޑަށް އެކަށީގެންވާ ވަރަށް 20 ޕަސަންޓާއި 25 ޕަސަންޓާ ދޭތެރޭގައި އިލެކްޓްރިކް ވެެހިކަލްތައް ބޭނުން ކުރާނެ ކަމަށް ވެސް އެ ދުވަހު އަމީން ވިދާޅުވި އެވެ.