މިދިޔަ މަހު މީރާއިިން ބަލައިގަތް އާމްދަނީ 2023 އަށް ވުރެ ވެސް ދަށް

12 ފެބުރުވަރީ 2025 - 04:13 0

މީރާގެ މައި އިދާރާ ހުންނަ ފިނޭންސް އިމާރާތް: އާމްދަނީ ދަށްވީ ބޭންކުތަކާއި ވިޔަފާރިތަކުގެ ޓެކްސް ދަށްވުމުން ކަމަށް މީރާއިން ބުނި -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު


މިދިޔަ މަހު މީރާއިިން ބަލައިގަތް އާމްދަނީ 2023 އަށް ވުރެ ވެސް ދަށް

12 ފެބުރުވަރީ 2025 - 04:13 0

އަންދާޒާ ކުރި ވަރަށް ވުރެ ފަސް ޕަސެންޓު މަތިން އާމްދަނީ ލިބުނު ނަމަވެސް ޓެކްސް އިދާރާ, މީރާއިން މިދިޔަ މަހުގެ ތެރޭގައި ބަލައިގަތް އާމްދަނީ ކުރީ ދެ އަހަރަށް ވުރެ ވެސް ދަށް ވެއްޖެ އެވެ.

މީރާއިން އާންމުކޮށްފައިވާ މި އަހަރުގެ ފުރަތަމަ މަންތުލީ ރެވެނިއު ރިޕޯޓުގައިވާ ގޮތުގައި, މިދިޔަ މަހު 3.3 ބިލިއަން ރުފިޔާ ބަލައިގެންފައިވެ އެވެ. މި ފައިސާގެ ގާތްގަނޑަކަށް 48 ޕަސެންޓަކީ މުދަލާއި ހިދުމަތުގެ ޓެކްސް (ޖީއެސްޓީ) އިން ލިބުނު އާމްދަނީ އެވެ.

މިދިޔަ އަހަރުގެ ޖެނުއަރީގައި ލިބުނު އަދަދަށް ވުރެ މިދިޔަ މަހު ލިބުނު އާމްދަނީ ދަށްވީ ސަބަބެއް ކަމަށް މީރާއިން ބުނެފައި ވަނީ, ބޭންކުތަކުގެ އާމްދަނީން ނަގާ ޓެކުހާއި ވިޔަފާރިތަކުގެ އާމްދަނީން ލިބުނު ޓެކްސް ދަށްވުމެވެ.

ވިޔަފާރިތަކުގެ އާމްދަނީން ނަގާ ޓެކްސް (ކޯޕަރޭޓް އިންކަމް ޓެކްސް) އާމްދަނީ ދަށަށް ދިޔަ ސަބަބެއްގެ ގޮތުގައި މީރާއިން ފާހަަގަކުރީ, އެ ފައިސާ ދައްކަން ޖެހޭ ސުންގަޑިއަކީ ސަރުކާރު ބަންދު ދުވަހަކަށް ވުމުން, ޓެކްސް ދައްކަން ޖެހޭ ތާރީހު މި މަހުގެ ދެ ވަނަ ދުވަހަށް ފަސް ކުރުމެވެ.

މީރާއިން ބަލައިގަތް އާމްދަނީގެ އުސްއަލިތައް

  • ޓެކްސް އާމްދަނީ - ތިން ބިލިއަން ރުފިޔާ
  • ޓެކްސް ނޫން އާމްދަނީ - 324 މިލިއަން ރުފިޔާ
  • ޑޮލަރުން ލިބުނު އާމްދަނީ - 125 މިލިއަން ޑޮލަރު
  • ޓީޖީއެސްޓީ - އެއް ބިލިއަން ރުފިޔާ
  • ޖީޖީއެސްޓީ - 530 މިލިއަން ރުފިޔާ
  • އިންކަމް ޓެކްސް - 1.1 ބިލިއަން ރުފިޔާ

ޖުމްލަ އާމްދަނީ ދަށަށް ދިޔަ ނަމަވެސް, އާމްދަނީގެ ބޮޑު ބަޔެއް ހިއްސާކުރާ މުދަލާއި ހިދުމަތުގެ ޓެކުހާއި އާމްދަނީން ނަގާ ޓެކްސްއިން ލިބުނު ފައިސާ ވަނީ އިތުރުވެފަ އެވެ. އަދި ޑޮލަރުން ލިބުނު އާމްދަނީ ވެސް ވަނީ މިދިޔަ އަހަރަށް ވުރެ އިތުރުވެފަ އެވެ.

ޑޮލަރުން ލިބުނު އާމްދަނީގެ ދެ ބައި ކުޅަ އެއް ބަޔަށް ވުރެ ބޮޑު އަދަދަކީ, ޓޫރިޒަމް ދާއިރާގެ މުދަލާއި ހިދުމަތުގެ ޓެކްސް (ޓީޖިއެސްޓީ) އެވެ. ދެން އެންމެ ބޮޑު އަދަދެއް ލިބުނީ އާމްދަނީން ނަގާ ޓެކްސްއިންނެވެ.

ޓެކްސް ނޫން އާމްދަނީގެ އެންމެ ބޮޑު އަދަދެއް ހިއްސާކުރަނީ އެއާޕޯޓު ޑިވެލޮޕްމަންޓް ފީ އެވެ. މިދިޔަ އަހަރުގެ ތެރޭގައި މި ފީ ނަގާ ރޭޓުތަކަށް ބަދަލު ގެނެސްފައި ވާތީ އޭގެ ކުރީ އަހަރަށް ވުރެ ލިބުނު އަދަދު ވެސް އިތުރެވެ.