11 ފެބުރުވަރީ 2025 - 16:38 0
ލީވާން އަލީ ނާސިރު
11 ފެބުރުވަރީ 2025 - 16:38 0
މަހުގެ އުފެއްދުންތައް އުފައްދާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރުމަށް ބޭނުންވާ ފައިސާ ހަމަޖެހި، ލޯނަށް ހުޅުވާލަން ތައްޔާރުވަމުންދާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި ޝިޔާމް ވިދާޅުވީ މަހުގެ އުފެއްދުންތައް އުފައްދާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން އުފެއްދުންތައް ބާޒާރަށް ނެރުމަށް ބާރުއެޅުމުގެ ގޮތުން 1.8 މިލިއަން ޑޮލަރު (27.7 މިލިއަން ރުފިޔާ) ހަމަޖެހިފައިވާ ކަމަށެވެ.
އެ ލޯނުގެ ދަށުން ހުށަހަޅާ ޕްރޮޖެކްޓްތަކުގެ ޖުމްލަ އަގުގެ 40 ޕަސަންޓަކީ ހިލޭ އެހީގެ ގޮތުގައި ލިބިގެންދާނެކަން ފާހަގަކުރައްވާ ޝިޔާމް ވިދާޅުވީ މަޝްރޫއަށް ކުރިމަތިލެވޭ އުސޫލުތައް ކަނޑައަޅައި އެޕްލިކޭޝަނަށް ހުޅުވާލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
"މީގެއިތުރުން މަހުގެ އުފެއްދުންތައް އުފައްދާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށް މަހުގެ އުފެއްދުންތައް އުފައްދާ ބާޒާރަށް ނެރުމަށް ބާރު އެޅުމުގެ ގޮތުން 1،8 މިލިއަން ޑޮލަރު ނުވަތަ 27.7 މިލިއަން ރުފިޔާ ވާނީ ހަމަޖެހިފައި. މި މަޝްރޫއުގެ ދަށުން ހުށަހަޅާ ޕްރޮޖެކްޓްތަކުގެ ޖުމްލަ އަގުގެ 40 އިންސައްތަ ހިލޭ އެހީގެ ގޮތުގައި ލިބިގެންދާނެކަން ވެސް މި ފުރުސަތުގައި ފާހަގަކޮށްލަން،" މިނިސްޓަރު ވިދާޅުވި އެވެ.
ޝިޔާމް ވިދާޅުވީ ސަރުކާރުން މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އަމިއްލަ ކުންފުނިތަކަށް އާ އުފެއްދުންތައް ބާޒާރަށް ނެރި، އުކާލާ މަހުގެ ބައިތަކުން ފައިދާކުރަނިވި އުފެއްދުންތައް ނެރުމަށް ވޯލްޑް ބޭންކުގެ އެހީތެރިކަމާ އެކު މިހާރު 8.3 މިލިއަން ޑޮލަރު (228 މިލިއަން ރުފިޔާ) ހަމަޖެހިފައިވާ ކަމަށެވެ.
މީގެއިތުރުން މިނިސްޓްރީގެ ރިވޯލްވިން ފަންޑުން 18 މިލިއަން ރުފިޔާގެ ލޯނު ސީދާ މަސް ކައްކާ، ހިއްކާ ފަރާތްތަކަށް ދޫކުރުމަށް އިސްލާމިކް ބޭންކާ އެކު މަސައްކަތް ފަށާފައިވާކަން ޝިޔާމް ފާހަގަކުރެއްވި އެވެ.
"އަޅުގަނޑުމެންގެ ސަރުކާރުގައި އަޅުގަނޑު ޔަގީން ކޮށްދޭން ބޭނުންވަނީ ރަށްފުށުގައި މަސައްކަތް ކުރާ އަތޮޅު ތެރޭގައި މަސައްކަތް ކުރާ ފަރާތްތައް ވަކިން ހާއްސަކޮށް މަސް ކައްކާ ހިއްކުމުގެ މަސައްކަތުގައި އުޅުއްވާ ފަރާތްތައް އަޅުގަނޑުމެންގެ ސަރުކާރުގައި ބާކީ ނުކުރާނެކަން،" ޝިޔާމް ވިދާޅުވި އެވެ.
ފަރުމަހުގެ މަސްވެރިކަން ކުރާ މީހުންނަށް ހާއްސަކޮށް ދޫކުރާ ލޯނަށް ކުރިމަތިލި 121 މީހުންގެ ތެރެއިން 62 މީހަކަށް ލޯން ދޭން މިދިޔަ އަހަރު ސަރުކާރުން ނިންމި އެވެ.
Comment