Advertisement

އެމްއެމްއޭއިން ބުނަނީ އިގުތިސޯދުގެ ދުވެލި ހިފެހެއްޓޭނެ ކަމަށް

28 އޮކްޓޯބަރު 2025 - 10:28 1

އަމަން ހަލީމް

އަމަން ހަލީމް

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ މައި އިދާރާ: އިގުތިސޯދުގެ ބޮޑު ހިއްސާއަކީ ޓޫރިޒަމް ސިނާއަތް --- ފޮޓޯ: އަތޫފް އާތިފް/އަދަދު


އެމްއެމްއޭއިން ބުނަނީ އިގުތިސޯދުގެ ދުވެލި ހިފެހެއްޓޭނެ ކަމަށް

28 އޮކްޓޯބަރު 2025 - 10:28 1

ދުނިޔޭގެ އިގުތިސޯދީ ހާލަތާ މެދު ޔަގީންކަން ކުޑަގޮތަކަށް ހުރި ނަމަވެސް، ދިވެހި އިގުތިސޯދު ކުރިއަރާ މިންވަރު ހަލުވިމިނެއްގައި ދެމެހެއްޓިފައިވާ ކަމަށާއި އަހަރުގެ ބާކީ އޮތް ތަނުގައި ވެސް އިގުތިސޯދުގެ ކުރިމަގު ދައްކަނީ އުޖާލާކޮށް ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.

އެމްއެމްއޭ އިން ޝާއިއުކޮށްފައިވާ މި އަހަރުގެ ދެވަނަ ކުއާޓަރުގެ އިގުތިސޯދީ އަޕްޑޭޓުގައި ބުނި ގޮތުގައި، ޓޫރިޒަމާއި މަސްވެރިކަމުގެ ސިނާއަތުން ހޯދަމުން އަންނަ ކުރިއެރުންތަކާއި ސަރުކާރުގެ ރަނގަޅު ވަމުން އަންނަ މާލީ ހާލަތާއި މަޑުޖެހެމުން އަންނަ އިންފްލޭޝަނާއެކު، މި އަހަރު ވެސް އިގުތިސޯދު ބާރަށް ކުރިއަރާނެ އެވެ.

އިގުތިސޯދީ ދާއިރާތަކުގެ ތެރެއިން އެންމެ ހަރަކާތެރިކަން ބޮޑީ ޓޫރިޒަމުގަ އެވެ. އެމްއެމްއޭއިން ބުނީ މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރަށް ވުރެ މި އަހަރުގެ އެ މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު 16 ޕަސެންޓު އިތުރުވެފައިވާ ކަމަށެވެ. އަދި މިއީ ދެވަނަ ކުއާޓަރުގައި އެންމެ ގިނަ ޓޫރިސްޓުން އައި އަހަރު ކަމަށް ވެސް އެމްއެމްއޭއިން ފާހަގަކުރި އެވެ.

ޓޫރިޒަމާއި މަސްވެރިކަމާ އެކީ، އިމާރާތްކުރުމުގެ ދާއިރާއިން ވެސް ވެސް ވަނީ ރަނގަޅު ކުރިއެރުންތަކެއް ހޯދާފަ އެވެ. މީގެ ސަބަބަކީ، އެމްއެމްއޭއިން ބުނި ގޮތުގައި، ބޮޑެތި އިންފްރާސްޓްރަކްޗާ މަޝްރޫއުތަކާއި ރިސޯޓު ތަރައްގީކުރުމުގެ މަޝްރޫއުތަކެވެ. އަދި ކާބޯތަކެއްޗާއި ހަކަތައިގެ އަގު ދަށްވެ، އިންފްލޭޝަން ވެސް ވޭތުވި އަހަރުތަކުގެ އެވަރެޖަށް ވުރެ ދަށްވެ، 4.6 ޕަސެންޓަށް ދަށްވެފައިވާ ކަމަށް އެމްއެމްއޭއިން ބުންޏެވެ.

އޭގެ އިތުރުން ސަރުކާރުގެ މާލީ ހާލަތާއި މާލީ ދާއިރާގެ ހާލަތު ވެސް ރަނގަޅު ކަމަށާއި، ރިޒާވު ވެސް 832 މިލިއަން ޑޮލަރަށް އިތުރުވެފައިވާތީ، ޖުމްލަކޮށް މާލީ ކަންކަން ވެސް ހުރީ ރަނގަޅަށް ކަމަށް އެމްއެމްއޭގެ ރިޕޯޓުގައި ބަޔާންކޮށްފައި ވެ އެވެ.

އިގުތިސޯދީ ދުވެލި ހިފެހެއްޓޭނެ ކަމަށް އެމްއެމްއޭއިން ބުނި ނަމަވެސް އިގުތިސޯދީ ކުރިއެރުން ވަނީ ތާރީހީ އެވަރެޖަށް ވުރެ ދަށްވެފަ އެވެ. ކައިރި މާޒީއަށް ބަލާއިރު، އިގުތިސޯދީ ކުރިއެރުން ހުރީ ފަސް ޕަސެންޓުން މަތީގައި ހިފެހެއްޓިފަ އެވެ. ނަމަވެސް މި އަހަރު ރިއަލް ޖީޑީޕީ ކުރިއަރާނެ ކަމަށް އެމްއެމްއޭ އާއި ބޭރުގެ އިދާރާތަކުން ވެސް ލަފާކުރަނީ 4.5 ޕަސެންޓު ކަމަށެވެ.

މިދިޔަ އަހަރު ވެސް އިގުތިސޯދީ ކުރިއެރުން ހުރީ ފަސް ޕަސެންޓުން ދަށުގަ އެވެ. މިދިޔަ އަހަރަކީ 2012 ގެ މާލީ ކާރިސާއަށް ފަހު އިގުތިސޯދު ހަމައަކަށް އެޅުނު ފަހުން، ކޮވިޑުގައި އިގުތިސޯދު ދަށްވީ އަހަރު ފިޔަވައި، އިގުތިސޯދީ ދުވެލި އެންމެ ދަށްވީ އަހަރެވެ.

އިގުތިސޯދީ ކުރިއެރުން 4.5 ޕަސެންޓުގައި ލަފާކުރިޔަސް، އޮލްޓަނޭޓް ސިނާރިއޯގައި މިއަށް ވުރެ ބާރަށް އިގުތިސޯދު ކުރިއަރާނެ ކަމަށް ލަފާކޮށް މި އަހަރުގެ ބަޖެޓުގައި ސަރުކާރުން ޖެހީ 6.4 ޕަސެންޓެވެ. ނަމަވެސް މި ވަރަށް އިގުތިސޯދީ ދުވެލި ކުރިއެރުން، މިހާރުގެ ހާލަތަށް ރިއާޔަތްކުރާއިރު، ނާދިރެވެ.