11 ފެބުރުވަރީ 2025 - 09:41 0
މުހައްމަދު ޝަހްޒާން
މަޖިލީހަށް މިއަދު ވަޑައިގެން މެންބަރުން ކުރެއްވި ސުވާލުތަކަށް މިނިސްޓަރު ޝިޔާމް ޖަވާބު ދެއްވަނީ -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
11 ފެބުރުވަރީ 2025 - 09:41 0
މަހުގެ އަގު 25ރ. ގައި ހުއްޓައި 20ރ. އަށް ދަށް ކުރުމަށްފަހު އަގު ފްލޯޓުވާ ގޮތަށް މި ސަރުކާރުން ހެދީ މަސް ކައްކައި ހިއްކާ ފަރާތްތަކަށް ދިން ހަދިޔާއެއްގެ ގޮތުގައި ކަމަށް ފިޝަރީޒް މިނިސްޓަރު، އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ކަނޑުމަހާއި ލައްޓިރާގޮނޑި ހިކިމަހުގެ ގޮތުގައި ކައްކައި ހިއްކައިގެން ވިއްކާ މީހުންނަށް އާމްދަނީ ހޯދައިދިނުމަށް މި ސަރުކާރުން ކުރަނީ ކޮން މަސައްކަތެއްތޯ ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު، މައުރޫފް ޒާކިރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ޝިޔާމް ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައިއިރު، އެ ފަރާތްތައް ތިބީ ވަރަށް ހާލުގައި ކަމަށެވެ. ނަމަވެސް އެ ހާލަތު ބަދަލު ކުރުމަށް މަސައްކަތްތަކެއް ކުރެއްވި ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ސަރުކާރުން މަހުގެ އުފެއްދުންތައް އުފައްދާ ފަރާތްތަކަށް ދިން އެންމެ ފުރަތަމަ ހަދިޔާއަކީ އަދި އެންމެ ބޮޑު އުއްމީދަކީ ވެސް މި ދެންނެވިހެން އެއްވެސް ބަލައިލުމެއް ނެތި އަގަށް ގެނެވުނު ބަދަލު، އަޅުގަނޑުމެން ބަދަލު ކުރީ، މަހުގެ އަގު ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ހުންނަ މިންވަރަށް ބަލައި އެ އަގުތަކަށް ރިއާއަތްކޮށް މަހުގެ އަގު ފްލޯޓު ކުރީ، އޭގެ ނަތީޖާއަކަށް ވެގެން ދިޔައީ މަސް ހިއްކައި މަސް ކައްކާ ފަރާތްތަކަށް ވެސް މަސް ލިބޭނެ މަގު ތަނަވަސް ވެގެން ދިޔައީ،" ޝިޔާމް ވިދާޅުވި އެވެ.
އެ ބަދަލުގެ ސަބަބުން މަސް ކައްކައި މަސް ހިއްކާ ފަރާތްތަކަށް ވެސް މަސް ގަނެވޭނެ މަގު ފަހިވެގެން ދިޔަ ކަމަށް ޝިޔާމް ވިދާޅުވި އެވެ. އެ ބަދަލު ގެންނެވީ މިދިޔަ ސަރުކާރުގެ ފަހު ދުވަސްކޮޅު މަހުގެ އަގު 17ރ. އިން 25ރ. އަށް ބޮޑުކުރިކުރުމުގެ ސަބަބުން މަހުގެ އުފެއްދުންތައް އުފައްދާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ބަނގުރޫތުވެފައި އޮއްވައި ކަމަށް އޭނާ ވިދާޅުވި އެވެ.
ޝިޔާމް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދުވަސްވަރު އެމްޑީޕީގެ ސަރުކާރުން މަހުގެ އަގަށް ބަދަލު ގެނައީ އެއްވެސް ދިރާސާއެއް ކުރުމެއް ނެތި ކަމަށާއި އެ ނިންމުމުގެ ސަބަބުން ދައުލަތުގެ މަސް ކުންފުނި، މިފްކޯއަށް މަސް ކިރުމަށްފަހު މަސް ކައްކައި ހިއްކާ މީހުންނަށް ވިއްކާނެ މަސް ދޯނިފަހަރުގައި ނުހުންނަ ކަމަށެވެ.
"ވޭތުވެދިޔަ ސަރުކާރު ނިންމައިލި އިރުގައި އެ ފަރާތްތައް [މަސް ކައްކާ ހިއްކާ ފަރާތްތައް] އިތުރަށް ގޯސްކޮށްފައި ވެރިކަމުން ވަޑައިގަތީ، އެއީ އެނގިވަޑައިގަންނަވާނެ، އިއްޒަތްތެރި މެންބަރަށް އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ އެ ކަންތައް، 25ރ. އަށް މަހުގެ އަގު މަހުގެ އޭރު ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރާއި ދެވަނަ ބުރާ ދޭތެރޭގައި 17ރ. އަށް ހުރި މަހުގެ އަގު 25ރ. އަށް ހަގީގަތުގައި ބަދަލުކުރި ބަދަލު ކުރުން ވެގެން ދިޔައީ ދެންމެގައި އިއްޒަތްތެރި މެންބަރު ތިޔަ ފާހަގަކުރެއްވި މަހުގެ އުފެއްދުންތައް އުފައްދާ ފަރާތްތައް، ހުރިހާ ފަރާތްތައް ހަގީގަތުގައި ބަނގުރޫޓުވެގެން ދިޔައީ،" ޝިޔާމް ވިދާޅުވި އެވެ.
"މިފްކޯ، ދައުލަތުގެ ކުންފުނިން އެކަނި މަސް ގަނެވޭނެ ހާލަތަށް ދިވެހިރާއްޖޭގެ ހާލަތު ބަދަލު ކުރުވި ނިންމުމެއް އެއީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރާއި ދެވަނަ ބުރާ ދެމެދުގައި އެއްވެސް ދިރާސާއެއް ކުރުމެއް ނެތި 25ރ. އަށް ޖެއްސި ޖެއްސުން."
ޝިޔާމް އެހެން ވިދާޅުވި ނަމަވެސް މަހުގެ އަގު 20ރ. އަށްވުރެ ދަށް ނުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
މި ސަރުކާރު ވެރިކަމަށް އައިއިރު، މަސް ކިލޯއެއްގެ އަގު އުޅުނީ 22ރ. ގަ އެވެ. މިހާރު ގަނޑުކުރި މަސް ކިލޯއެއް މިފްކޯއަށް ގަންނަނީ 16ރ. އަށެވެ. އަދި ގަނޑުނުކުރާ މަސް ކިލޯއެއް ގަންނަނީ 14ރ. އަށެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment