ގާސިމް އިބްރާހިމް އާއި އާއިލާގެ ބޭފުޅުން
އދ. މާމިގިއްޔާއި އެ އަތޮޅުގެ ފަޅު ރަށްތަކުގައި ހަޔާތުގެ އެންމެ ކުރީކޮޅު ހޭދަކޮށް، ކުޑައިރު މާލެ ބަދަލުވެ، މިއަދު މިފެންނަ ވިލާ ގްރޫޕްގެ ވެރިޔާ، ގާސިމް އިބްރާހިމް އަށް ވުމަށް ކުރެއްވި ބުރަ މަސައްކަތާއި އޭނާގެ 75 އަހަރުގެ ހަޔާތުގެ އުފާވެރި، އަދި ހިތާމަވެރި ސަފުހާތަކަކީ އެހެން މީހުންނަށް އަލިމަހެއް ފަދަ އަގުހުރި ފިލާވަޅަކަށް ވާނެ އެވެ.
އެ ތަޖުރިބާތަކާއި ވާހަކަތައް ލިޔެފައިވާ ހަޔާތުނާމާ، "ގާސިމް އިބްރާހިމް - ލާމަސީލް ދިވެހި ދަރިއެއް" ގައި، އަމިއްލަ ދަރީންނަށް ހާއްސަ ވަސިއްޔަތެއް ކުރައްވާފައިވެ އެވެ.
ގާސިމްގެ ހަތަރު އަނބިންނާއި ޖުމުލަ 14 ދަރިން އެބަ ތިއްބެވެ. އިއްޔެ އުމުރުން 75 އަހަރު ފުރުނުއިރު، "މިހާ ހިސާބުން މިހާރު ހިތާއި ސިކުނޑި އެދެނީ ހަމަހިމޭންކަން" ކަމަށް ހަޔާތުނާމާގައި ގާސިމް ވިދާޅުވެފައި ވާއިރު، ދަރިންނަށް ދޫކުރެއްވި ވަސިއްޔަތުގައި އެންމެ ބޮޑަށް އެދިވަޑައިގެންނެވީ ބައިބައި ނުވެ އެކަތިގަނޑެއްގެ ގޮތުގައި ތިބުމަށެވެ.
އޭނާ ނެތް ދުނިޔެއެއްގައި އާއިލާގެ އެންމެ އިސް މީހެއްގެ މަސްއޫލިއްޔަތު ހަވާލުކުރެއްވީ ދޮށީ ފިރިހެން ދަރިފުޅު، އަދި މިހާރު ވިލާ ގްރޫޕް ހިންގަވާ އިބްރާހިމް ސިޔާދު ގާސިމްއާ އެވެ.
ރޭ ނެރުނު ގާސިމްގެ ހަޔާތު ނާމާ
ވަސިއްޔަތު
އޭ ލޯބިވާ ދަރިފުޅުމެންނޭވެ! އެކި ބަނޑަށް ނިސްބަތްވާ ކުދީންނަށް ތިޔަ ކުދީންވިޔަސ،ް ތިޔަ ހުރިހާ ކުދީންނަކީ ބައްޕަގެ ލެއެވެ. ތިޔަކުދީންގެ ކުރިމަގުގެ ކާމިޔާބީ އޮތީ ވަރަށް އިހުލާސްތެރިކަމާއެކު އެކަކު އަނެކަކަށް އަޅައިލައިގެން އެކަތިގަނޑެއްގެ ގޮތުގައި ތިބެގެންނެވެ. ދަރިފުޅުމެންގެ އަތްމައްޗަށް ބައްޕަ މި ދޫކޮށްލަނީ ދަރިފުޅުމެންގެ މައިންނަށާއި އަދި ދަރިފުޅުމެންނަށް، ބައްޕަ ދޭންޖެހޭ ވަގުތު ނުދެވި، މަސައްކަތުގައި ވެފައިވާ ގުރުބާނީގެ ސަބަބުން ހޯދުނު އެއްޗެކެވެ. އެހެންވީމާ، މި އިންވެސްޓްމަންޓުތައް ތިޔަ ކުދިންގެ މެދުގައި ތެދުވެރިކަމާއި، އިންސާފުވެރި ގޮތުގައި ކުރިއަށް ގެންދިއުމަކީ ވަރަށް މުހިންމު ކަމެކެވެ. މިއީ ދަރިފުޅުމެންގެ އަމިއްލަ އިންވެސްޓްމަންޓުތަކަށް ވިޔަސް އެ ހޯދުމަށް ބައްޕަވީ ގުރުބާނީ ހިތުގައި ބަހައްޓައިގެން، ގައުމަށް ފައިދާކުރާނޭ ގޮތަށް ބިނާކުރަމުން ގެންދާށެވެ.
ގާސިމް ވިޔަފާރި ފަށައިގެން ކުރިއަށް ގެންދިޔަ ދުވަސްވަރުގެ ފޮޓޯއެއް
ބައްޕަގެ ވަސިއްޔަތަކީ ތިޔަކުދިން ބައިބައިވެގެން ނުދިއުމެވެ. އެއް ކުއްޖަކު އަނެއް ކުއްޖަކަށް އަޅާލުމެވެ. އެކީގައި އުޅޭއިރ،ު ހިތްހަމަނުޖެހޭ ކަންތައްތަކާ ދިމާވިޔަސް ކެތްތެރިވާށެވެ. ވިސްނުންތެރިވާށެވެ. ހިތްހަމަ ނުޖެހޭ ކަންކަމާ ދިމާވުމުން ވަކިވެގެން ލިބޭ އެއްޗެއް ހިފައިގެން ގޮސް އުޅޭއިރ،ު ވަރަށް ގިނަ ފަހަރު ކާމިޔާބު މަސައްކަތަކާ ހަމައަށް ނުދެވިދާނެ އެވެ.
އޭ ލޯބިވާ ދަރިފުޅުމެންނޭވެ. ބައްޕަ ދެކެން ބޭނުންވަނީ ތިޔަ ކުދިންނަށްޓަކައި ބައްޕަ ބިންގާއަޅައ،ި ފަށައިފައިވާ ކަންކަނ،ް ތިޔަކުދިން އިހުލާސްތެރިކަމާއެކު މަސައްކަތް ކޮށް، މިއަށްވުރެ ވެސް ފުޅާކުރެވިގެންދާނެ ދުވަހެކެވެ. އެއްވެސް އިންސާނަކަށް އޭނާ އެދޭ ހުރިހާ ކަމެއް މި ދުނިޔޭގައި ފުރިހަމައެއް ނުވެ އެވެ. ހަމަ އެހެންމެ ތަނަވަސްކަމަކީ، އެއީ ދުނިޔެގައި ނިމުމެއް އޮތް ކަމެއް ވެސް ނޫނެވެ. އެކަމަކު ހަނދާނުން ކައްސާލިޔަ ނުދެއްޗެވެ. ތެދުވެރިކަމާއެކީގައި ތިމާމެންގެ ދީނަށާއ،ި ތިމާމެންގެ މައިން ބަފައިންނަށާއ،ި އަހުންނާއި އުހްތުންނަށާއި ގާތްތިމާގެ މީހުންނަށާއި ރައްޓެހިންނަށާއި، އެކިއެކި ހާޖަތުތައް ޖެހިފައިވާ ނިކަމެތިންނަށް ހެޔޮކޮށް ހިތައިގެން އުޅުމަކީ، އަހަރެމެންގެ މާތްވެގެންވާ އިސްލާމް ދީނުގައި އަންގަވައިފައި އޮތް ގޮތެވެ. އެއީ ކާމިޔާބުގެ ތަޅުދަނޑިއެވެ. އެއީ އެންމެ ފުރިހަމަ އެންމެ ރަނގަޅު ގޮތެވެ. އެއީ ބައްޕަ އެ މަގަކުން ހިނގަމުންދިޔަ މަގެވެ.
ގާސިމްގެ ތިން ބޭފުޅުން
ބައްޕަގެ ހަޔާތުގެ އެންމެ މުހިންމު އެއް ބަޔަކީ އިންސާނިއްޔަތަށް އެހީތެރި ވުމެވެ. ކުރިމަތިލާންޖެހުނު އަނިޔާތަކާއި ހުރަސްތަކާއެކު ވެސ،ް ދިވެހި ގައުމަށާއި ދިވެހި ރައްޔިތުންނަށް ހިދުމަތް ކުރުމެވެ. އެކަން އެންމެ ފަހުނޭވާއާ ހަމައަށް ވެސް ދެމިއޮންނާނެ އެވެ. އެއީ ބައްޕަގެ ދަރިންނަށާއި ކާފަދަރިންނަށާއި އަދި ފަހަށް ދެމިގެންދާ ދަރިކޮޅަށް ދޫކޮށްދާ ހަނދާން ތަކެކެވެ. ދަރިފުޅުމެންގެ ކާފަ ބުރުމާ އިބްރާހީމްގެ ފަރާތުން ބައްޕައަށް ލިބުނު އެންމެ މުހިންމު ފިލާވަޅަކީ ދަތިހާލުގައި ޖެހިފައިވާ މީހުންނަށް ވެވުނު ވަރަކުން އެހީވުމެވެ. ތިޔަ ކުދިން ވެސް، ބައްޕަގެ ވަސިއްޔަތެއްގެ ގޮތުގައި ދެކެންވީ، އަބަދުވެސް ދަތިހާލުގައި ޖެހިފައި ތިބޭ މީހުންނާމެދު ރަހްމުކޮށް އެހީތެރިވުމުގެ އަތްތިލަ ހުޅުވާލައިގެން ތިބުމަށެވެ. އިސްރާފް ނުކުރުމަށެވެ.
ތިޔަ ހުރިހާ ކުދިންގެ ތެރެއިން އެންމެ އިސްކޮށް ބައްޕަ މަސްއޫލިއްޔަތު މިހަވާލު ކުރަނީ އިބްރާހީމާ އެވެ. ހުރިހައި ކުދިން އޭނާއަށް އެހީތެރިވެދީ، އެކަތިގަނޑެއްގެގޮތުގައި ކުރިއަށް ދާށެވެ. އޭނާ ނެތް ދުނިޔޭގައި ދެން އެންމެ ރަނގަޅަށް ހަރުދަނާކޮށް ކަންތައްކުރާ ކުއްޖަކު އިސްކޮށްގެން އޭނާގެ ފަހަތުން ހުރިހައި ކުދިން ވެސް އެކީގައި އުޅޭށެވެ. ތިޔަކުދިންގެ ތެރެއިން ވެރިއަކަށް ހުންނަ ކުއްޖަކާއި އެއާ ޖެހިގެން ދެން ހުންނަ ކުއްޖަކާ އަދި ހުރިހާ ކުދިން ވެސް ވަކިވަކި ކުދިންގެ ހައްގުތަކަށް ރައްކާތެރި ވާށެވެ. ގާތް މީހަކު ކަމެއް ގޯސްކުރަން ނަސޭހަތްދިނަސް އެކަހަލަ ކަންތައްތަކުގައި ބައިވެރިނުވާށެވެ. އަދި ބަޔަކު ނުބައި ރޭވުމެއް ރާވައިގެން ދެރައެއް ދޭން އުޅުނަސ،ް އެ ބަޔަކަށް ބަދަލުގައި ދެރައެއް ދޭން ނުވިސްނާށެވެ. ވިސްނަންވީ ހަމައެކަނި އެކަމަކުން ސަލާމަތްވެވޭނެ ގޮތެއް ހޯދައިގެން ސަލާމަތްވުމަށެވެ. ތިމާދެކެ މީހަކު ރުޅިއައިސްގެން އުޅުނަސް އެމީހާއަށް ދެރައެއް ދިނުމުގެ ވިސްނުމެއް ނުގެންގުޅޭށެވެ.
ތިޔަ ކުދިންގެ މައިންނަށް އަދާކުރަންޖެހޭ ޝުކުރަކަށް ނިމުމެއް ނެތެވެ. ބައްޕަ މަސައްކަތުގައި އަވަދިނެތި އުޅުނުއިރު، ދަރިން ތަރުބިއްޔަތު ކުރުމާއި، ތިޔަ ކުދިންގެ ކަންކަމުގައި އެންމެ ބޮޑު ގުރުބާނީއެއްވީ ތިޔަ ކުދިންގެ މައިންނެވެ. މުޖްތަމައުގެ ނުބައި އޮއިވަރުތަކުގެ ތެރޭގައި ތިޔަ ކުދިން ޖެހުނަނުދީ، ދިވެހި ގައުމަށް ހިދުމަތްކުރެވޭފަދަ އިލްމީ، ގާބިލް އަދި ހިތް ހެޔޮ ދަރިންތަކަކަށް ހަދައިދިނީ ތިޔަ ކުދިންގެ މަންމައިންނެވެ. ބައްޕައަށް ކޮށްދެވުނު ކަމަކީ ތިޔަ ކުދިންގެ ކަންކަމަށް ކުރަންޖެހުނު ހަރަދު ތަކުގައި ދަތިވިޔަ ނުދިނުމެވެ. ލިބިފައިވާ ތަނަވަސްކަމާ އެކުވެސް، މަޖާކުރުމާ، ވަގުތު ބޭކާރު ކުރުމުގައި، ހައްދު ފަހަނައަޅައި ދިޔަ ނުދީ، ދެއްކުންތެރިކަން އިސް ކުރިޔަނުދީ، ލިބޭއެއްޗަކުން ދެކޮޅު ޖައްސައި، ސާދާ ދިރިއުޅުމަކަށް ތިޔަ ކުދިން މިސްރާބު ކުރެވޭތޯ ބައްޕަ ބެލީމެވެ.
ބައްޕަގެ ދަރިންގެ މަންމައިންގެ ކިބައިން އެދެނީ، އެއް ކުއްޖަކު އަނެއް ކުއްޖަކަށް ހަސަދަވެރިކަން އުފެދިދާނެފަދަ ކަމަކަށް މަގު ތަނަވަސްވިޔަ ނުދީ، އުފާވެރި ސުލްހަވެރި ހަޔާތެއްގައި އެ ކުދިން އުޅުމަށް ނަސޭހަތްތެރިވުން މަތީގައި ދެމިތިބުމަށެވެ. ތިޔަ މައިން ތަރުބިއްޔަތު ކުރި ދަރިންނާމެދު އަހަރެން ފަހުރުވެރި ވަމެވެ. ތިޔަ މައިންވި ގުރުބާނީގެ އަގު އަހަރެން ވަޒަންކުރަމެވެ."
97.10%
0.00%
1.45%
1.45%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
ބަފާ ޔޫސުފް
27 days ago
ގާސިމްގެ ބަޔޮގްރަފީ އަޅުގަނޑު ކިޔާލިން. ޖުމްލަގޮތެއްގައި ރަނގަޅު. ނަމަވެސް ކައިވެނި ބެއްލެވި ބައެއް ބޭފުޅުންގެ ނަންތައް އުނިކުރައްވާފައިވުމާއި، މުއްސަނދިކަން ލިބިލެއްވި ގިނަ ކަންކަން ސެންސަރު ކުރައްވާފައިވާކަން ފާހަގަވި. މިޖެނެރޭޝަންގެ ކުދީންނަށް ޙަގީގަތްނޭގޭ ގޮތަކަކަށް ހަޔާތުނާމާ ބައްޓަންކުރައްވާފައިވާކަން ވެސް ފާހަގަކުރަން. ކަން މިހެން އޮތަސް، ގާސިމް އަކީ ވަރަށް ޚިދުމަތްތެރި ބޭފުޅެއް.
އާދަމް
29 days ago
ނަމާދު ޤާއިމްކުރުމަކަށް ވަޞިއްޔަތެއް ނުކުރޭތަ؟ ﷲ އަށް ބަރުވެތިވެ ތަޤްވާވެރިވުމަށް ވަޞިއްޔަތެއް ނުކުރޭތަ؟ އޭރުން ލާމަސީލެއް ނުތްވެއްނުން!
ސަލާ
about 1 month ago
އެކިއެކި މީހުން ލިޔެފައިވާ އެއްޗެހި ކޮޕީކޮށްގެން ނުޖަހަބަލަ
ސޮހޮލު
about 1 month ago
ހާދަ ކްރިންޖޭ. މި ކަހަލަ ހާސަރު ނޫހުގަ ނުލިޔެބަލަ
ޏާމި
about 1 month ago
އިޓް ވޮޒްންޓް ކްރިންޖް އެޓް އޯލް. ދިސް މޭޑް މީ ޓިއަރ އަޕް!
Comment