ހަޔާތުގައި ލިބިވަޑައިގެންނެވި ހުރިހާ ކާމިޔާބެއްގެ އަސްލަކީ އެންދެރިމާގެއިން ދަސްވި އަހުލާގާއި ސުލޫކު: ގާސިމް

10 ފެބުރުވަރީ 2025 - 18:20 1

މުހައްމަދު ޝަހްޒާން

މ

ގާސިމްގެ ހަޔާތުނާމާ ނެރުމުގެ ޖަލްސާގައި އެމަނިކުފާނު ވާހަކަދައްކަވަނީ؛ ގާސިމް ވިދާޅުވީ އިލްޔާސް އިބްރާހިމްއަކީ އެމަނިކުފާނުގެ ބައްޕަގެ މަގާމުގައި ހުންނެވި ބޭފުޅާ ކަމަށް -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ހަޔާތުގައި ލިބިވަޑައިގެންނެވި ހުރިހާ ކާމިޔާބެއްގެ އަސްލަކީ އެންދެރިމާގެއިން ދަސްވި އަހުލާގާއި ސުލޫކު: ގާސިމް

10 ފެބުރުވަރީ 2025 - 18:20 1

ހަޔާތުގައި ލިބިވަޑައިގެންނެވި ހުރިހާ ކާމިޔާބީއެއްގެ އަސްލަކީ ހަޔާތުގެ ކުރީކޮޅު އެންދެރިމާގެއިން ދަސްވި އަހުލާގާއި ސުލޫކު ކަމަށާއި މަސައްކަތުގެ ދާއިރާގައި ނަމޫނާއަކަށް ބެއްލެވީ އެ ގޭ ބޭފުޅުންގެ އަހުލާގަށް ކަމަށް ވިލާ ގްރޫޕްގެ ފައުންޑަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނުގެ ހަޔާތުނާމާ ނެރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ އުމުރުގެ ޒުވާން ދުވަސްވަރު އިލްޔާސް އިބްރާހިމްއަށް ހެދިގެން އުޅެނީ ކަމަށް ބުނެ މީހުން ޖޯކު ވެސް ޖެހި ކަމަށެވެ. ނަމަވެސް އެފަދަ ވާހަކަތައް އަޑުއިވުމުން ލަދު ގަތުމުގެ ބަދަލުގައި ލިބުނީ ހިތްވަރެއް ކަމަށް ގާސިމް ވިދާޅުވި އެވެ.

"އަޅުގަނޑަށް މި ލިބުނު ކުރިއެރުމެއް ލިބިފައި ވަނީ އަޅުގަނޑު މި ދާއިރާގެ ތެރޭގައި ހުރެގެން، ކޮންމެ ރޮނގަކުން ކަމަށް ވިޔަސް، އިގުތިސާދީ ރޮނގުން ކަމުގައިވިޔަސް އިޖުތިމާއީ ރޮނގުން ކަމުގައިވިޔަސް، އެއީ އަޅުގަނޑު އުޅެން ދިމާވި ގޭގެ ބޭބޭފުޅުންގެ އަހުލާގާއި ސުލޫކު އަދި އެ ބޭފުޅުން ކުރެއްވި މަސައްކަތް އަޅުގަނޑަށް ފެނިފައިވާތީވެ، އެއީ ނަމޫނާއެއް ކަމަށް އެގޮތަށް ބަލައިގެން އަޅުގަނޑު މަސައްކަތް ކުރީ،" ގާސިމް ވިދާޅުވި އެވެ.

ކުރީގެ ރައީސް މައުމޫންގެ އަނބިކަނބަލުން، ނަސްރީނާ އިބްރާހިމްގެ އާއިލާގެ ބޭފުޅުންނަށް ޝުކުރު އަދާ ކުރައްވައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ ރާއްޖެއަށް ޑިމޮކްރެސީ ގެނައުމަށް މަސައްކަތް ކުރެއްވި ދުވަސްވަރު، ޖަލުގައި ދުވަސްތަކެއް ހޭދަ ކުރައްވަން ޖެހިވަޑައިގަތީ އޭރުގެ ރައީސްގެ އަނިިޔާވެރިކަމުން ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. މައުމޫންގެ ވެރިކަމުގައި ލިބިވަޑައިގެންނެވި ޖަލު އަދަބު އެމަނިކުފާނު ސިފަ ކުރެއްވީ އެއީ ދަރިން ތަރުބިއްޔަތު ކުރުމުގެ ގޮތުން ދޭ ޒާތުގެ އަދަބެއްގެ ގޮތުގަ އެވެ.

"އަޅުގަނޑު ދެކެނީ އަޅުގަނޑު ބޭބެއެއް އަޅުގަނޑަށް ނަސޭހަތެއް ދިނުމުގެ ގޮތުން ދެއްވި ފިލާވަޅެއް ކަމަށް އެ ވެސް، އަޅުގަނޑު ޖަލުގައި ހައްޔަރުވާން ދިމާވި ދިމާވުން، އެއީ އަޅުގަނޑުގެ މުސްތަގުބަލު އުޖާލާ ކުރުމަށްޓަކައި އަޅުގަނޑަށް ލިބުނު ދަރުސްއެއް ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ، އެއްގޮތަކަށް ވެސް އަޅުގަނޑަށް ދެއްވި އަނިޔާއެއް ކަމަކަށް އަޅުގަނޑެއް ނުދެކެން،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ މައުމޫންއަކީ ޑިކްޓޭޓަރެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި މިއަދު މި ދެކޭ ޑިމޮކްރެސީ ރާއްޖެއަށް ގެނެވުނީ އެކަމަށް މައުމޫން ފުރުސަތު ދެއްވުމުން ކަމަށާއި އެ ފުރުސަތު ނުދެއްވި ނަމަ މި ބަދަލު ގެނައުމުގެ ޖާގަ ނުލިބުނީސް ކަމަށް ގާސިމް ވިދާޅުވި އެވެ.

ގާސިމްގެ ވާހަކައިގައި ވަނީ އެމަނިކުފާނަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވި ބޭފުޅުންނަށް ޝުކުރު އަދާ ކުރައްވައިފަ އެވެ. އެ ލިސްޓުގައި އިލްޔާސް އިބްރާހިމްގެ ނަން ހިމަނުއްވައި ގާސިމް ވިދާޅުވީ އިލްޔާސްއަކީ އެމަނިކުފާނުގެ ބައްޕަގެ މަގާމުގައި ހުންނެވި ބޭފުޅާ ކަމަށެވެ.

ނިޝާން އިއްޒުއްދީންގެ ވެރިޔާ، އިލްޔާސް އިބްރާހިމް މިރޭ ނެރެދެއްވި ގާސިމްގެ ހަޔާތުނާމާގައި ގާސިމްގެ އެންމެ ތުއްޕުޅުއިރުގެ ވާހަކަތަކުން ފެށިގެން އައިސް ބޮޑު ވިޔަފާރިވެރިއަކަށް ވުމާ ދެމެދުގެ ތަޖުރިބާތައް ހިމެނެ އެވެ.

އެ ފޮތުގައި ގާސިމްގެ ހަޔާތްޕުޅުގައި ކުރިމަތިލާން ޖެހިވަޑައިގެން ތުރާތަކާއި ގިރާ ކުރައްވަން ޖެހިވަޑައިގެންނެވި ހުރަސްތަކުގެ ވާހަކަ ތަފުސީލުކޮށް ލިޔުއްވާފައިވެ އެވެ.

40.00%

0.00%

60.00%

0.00%

މި ލިޔުން ކިޔާލުމުން


އައިޝާ ﷲ

about 2 months ago

މިއީ މަގޭ ބައްޕަ ޖަލަށްލާފަ އެންދެރިމާގެއަށް ވަދެގަތް ނުބައިމީހެއް! މީނާގެ އަސްލު ނުބައި، މިއީ މީހުން ނާހާނެ އަދި ނޭގޭނެ ކަންކަން