10 ފެބުރުވަރީ 2025 - 09:01 0
ލީވާން އަލީ ނާސިރު
އަކްރަމް ކަމާލުއްދީން: އޭނާގެ ޕާސްޕޯޓް ހިފެހެއްޓި މައްސަލަ ހައި ކޯޓުން ބަލައި ނުގަނެ ވަނީ ބޭރުކޮށްލާފައި -- ފޮޓޯ: އަދަދު ފައިލް
10 ފެބުރުވަރީ 2025 - 09:01 0
"ގެދޮރުވެރިޔާ" ސްކީމުގެ މައްސަލައިގައި ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓު މިނިސްޓަރު އަކުރަމް ކަމާލުއްދީންގެ ޕާސްޕޯޓު ހިފެހެއްޓި އަމުރު އިސްތިއުނާފް ކުރަން ހައި ކޯޓަށް ހުށަހެޅުމުން، އެ ކޯޓުން އެ ހުށަހެޅުން ބަލައި ނުގަނެ ބޭރުކޮށްލައިފި އެވެ.
ހައި ކޯޓުގެ ވެބްސައިޓުން އެނގޭ ގޮތުގައި މިދިޔަ ޖެނުއަރީ 30، ގައި އަކްރަމް ހުށަހެޅި އެ މައްސަލަ ބަލައި ނުގަތުމަށް ވަނީ ނިންމާފަ އެވެ.
އަކްރަމްގެ ޕާސްޕޯޓު ހިފަހައްޓަން ކްރިމިނަލް ކޯޓުން އަމުރެއް ނެރުނީ "ގެދޮރުވެރިޔާ" ސްކީމާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެދިގެންނެވެ. އޭނާގެ ޕާސްޕޯޓު ހިފަހައްޓާފައި ވަނީ ފެބްރުއަރީ 18، އާ ހަމައަށެވެ.
އެ މައްސަލަ އިސްތިއުނާފު ކުރަމުން އަކްރަމް ފާހަގަކޮށްފައިވާ ގޮތުގައި, ކްރިމިނަލް ކޯޓުގެ އަމުރަކީ ޝަރުއީ އުސޫލުތަކާ ހިލާފަށް ނެރެފައިވާ އަމުރެކެވެ. އަދި މީގެ ދަށުން ގިނަ ނުކުތާތަކެއް އޭނާގެ އިސްތިއުނާފުގައި ބަޔާންކޮށްފައިވެ އެވެ.
އެ ގޮތުން ކޮރަޕްޝަން ހިންގި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި އޭނާ އޭސީސީއަށް އެއްބާރުލުން ދެމުން ގެންދާކަމަށް ވިދާޅުވެފައިވެ އެވެ. އަދި މިދިޔަ އަހަރުގެ ޖެނުއަރީގައި އޭނާއާ ސުވާލުކުރި ފަހުން, ޕާސްޕޯޓު ހިފެހެއްޓުމާ ހަމައަށް ވެސް އިތުރު ސުވާލެއްކޮށްފައި ނުވާ ކަަމަށް ވިދާޅުވެފައިވެ އެވެ.
އަކްރަމްގެ އިސްތިއުނާފުގައި އިތުރަށް ފާހަގަކޮށްފައި ވަނީ, އޭނާއަކީ މިހާރު ވެސް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ސިޔާސީ ގޮތުން ޖަވާބުދާރީ ވަމުންދާ މީހެއް ކަމާއި މީގެ ކުރިން ވެސް ފިލައިގެން ގޮސްފައި ނުވާ ކަމަށެވެ. އަދި މައްސަލައާ ގުޅިގެން އެކަށީގެންވާ ވަރުގެ ހެއްކެއް ލިބިފައި ނުވާ ކަމަށް ވެސް ފާހަގަކޮށްފައިވެ އެވެ.
އަކްރަމްގެ ޕާސްޕޯޓު ހިފެހެއްޓިއިރު އިތުރު ބަޔެއްގެ ޕާސްޕޯޓު ވެސް ހިފަހައްޓާފައިވެ އެވެ. މި އެންމެންގެ ޕާސްޕޯޓުތައް ހިފެހެއްޓީ "ބިންވެރިޔާ" ސްކީމުން ގޯތި ނުލިބޭ ބަޔަކު ވަގު ލިޔުންތަކެއް ހުށަހަޅައިގެން ގޯތިތަކެއް ނެގި މައްސަލަ ފެންމަތިވީ ދަނޑިވަޅުގަ އެވެ.
އެ މައްސަލަ ވެސް އޭސީސީ އާއި ފުލުހުން ތަހުގީގުކުރަމުން އަންނައިރު, އެންމެ ބޮޑު ތުހުމަތެއް ކުރެވެނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދަށެވެ. ވަގު ލިޔުން ހުށަހަޅައިގެން ގޯތި ލިބުނު އެކަކަކީ އޭނާގެ އެއް ބަނޑު އެއް ބަފާ ބޭބެ ހުސެއިން ފަޒީލް ރަޝީދަށެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment