ސެވިއްޔާ ބަލިކޮށް ބާސެލޯނާ އިން ފަރަގުކުޑަކޮށްފި

10 ފެބުރުވަރީ 2025 - 04:40 0


ސެވިއްޔާ ބަލިކޮށް ބާސެލޯނާ އިން ފަރަގުކުޑަކޮށްފި

10 ފެބުރުވަރީ 2025 - 04:40 0

ސެވިލް، ސްޕެއިން (ފެބްރުއަރީ 10) - ސްޕެނިޝް ލީގުގައި ރޭ ކުޅުންތެރިއަކު މަދުކޮށް މެޗު ނިންމާލަން ޖެހުނު ބާސެލޯނާ އިން 4-1 އިން ސެވިއްޔާ ބަލިކޮށް، ލީގުގެ ކުރީގައި އޮތް ރެއާލް މެޑްރިޑާ ދެމެދު ފަރަގުކުޑަކޮށްފި އެވެ.

ލީގުގެ އެއް ވަނައިގައި އޮތް ރެއާލް އާއި ދެ ވަނައިގައި އޮތް އެތުލެޓިކޯ ބައްދަލުކުރި މެޗު އެއްވަރުވުމުގެ ފައިދާ ބާސެލޯނާ އިން މި ވަނީ ނަގައިފަ އެވެ. ރެއާލް، އެއް ވަނައިގައި އޮތީ، 23 މެޗުން 50 ޕޮއިންޓާ އެކު އެވެ. ދެ ވަަނައިގައި އޮތް އެތުލެޓިކޯ އަށް 23 މެޗުން 49 ޕޮއިންޓް އަދި ތިން ވަނައިގައި އޮތް ބާސެލޯނާ އަށް 23 މެޗުން 48 ޕޮއިންޓް ވަނީ ލިބިފަ އެވެ.

ސެވިއްޔާ ދަނޑުގައި ކުޅުނު މެޗުގައި، ރޮބަޓް ލެވަންޑޯސްކީ، ބާސެލޯނާ އަށް ހަތް ވަނަ މިނިޓްގައި ލީޑުނަގައިދީ، މި ފަހަރު ލީގުގައި އޭނާގެ 19 ވަނަ ގޯލު ޖެހި އެވެ. އެކަމަކު، އޭގެ މިނިޓެއް ފަހުން، ރުބެން ވާގާސް ވަނީ ގޯލެއް ޖަހައި ސެވިއްޔާ އަށް އެއްވަރުކޮށްދީފަ އެވެ.

ދެ ވަނަ ހާފު ފަށައިގެން މިނިޓެއްގެ ތެރޭގައި، ފާމިން ލޮޕޭޒް ވަނީ ބާސެލޯނާ އަށް އަލުން ލީޑުނަގައިދީފަ އެވެ. އޭގެ ފަހުން، ރަފީނިއާ ވަނީ ގޯލެއް ޖަހައި، ބާސެލޯނާ އަށް ލީޑުފުޅާކޮށްދީފަ އެވެ. އެކަމަކު، ބާސެލޯނާ އަށް ހާސްކަމެއް ކުރިމަތިވީ، މެޗުގެ 62 ވަނަ މިިނިޓްގައި އެ ޓީމުގެ ފާމިން ލޮޕޭޒް ކުރި ނުރައްކާތެރި ފައުލަކަށް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލައިފައި، ވަނީ ސީދާ ރަތް ކާޑެއް ދައްކައިފަ އެެވެ.

ކުޅުންތެރިއަކު މަދުކޮށް ކުޅެމުން ވެސް އެޓޭކަށް އެރުމުގެ ނަތީޖާ އަކަށްވީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން މިނިޓަކަށް ވެފައި ވަނިކޮށް، އެރިކް ގާސިއާ، ބާސެލޯނާ އަށް ހަތަރު ވަނަ ގޯލެއް ޖަހައިދިނުމެވެ.