Advertisement

ސަރުކާރުން ޓެކްސީ ހިދުމަތް ފަށަން ތައްޔާރުވާ ކަމަށް މިނިސްޓަރު ވިދާޅުވި ނަމަވެސް އެކަން ކުރަން ނޫޅޭ ކަމަށް ފަލާހު ވިދާޅުވެއްޖެ

10 ފެބުރުވަރީ 2025 - 10:27 1

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ޕީއެންސީގެ ޕީޖީ ލީޑަރު، އިބްރާހިމް ފަލާހު -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


ސަރުކާރުން ޓެކްސީ ހިދުމަތް ފަށަން ތައްޔާރުވާ ކަމަށް މިނިސްޓަރު ވިދާޅުވި ނަމަވެސް އެކަން ކުރަން ނޫޅޭ ކަމަށް ފަލާހު ވިދާޅުވެއްޖެ

10 ފެބުރުވަރީ 2025 - 10:27 1

ޓެކްސީ ހިދުމަތުގެ ކޮންޓްރޯލް ނެގުމަށް ސަރުކާރުން ޓެކްސީ ހިދުމަތް ދޭން ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވި ނަމަވެސް ސަރުކާރުން ޓެކްސީގެ ހިދުމަތް ދޭން ނޫޅޭ ކަމަށް އިނގުރައިދޫ ދާއިރާގެ ޕީއެންސީ މެންބަރު، އިބްރާހިމް ފަލާހު މަޖިލީހުގައި މިއަދު ވިދާޅުވެއްޖެ އެވެ.

ޓެކްސީ ޑްރައިވަރުންނާމެދު މި ސަރުކާރުން އަމަލު ކުރާ ގޮތް ކުށްވެރިކޮށް ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު، މީކާއިލް އަހުމަދު ނަސީމް މިއަދު ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން ފަލާހު ވިދާޅުވީ މި ސަރުކާރުން މަސައްކަތް ކުރަނީ ޓެކްސީ ޑްރައިވަރުންނަށް މަސައްކަތް ކުރެވޭނެ ރަނގަޅު މާހައުލެއް ގާއިމު ކޮށްދިނުމަށް ކަމަށެވެެ.

"ޓެކްސީ ޑްރައިވަރުންނަށް ހުރި ދަތިތައް ހައްލު ކޮށްދެއްވަން އެމަނިކުފާނުގެ [ރައީސް މުއިއްޒުގެ] ސަރުކާރުން މަސައްކަތް ކުރައްވަނީ، ސަރުކާރަކުންނެއް ނޫޅުއްވާ ޓެކްސީގެ ހިދުމަތް ދޭކަށެއް، ޓެކްސީ ޑްރައިވަރުންނަށް މިހާރު ހުރި ގޮންޖެހުންތަކާއި މި ހުރިހާ ކަމެއް އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އެ ގެންދަވަނީ ވަރަށް ކައިރިން ބައްލަވައި އެކަން ހައްލު ކުރައްވަން މެދުނުކެނޑި މަސައްކަތް ކުރައްވަމުން،" ފަލާހު ވިދާޅުވި އެވެ.

އޭނާ އެހެން ވިދާޅުވި ނަމަވެސް މިދިޔަ އޮކްޓޫބަރު މަހު ރައްޔިތުންގެ މަޖިލީހުގެ އިގުތިސާދީ ކޮމިޓީއަށް ހާޒިރުވެވަޑައިގެން ވާހަކަ ދައްކަވަމުން ޓްރާންސްޕޯޓު މިނިސްޓަރު އަމީން ވަނީ ޓެކްސީ ހިދުމަތް ދިނުން ސަރުކާރު ހިއްސާވާ ކުންފުންޏަކާ ހަވާލު ކުރަން ނިންމާފައިވާ ކަމަށާއި އެ ކަމަށް މަސައްކަތްތަކެއް ވެސް ކުރަމުންދާ ކަމަށް ވިދާޅުވެފަ އެވެ.

"ބްރޭންޑް ނިއު އެއްޗެހި [ކާރުތައް] ގެނެސްފައި ރާއްޖޭގެ އެސްއޯއީއަކާ ހަވާލު ކުރަން މިއުޅެނީ. އެސްއޯއީއަކާ ހަވާލުކޮށްގެން މިކަންތައް ފަށަން މިހާރު ގޮސްފައި އޮތް ހިސާބަކީ މާލެ ސަރަހައްދުގައި ޕާކް ކުރާނެ ތަންތަނުގެ ކޮންސާންސްއާ އެކީގައި އަޅުގަނޑުމެން މިނިސްޓްރީއަށް ސަރުކާރުގެ ތެރެއިން މިހާރު ބިން ކަނޑައަޅާފައި މިކަމަށް،" އަމީން ވިދާޅުވި އެވެ.

އާރްޓީއެލް ބަސް ހިންގާ ކޮންސެޕްޓްގެ ދަށުން އެމްޓީސީސީއާ ޓެކްސީގެ ހިދުމަތް ހަވާލު ކުރެވިދާނެކަން ފަހާގަ ކުރައްވައި އަމީން އެ ދުވަހު ވިދާޅުވީ އެ ކުންފުންޏަށް ކެޕިޓަލް އިންވެސްޓްމަންޓް ދީގެން ދިގު މުއްދަތަކަށް ޓެކްސީ ހިދުމަތް ދިނުމަށް ހަވާލު ކުރެވިދާނެ ކަމަށެވެ.

ޓެކްސީ ހިދުމަތް ދޭން ފަށާނީ ސޮއިކޮށްފައި ހުރި ކޮންވެންޝަންތަކާ އެއްގޮތަށް އިލެކްޓްރިކް ވެހިކަލްތައް ވެސް ބޭނުން ކޮށްގެން ކަމަށާއި ސްޓެލްކޯގެ ޕަވާ ގްރިޑަށް އެކަށީގެންވާ ވަރަށް 20 ޕަސަންޓާއި 25 ޕަސަންޓާ ދޭތެރޭގައި އިލެކްޓްރިކް ވެެހިކަލްތައް ބޭނުން ކުރާނެ ކަމަށް ވެސް އަމީން އެ ދުވަހު ވިދާޅުވި އެވެ.

ސަރުކާރުން ޓެކްސީ ލައިނެއް ތައާރަފުކޮށް ޓެކްސީގެ ހިދުމަތް ދިނުމަށް ނިންމާފައިވާކަން އެންމެ ފުރަތަމަ އިއުލާނު ކުރީ މިދިޔަ ޖުލައި 25، ގައި އޮތް ރަސްމިއްޔާތެއްގަ އެވެ. ނަމަވެސް އެކަމާ ދެކޮޅަށް ޓެކްސީ ޑްރައިވަރުން ނުކުމެ އިހުތިޖާޖު ކުރުމުން އޯގަސްޓު 4، ގައި ސަރުކާރުގެ ނިންމުން ބަދަލުކުރި އެވެ.

އެ ނިންމުން ބަދަލުކޮށް މިދިޔަ އޮކްޓޫބަރު މަހު އެކަމާ ގުޅޭގޮތުން މަޖިލީހުގައި އަމީން ވާހަކަ ދެއްކެވުމަށްފަހު ޓެކްސީ ހިދުމަތް ސަރުކާރުން ނުދޭނެ ކަމަށް ބުނެފައެއް ނުވެ އެވެ.