Advertisement

އެފްއޭ ކަޕް: ދެ ވަނަ ޑިވިޝަން ފުލުގައި އޮތް ޕްލިމަތުން ލިވަޕޫލް ކަޓުވާލައިފި

10 ފެބުރުވަރީ 2025 - 09:31 0


އެފްއޭ ކަޕް: ދެ ވަނަ ޑިވިޝަން ފުލުގައި އޮތް ޕްލިމަތުން ލިވަޕޫލް ކަޓުވާލައިފި

10 ފެބުރުވަރީ 2025 - 09:31 0

ލަންޑަން (ފެބްރުއަރީ 10) - ދެ ވަނަ ޑިވިޝަނުގެ ފުލުގައި އޮތް ޕްލިމަތު އާގައިލް އަތުން 1-0 އިން ބަލިވެ، އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނައިގައި އޮތް ލިވަޕޫލް އިނގިރޭސި އެފްއޭ ކަޕުން ކަޓައިފި އެވެ.

ލިވަޕޫލުން ރޭގެ މެޗަށް ނުކުތީ ބުރާސްފަތި ދުވަހުގެރޭ ލީގު ކަޕް ސެމީ ފައިނަލް ދެ ވަނަ ލެގުގައި ޓޮޓެންހަމް ހޮޓްސްޕާސް އަތުން މޮޅުވެ، އެ މުބާރާތުގެ ފައިނަލަށް ދިޔަ މެޗަަށް ނެރުނު ފުރަތަމަ އެގާރަ އަށް 10 ބަދަލެއް ގެނެސްގެންނެވެ.

ރޭގެ މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ޕްލިމަތަށް ދެ ވަނަ ހާފުގައި ޖަހައިދިނީ، ޕެނަލްޓީ އަކުން ރަޔާން ހާޑީ އެވެ. މިއީ، އޭރިއާތެރެއިން ލިވަޕޫލްގެ ހާވީ އެލިއަޓް އަތުގައި ބޯޅަ ޖެހުމުން ދިން ޕެނަލްޓީ އެކެވެ. އޭގެ ފަހުން، ދެ ވަނަ ލަނޑު ޖަހަން ހާޑީ ފޮނުވާލި ބޯޅަ ލިވަޕޫލްގެ ކީޕަރު، ކޮއިމްހިން ކެލަހާ ވަނީ މަތަކޮށްފަ އެވެ.

ލިވަޕޫލަށް އެއްވަރުކޮށްދޭން ޑިއޯގޯ ޖޮޓާ އާއި ޑާވިން ނޫނޭޒް ފޮނުވާލި ބޯޅަތައް ޕްލިމަތުގެ ކީޕަރު، ކޮނާ ހަޒާޑް ވަނީ ހުއްޓުވައިފަ އެވެ.

މިއީ، ލިވަޕޫލް މި ސީޒަނުގައި ބަލިވި ހަތަރު ވަނަ މެޗެވެ. އެއީ، ލީގުގައި ނޮޓިންހަމް ފޮރެސްޓް އަތުންނާއި ލީގު ކަޕް ސެމީ ފައިނަލް ފުރަތަަމަ ލެގުގައި ޓޮޓެންހަމް އަތުންނާއި ޗެމްޕިއަންސް ލީގުގައި ޕީއެސްވީ އައިންދޯވަން އަތުންނެވެ.

އެފްއޭ ކަޕްގައި ރޭ އެސްޓަން ވިލާ އިން ވަނީ 2-1 އިން ޓޮޓެންހަމް ބަލިކޮށްފަ އެވެ. މި މެޗުގައި، އެސްޓަން ވިލާގެ ލަނޑުތައް ޖެހީ، ޖޭކަބް ރަމްސޭ އާއި މޯހަން ރޮޖާސް އެވެ. ޓޮޓެންހަމްގެ ލަނޑު ޖެހީ، މަތީސް ޓެލް އެވެ.